ރާއްޖޭގައި ފެނާއި، ނަރުދަމާގެ މަސައްކަތް ނުފެށި ހުރި ރަށްތަކުގައި އެމަސައްކަތް ކުރުމަށް ހަވާލު ކުރުމުގައި ދައުލަތަށް ގެއްލުންވާ ގޮތަށް ކޮންޓްރެކްޓް ކޮށްފައިވުމަކީ ނަރުދަމާ އެޅުމުގެކުރިން އޭގައި ނަޖިސް ބޭރުވާން ފަށައިފާކަމުގެ ހެއްކެއް ކަމުގައި އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
ސައީދު މިފަދައިން ވިދާޅުވީ އިއްޔެ މަސައްކަތް ހަވާލުކުރި ރަށްތަކުގެ ތެރެއިން 8 ރަށެއްގެ މަސައްކަތް ހަވާލުކުރަނީ ދައުލަށް 154 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބޭ ގޮތަށްކަމަށް ބުނެ ދިޔަސް ނޫހުގައި ލިޔެފައިވާ އާޓިކަލްއަށް އިޝާރާތް ކުރައްވައެވެ.
ސައީދު ވިދާޅުވީ ނަޖިހުން ތާހިރުވުމަށް ފެށި މަސައްކަތް އޮތީ ނަޖިހުގައިކަމަށެވެ. މިހާރުވެސް ބައެއް މައްސަލަތައް އޭސީސީންވެސް ބަލަމުންދާއިރު އިއްޔެ ހަވާލުކުރި މަސައްކަތުގައިވެސް ދައުލަތަށް ބޮޑުތަނުން ގެއްލުންވާ ގޮތަށް ހަވާލު ކުރި ކުރުމަކީ ނަޖިހުން ތާހިރުވުމުގެ އަސްލު މަޤްސަދާއިމެދުވެސް ސުވާލު އުފެދޭ ކަމެއްކަމަށެވެ.
ނަރުދަމާ އެޅުމުގެ ކުރިން މިއޮތީ ނަޖިސް ދައުރުވާން ފަށާފަ! މިހާރު އޭސީސީވެސް ނަރުދަމާ ހޮޅިގަ! ދެން ތާހިރު ކަން އޮންނާނެ ވަރު އަންދާޒާ ކުރެވޭ.
– ސައީދު ވިދާޅުވިއެވެ.
މި މަސައްކަތްތައް ހަވާލުކުރާ ކުންފުނިތަކުން ހުށަހަޅާފައިވާ އަގުތަކާއި އެއަށްވުރެ ދަށް އަގު ހުށަހެޅި ކުންފުނިން ހުށަހަޅާފައިވާ އަގުގެ ތަފާތުތައް ލިޔެކިޔުންތަކަށް ބަލާއިރު ވަރަށް ބޮޑެވެ. އެ ތަފާތު ޖުމްލަ އެއްކޮށްލުމުން ކުޑަ އަގު ހުށަހެޅި ކުންފުނީގެ އަގާއި މަސައްކަތް ހަވާލުކުރަން ނިންމާފައިވާ ކުންފުނީގެ އަގުގެ ފަރަގު 154،858،558.04 (ސަތޭކަ ފަންސާން ހަތަރު މިލިއަން، އަށް ލައްކަ ފަންސާސް އަށްހާސް ފަސްސަތޭކަ ފަންސާސް އަށް ރުފިޔާ ހަތަރު ލާރި)އަށް އަރައެވެ.
މިދިޔަ 3 އަހަރުގެ ތެރޭގައި 48 ރަށުގެ ނަރުދަމާއާ 60 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ހަވާލުކޮށް ދަނީ ކުރަމުންނެވެ. މިހާތަނަށް 9 ރަށުގެ ނަރުދަމާއާ 8 ރަށުގެ ފެނުގެ ނިޒާމުގެ މަސައްކަތް ނިމި، ރައްޔިތުންނަށްވަނީ ޚިދުމަތް ދޭން ފަށާފައެވެ. އަލަށް ސޮއިކޮށްފައިވަނީ 23ރަށުގެ ފެނުގެ ނިޒާމު ޤާއިމުކުރުމާއި، 16ރަށުގެ ނަރުދަމާގެ މަސައްކަތެވެ. މި 23 ރަށުގެ މަޝްރޫއަށް ސަރުކާރުން 920 މިލިއަން ރުފިޔާ ހޭދަކުރެއެވެ.
ކޮމެންޓު ފޮނުވާ