ޔާމީނާއިއެކު މަސައްކަތް ނުުކުރެވޭ ބަޔަކާއިއެކު ސިޔާސީ މަސައްކަތެއް ނުކުރާނެ: އަދުރޭ

ޔާމީނާއިއެކު މަސައްކަތް ނުުކުރެވޭ ބަޔަކާއިއެކު ސިޔާސީ މަސައްކަތެއް ނުކުރާނެ: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
25 އޮކްޓޯބަރ 2021 08:00
0

ރައީސް ޔާމީނު ބައިވެރިނުކޮށް ކުރެވޭ އެއްވެސް މަސައްކަތެއްގައި ޕްރޮގްރެސިވް ކޯލިޝަނުން ބައިވެރި ނުވާނެކަމަސް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވީ ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާއެކު ސިޔާސީ މަސައްކަތް ނުކުރެއްވި ނަމަވެސް އެމަނިކުފާނު ރައީސްކަން ކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގެ މެންބަރުންނާއެކު މަސައްކަތް ކުރެވޭނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީގެ ލީޑަރު މުހައްމަދު ނާޒިމް ވިދާޅުވެ ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.

ނާޒިމްގެ ވާހަކަތަކާއި ގުޅިގެން އަބްދުއްރަހީމް ވިދާޅުވީ، ރައީސް ޔާމީންއަކީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ލީޑަރު ކަމަށެވެ. އެމަނިކުފާނާއި ނުލައި ސިޔާސީ ގޮތުން ކުރާނެ އެއްވެސް މަޝްވަރާއެއް މަސައްކަތެއްވެސް ނޯންނާނެކަމަށް އޭނާ ވިދާޅުވިއެވެ.

ރައީސް ޔާމީނާއި އެކު ސިޔާސީ މަސައްކަތް ނުކުރައްވާ ބޭފުޅަކާއެކީ ނުވަތަ ޕާޓީއަކާ އެކީ ޕީ.ޕީ.އެމް/ޕީ.އެން.ސީއަކުން މަސައްކަތެއް ނުކުރާނެ.

– އަދުރޭ ވިދާޅުވިއެވެ.

މިއަދު އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުންނާއި ރައީސް ނަޝީދު ބައްދަލު ކުރުމުންވެސް އެކޯލިޝަނުން ވަނީ ރައީސް ޔާމީން ނެތި ކުރާ މަޝްވަރާއެއްގައި ބައިވެރި ނުވާނެކަމަށްބުނެ ބައްދަލުވުން ނިންމާލާފައެވެ. ޕީޕީއެމްއިން ބުނަމުންދަނީ ރައީސް ޔާމީނަކީ 2023ގެ އިދިކޮޅު ކެނޑިޑޭޓް ކަމަށާއި ރައީސް ޔާމީނަށް ނުހައްގުން ދެމުންދާ އަނިޔާއިން އެމަނިކުފާނު މިނިވަން ނުވަނީސް ސިޔާސީ ގޮތުން ކުރަންޖެހޭ އެއްވެސް މަޝްވަރާއެއް ނޯންނާނެކަމަށެވެ.

މިއަދު ބޭއްވި ޕްރެސްގައި ނާޒިމް ވިދާޅުވީ އެމްއެންޕީން މަސައްކަތް ކުރާނެ އުސޫލު ނިންމާނީ ޕާޓީގައި މަޝްވަރާކޮށް މެންބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ. ރައީސް ޔާމީނާއެކު މަސައްކަތް ނުކުރައްވަން ނިންމެވީ އަމިއްލަފުޅަށް ކުރެއްވުނު އެތައް ތަޖުރިބާތަކެއްގެ ސަބަބުން ކަމަށް ވިދާޅުވިއެވެ. އެ ހުރިހާ ވާހަކަތައް މިވަގުތު ތަފްސީލުކޮށްދެވެން ނެތް ކަމަށްވެސް ވިދާޅުވިއެވެ. އަދި ވިދާޅުވީ އެމްއެންޕީން އަދި އެމަނިކުފާނުވެސް ޕީޕީއެމާއެކު މަސައްކަތް ކުރާނެ ކަމަށެވެ. ސިޔާސީ މަސައްކަތް ކުރެވެން ނެތީ ރައީސް ޔާމީނާއެކު ކަމަށްވެސް ވިދާޅުވިއެވެ. ނާޒިމް ވިދާޅުވީ ޔާމީނާއެކު މަސައްކަތް ނުކުރި ނަމަވެސް ޕީޕީއެމްގެ އާންމު މެންބަރުންނާއެކު މަސައްކަތް ކުރެއްވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.