ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން ހުށަހެޅޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށްޓަކައި ތައްޔާރުކޮށްފައިވާ "ބީލަން ޕޯޓަލް" މިއަދު އިފްތިތާހުކޮށްފިއެވެ.
މިއަދު އިފްތިތާހް ކުރެވިގެން ދިޔައީ ދައުލަތުގެ އޮފީސްތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓްތަކާއި ގުޅިގެން ބަލައިގަނެވޭ ބިޑް ޕްރޮޕޯސަލްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބަލައިގަތުމަށް ޑިވެލޮޕް ކޮށްފައިވާ ބީލަން ޕޯޓަލްއެވެ.
މިއަދުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވީ އެއް މާލަމަކަށް ހާޟިރުވެ ބިޑް ހުށަހެޅުމުގެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ހުރި ދަތިކަން އެންމެ ބޮޑަށް އިޙްސާސް ކުރެވިގެން ދިޔައީ ކޯވިޑް-19 ގެ ހާލަތާއި ގުޅިގެން ކަމަށެވެ. އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ބީލަންތައް ބަލައިގަތުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުމަށްއެދި ބީލަންވެރިންނާއި އަދި ދައުލަތުގެ އޮފީސްތަކުން އެކަމުގެ ކަންބޮޑުވުންތައްވަނީ ތަކުރާރުކޮށް މިނިސްޓްރީއާއި ހިއްސާކޮށްފައިކަމަށެވެ. އެހެންނަމަވެސް އެންމެ ބޮޑު އެއް އަމާޒަކަށް ވެގެން ދިޔައީ އިލެކްޓްރޯނިކް ނިޒާމަކުން ބިޑް ބަލައިގަތުމުގެ ކަންކަން ހަމަޖެއްސިގެންދާއިރު ދައުލަތުގެ ޕްރޮކިއުމަންޓް ނިޒާމްގެ މަޤްސަދު ހާސިލްވާނޭހެން އަދި ފަސޭހަގޮތަކަށް ބީލަންވެރިންނަށް ޕްރޮޕޯސަލް ހުށަހެޅޭނެހެން މިކަންކުރުމުގެ މަގު ފަހިކޮށްދިނުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
މިއަދު ލޯންޗުކުރެވުނު ޕޯޓަލް ފަރުމާކުރެވިފައިވަނީ ބީލަންވެރިން ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ރައްކާތެރިކަން ބިޑް ހުޅުވުމުގެ ވަގުތާއި ހަމައަށް ހިފެހެއްޓޭނެގޮތަށެވެ. އަދި، ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅުމަށް ބޭރު ގައުމުތަކަށް ނިސްބަތްވާ ބީލަންވެރިންވެސް އިސްތިސްނާވެގެން ނުވާނެއެވެ. މިގޮތުން، ކުރިއަށް އޮތްތަނުގައި އެންމެ ބޮޑު އެއް އަމާޒަކީ ފަންޑު ދޭ އެޖެންސީތަކުގެ ޕްރޮކިއުމަންޓްތަކުގައި މި ޕޯޓަލް މެދުވެރިކޮށް ބިޑް ހުށަހެޅޭނެ އިންތިޒާމް ހަމަޖެއްސުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.
ޕްރޮކިއުމަންޓްގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންނަކީ ޕްރޮކިއުމަންޓާއި އޭގެ ސިޔާސަތުތަކުގެ މުހިއްމުކަން ދަނެގެން އެ މަސައްކަތް ކުރާ ބަޔަކަށް ހެދުމަށްޓަކައި، މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި ގުޅިގެން ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަ ޓްރެއިނިންގ ޕްރޮގްރާމެއް އެކުލަވާލުމުގެ މަސައްކަތް ކުރަމުންދާކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ.
