ކޯވިޑް ވެކްސިންގެ 2 ޑޯޒް ޖަހާފައިވާ މީހުންގެ ތެރެއިން ބަލިޖެހުން ނުރައްކާ ބޮޑު މީހުންނަށްދޭ ބޫސްޓަރ ޑޯޒް ޖަހައިދޭ ޢުމުރު 50އަށް ދަށްކޮށްފިއެވެ.
މީގެ ކުރިން ބޫސްޓަރ ޑޯޒް ދެމުން އައީ ޢުމުރުން 60 އަހަރުން މަތީގެ މީހުންނަށެވެ. އެޗްޕީއޭއިން ބުނީ އެ ނިންމުން ބަދަލުކޮށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ޢުމުރުން 50 އަހަރުން މަތީގެ މީހުންނަށް ބޫސްޓަރ ޑޯޒް ދިނުމަށް ނިންމާފައިވާކަމަށެވެ.
ބޫސްޓަރ ޑޯޒް ދިނުމުގައި ބަލާ ކަންކަމުގެ ތެރޭގައި:
– ފްރަންޓްލައިންގައި މަސައްކަތްކުރާ ސިއްހީ ހިދުމަތްތެރިން
– ހަށިގަނޑުގެ ގުނަވަނެއް ބަދަލުކޮށްފައިވާ މީހުން – ހަށިގަނޑުގެ ދިފާއީ ބާރު ދެރަކުރާ ފަދަ ބޭސްތައް ބޭނުންކުރާ މީހުން – ދިގު މުއްދަތަކަށް ސްޓެރޮއިޑްސް ބޭނުންކުރާ މީހުން – ގަވާއިދުން ޑަޔަލިސިސް ހަދާ މީހުން – ކެންސަރަށް ފަރުވާ ކުރާ މީހުންނާއި ފަރުވާ އަށް ފަހު އެއް އަހަރު ނުވާ މީހުން – އިސްކޮޅާ އަޅާ ބަލާއިރު ބަރުދަން މަތި މީހުން – އޮކްސިޖަން ތެރެޕީ ނަގާ މީހުން – ފުއްޕާމޭގެ އެކި ބަލިތަކަށް ފަރުވާ ކުރާ މީހުން – ފުރަމޭގެ ބައްޔެއްގައި ފަރުވާދީފައިވާ މީހުން – ހަކުރުބަލީގެ ސަބަބުން ގުނަވަނަކަށް ގެއްލުންވެފައިވާ މީހުން – ބަލީގެ ސަބަބުން އެނދުމަތިކޮށްފައިވާ މީހުން
– ހިތުގެ ބަލިތަކަށް ފަރުވާކުރާ މީހުން
އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި 191 މީހަކު ވަނީ ބޫސްޓަރ ޑޯޒް ޖަހާފައެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ބޫސްޓަރ ޝޮޓް ޖަހާފައިވާ 113 މީހަކާއި އަތޮޅުތެރެއިން ވެކްސިންގެ 3 ވަނަ ޑޯޒު ޖަހާފައިވާ 78 މީހެކެވެ. މިއާއެކު ބޫސްޓަރ ޑޯޒް ޖެހި މީހުންގެ ޢަދަދު ވަނީ 5390އަށް އަރާފައެވެ.
ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ވެކްސިންގެ ދެ ޑޯޒު ފުރިހަމަކޮށްފައި ވަނީ 194 މީހެކެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަޙައްދުން ވެކްސިންޖެހި 175 މީހަކާއި އަތޮޅުތެރެއިން ވެކްސިން ފުރިހަމަކުރި 19 މީހެކެވެ. މިމީހުންނާއެކު ވެކްސިންގެ ދެޑޯޒު ފުރިހަމަކުރި މީހުންގެ ޢަދަދު ރާއްޖޭގައި ވަނީ 361391 އަށް އަރާފައެވެ.
ކޯވިޑުން ދިފާޢުވުމަށް ދޭ ވެކްސިންގެ ފުރަތަމަ ޑޯޒް އަންގާރަ ދުވަހު 70 މީހަކު ވަނީ ޖަހާފައެވެ. މީގެ ތެރޭގައި މާލޭ ސަރަޙައްދުން ވެކްސިން ޖެހި 54 މީހުންނާއި އަތޮޅުތަކުން ވެކްސިން ޖެހި 16 މީހަކު ހިމެނެއެވެ. މިއާއެކު ވެކްސިންގެ ފުރަތަމަ ޑޯޒް ޖެހި މީހުންގެ ޖުމްލަ ޢަދަދުވަނީ 395195 އަށް އަރާފައެވެ.
މާލެއާއި ވިލިމާލެ އަދި ހުޅުމާލެ ހިމެނޭހެން 6 ސެންޓަރެއްގައި ވެކްސިން ދިނުން ކުރިއަށްދެއެވެ. އަދި ގޭގެއަށް ގޮސްގެން ވެކްސިން ދިނުމަށް 3 މޮބައިލް ޓީމް ޙަރަކާތްތެރިވެއެވެ. މީގެއިތުރުން އަތޮޅުތެރޭގެ 176 ސެންޓަރެއްގައި އަންނަނީ ވެކްސިން ޖަހައިދެމުންނެވެ.
ކޮމެންޓު ފޮނުވާ