ރާއްޖޭގައި މިހާރު އޮތް ސަރުކާރު ބަދަލު ކުރަން ދައްކަންޖެހޭ ކޮންމެ އަގެއް ދައްކައިގެންވެސް ވެރިކަން ބަދަލު ކުރަން ދިވެހި ރައްޔިތުން ތިބީ ތައްޔާރަށް ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އިދިކޮޅު ކޯލިޝަނުން މިއަދު މާލޭގައި ބޭއްވި ސުލްހަވެރި ހިނގާލުމުގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރާއްޖޭގެ މިނިވަންކަމާއި ދިޔާދަތާއި އިސްތިޤުލާލަށް ބުރޫއަރާފަދަ އެތައް ކަމެއް މިސަރުކާރުން ކުރަމުންދާއިރު އެކަންކަން ހާމަ ކުރަން ރައްޔިތުން ހުއްޓުމެއްނެތި ގޮވަމުން ދާކަމަށެވެ. ނަމަވެސް ސަރުކާރުން އެކަމަށް އެއްވެސް ސަމާލުކަމެއް ނުދީ ބީރުކަންފަތެއް ދީފައިވާކަމަށެވެ.
އިންޑިއާއާއިއެކު ސަރުކާރުން ވަކި މަޤްސަދެއްގައި ޤައުމުގެ މިނިވަންކަން ގެއްލޭފަދަ އެތައް އެއްބަސްވުމެއް ހަދާފައިވާއިރު އެއިން އެއްވެސް އެއްބަސްވުމެއް ދިވެހި ރައްޔިތުންނަށް ހާމަނުކޮށް، އަދި މަޖިލީހަށްވެސް ހިއްސާ ނުކުރުމަކީ އޮތް ބޮޑު ކަންބޮޑުވުމެއްކަމަށެވެ. އޭނާ ވިދާޅުވީ މިހަރަކާތް ހުއްޓުވުމަށް އެކި ގޮތްގޮތުން މަސައްކަތް ކުރަމުންދާކަމަށާއި، ނަމަވެސް މިކަން ދެން ނުހުއްޓުވޭނެކަމަށެވެ. ރައްޔިތުން ތިބީ މިވެރިކަން ބަދަލު ކުރުމަށް ދައްކަންޖެހޭ ކޮންމެ އަގެއް ދައްކައިގެންވެސް ވެރިކަން ބަދަލު ކުރުމަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މަޖިލީހަށް ފޮނުވައި އެއްބަސްވުނަތައް ހާމަ ކުރަންޖެހޭ. ހަރަކާތް ހުއްޓަން ކިތަންމެ މަސއްކަތެއް ކުރިޔަސް ނުހުއްޓުވޭނެ. ސަރުކާރަށް ރައްޔިތުންގެ ތާއީދު ނެތް. ބޭނުންވަނީ އަނިޔާވެރި ޢައްދާރު ސަރުކާރު ބަދަލު ކުރަން. އަމިއްލަ އެދުމަށް މާތްވެގެންވާ އިސްލާމްދީން ގުރުބާން ކޮށްގެން ނުވާނެ. މިފަސްގަނޑު ގުރުބާން ކޮށްގެން ނުވާނެ.
– އަދުރޭ ވިދާޅުވިއެވެ.
ރާއްޖޭގައި މިއަދު އޮތް ސަރުކާރުން ވަނީ ދީނާއި ޚިލާފް ވާހަކަ ދައްކައި ދީނީ އެއްބައިވަންތަކަން ނާގާލާ މީހުންނަށް ހިމާޔަތް ދެމުން ކަމަށާއި، އެމްޑީއެން ރިޕޯޓް ނުރުނު މީހުން މިޤައުމުން ފުރުވާލީ މިސަރުކާރު އަޑީގައި އޮވެގެންކަމަށް އަދުރޭ ވަނީ ތުހުމަތު ކުރައްވާފައެވެ.
އިއްޔެ ރާއްޖޭގައި ފާހަގަ ކުރި ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ޖުމްހޫރީ ވެރިކަމަކީ ރައްޔިތުންނާއި ގުޅިގެން ރައްޔިތުންގެ މަޝްވަރާގެ މަތީން ހިނގާނެ ސަރުކާރެއްކަމަށެވެ. ނަމަވެސް މިއަދު އޮތް ސަރުކާރަކީ އަމިއްލަ އަދުން އިސްކޮށްގެން ހިނގާ ސަރުކާރެއް ކަމަށާއި، ރައްޔިތުންގެ އެއްވެސް ބައިވެރިވުމެއް ނެތްކަމަށެވެ. ހަމައެކަނި އޮތީ ވެރިކަން ކުރާ ކޯލިޝަންގެ ލީޑަރުންގެ މަސްލަހަތު އޮރް ސަރުކާރެއްކަމަށެވެ.
އަބްދުއްރަހީމް ވިދާޅުވީ ރާއްޖެ މިއަދު ދެކެމުންދާ ދުވަސްތަކަކީ ދިވެހި ތާރީހުގައިވެސް ދިވެހިން ދެކުނު އެންމެ ހިތްދަތި ދުވަސްތައް ކަމަށެވެ. ރައްޔިތުން ބޮޑު އަޅުވެތިކަމެއްގައި ތިބިއިރު، މިނިވަންކަން ހޯދުމަށް ކުރެވޭ މަސައްކަތަކީ ދިވެހިން ކޮންމެފަދަ ގުރުބާނީއެއް ވެގެންވެސް ހޯދާނެ ހައްގެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ، އެކަން ކުރުމަށް މިއަދު މަގުތަކަށް ނިކުންނަ މީހުންގެ އަދަދުންވެސް ސާފުވާކަމަށާއި، ވޯޓު ފޮށި ކޮންމެ ދުވަހަކު ބެހެއްޓިޔަސް މިސަރުކާރު ބޮޑު ތަނުން ބަލި ކުރާނެކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