އަޅުގަނޑުމެންގެ އަމާޒަކީ 2022 ވަނަ އަހަރުގެ ޖަނަވަރީ މަހު މި ޓްރެއިނިންގ ޕްރޮގްރާމް ވުޖޫދަށް ގެނެސް އެ އަހަރުގެ ފުރަތަމަ ދެ ކުއާޓަރ ނިމުމުގެ ކުރިން ދައުލަތުގެ އެކި އޮފީސްތަކުގެ ޕްރޮކިއުމަންޓްގެ މަސައްކަތުގައި ހަރަކާތްތެރިވާ 1200 އަށްވުރެ ގިނަ މުވައްޒަފުން މި ޓްރެއިނިންގ ޕްރޮގްރާމް ފުރިހަމަ ކުރުން. 2019 ވަނަ އަހަރު ފުރަތަމަ ފަހަރަށް ދިވެހިރާއްޖޭގައި ބޭއްވުނު ބީލަންވެރިންގެ މަހާސިންތާގައި ބީލަންވެރިން އެދުނު އެންމެ ބޮޑު އެދުމަކީ ދައުލަތުގެ ކުންފުނިތަކުގެ ޕްރޮކިއުމަންޓްތަކުގެ މައްސަލަތައް ހައްލުކޮށްދިނުން. އެގޮތުން، މިހާރުވަނީ ސަރުކާރު ކުންފުނިތަކުން އެކުންފުންޏެއްގެ އަމިއްލަ ޕްރޮކިއުމަންޓް ޕޮލިސީތަކަށް އަމަލުކުރަމުން އަންނަ އައުން ނިމުމަކަށްގެނެސް، ސަރުކާރު ހިއްސާވާ ކުންފުނިތަކުން އަމަލުކުރުމަށްޓަކައި ޕްރޮކިއުމަންޓް ޕޮލިސީ ގައިޑްލައިން އެކުލަވާލައި އެ ގައިޑްލައިނާއި އެއްގޮތަށް އަމަލުކުރުމަށް އެކުންފުނިތަކަށް ވާނީ އަންގާފަ.
– މިނިސްޓަރ ވިދާޅުވިއެވެ.
ޕްރޮކިއުމަންޓްގެ މަސައްކަތްތައް އިލެކްޓްރޯނިކް ނިޒާމެއްގެ ތެރެއިން ކުރިއަށް ގެންދިއުމަށްޓަކައި އިލެކްޓްރޯނިކް ގަވަރމަންޓް ޕްރޮކިއުމަންޓް ސިސްޓަމަކަށް ދިއުމަކީ އެންމެ ބޮޑު އެއް އަމާޒު ކަމަށާއި، މިއީ އެ އަމާޒަށް ވާސިލްވުމަށް އެޅިގެންދާނެ އެންމެ ފުރަތަމަ ފިޔަވަޅު ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ އިލެކްޓްރޯނިކް ނިޒާމަކަށް ބަދަލުވުމުގައި ދިމާވާ ދަތިތައް ހައްލު ކުރުމުގައި އަޅުގަނޑުމެންގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމުގެ ފުރިހަމަ ޔަގީންކަން އަރުވާ ކަމަށެވެ.
ކޮންޓްރެކްޓަރުންގެ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ދައުލަތުގެ އޮފީސްތަކަށް ހުށަހެޅޭ ބިލްތަކަށް ފައިސާ ލިބިމުގައި ދިމާވާ ދަތިތައް ކަމަށާއި، މިކަމަށް ހައްލެއް ހޯދައިދިނުމުގެގޮތުން ދައުލަތުގެ ކޮންމެ އޮފީހަކަށްވެސް ބިލް ހުށަހެޅޭ ފުރަތަމަ ތާރީޚުން ފެށިގެން މިނިސްޓްރީއަށް އެ ބިލް ޓްރެކް ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަޝްވަރާތައް ކުރިއަށްދާކަމުގެ އުފާވެރި ހަބަރުވެސް މިނިސްޓަރ ވަނީ މިއަދު ދެއްވާފައެވެ.
ކޮމެންޓު ފޮނުވާ