މިނޫނީ ނިންމާ ކޮންމެ ނިންމުމެއް ދެފަހަރަކު ދެގޮތަށް ނިންމާ ސަރުކާރެއްނެތް: އަދުރޭ

މިނޫނީ ނިންމާ ކޮންމެ ނިންމުމެއް ދެފަހަރަކު ދެގޮތަށް ނިންމާ ސަރުކާރެއްނެތް: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
20 އޮކްޓޯބަރ 2021 07:45
0

ކޮންމެ ކަމެއް ނިންމުގައިވެސް ސަރުކާރު ފެނިގެންދަނީ ދެފަހަރު އެއްގޮތަކަށް ނިންމާތަން ކަމުގައި އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމާއި މިވެރިކަމާއި ހުރި ތަފާތު ނިންމާ ނިންމުންތަކަށް އެކަނި ބަލައިލުމުންވެސް އެގިގެންދާނެކަމަށެވެ. މިސަރުކާރުން ނިންމާ ކޮންމެ ނިންމުމެއް އެއްގޮތަކަށް ނުނިންމެނޭ ކަމަށެވެ. ކޮންމެ ނިންމުމެއް ފެނިގެންދަނީ ދެފަހަރު ދެގޮތަކަށް ނިންމާތަން ކަމަށެވެ.

މިސަރުކާރުން ނިންމާ ކޮންމެ ކަމެއް ސައުވީސް ގަޑިއިރު ނުވަނީވެސް ނިންމި ގޮތާއި މުޅިން އެހެން ގޮތަކަށް މިދަނީ. ދައްޕަރު މައްސަލާގައިވެސް، ފުލުހުންގެ މުއައްއަސާގެ ބާރު ހޯމް މިނިސްޓްރީން ނެގުންވެސް ހަމަ މިފަދަ. ރައީސް ޔާމީންގެ ވެރިކަމުގައި ކޮންމެ ކަމެއް ނިންމާފައިވަނީ ވަރަށް ވިސްނާފަ. ޖެހި ވަޑައި ނުގަންނަވާ ކަމެއް ނިންމާފަ ދެން އެކަން ބަދަލު ކުރަން އުޅުއްވާކަށް. މިއީ އެއްވެސް ހަމައެއް ލަމައެއްނެތި ހިނގާދާ ސަރުކާރެއް.

– އަބްދުއްރަހީމް ވިދާޅުވިއެވެ.

އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ބާއްވާ ހިނގާލުމަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ބައިވެރިވެވޭނެ ހުޅުވާލެވިގެން ބާއްވާ ހަރަކާތެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި މިހިނގާލުމަކީ އެއްވެސް ހާލެއްގައި މުޒާހަރާއެއް ނޫންކަމަށާއި، އަދި މިއީ ފުލުހުންނާއި ކުިރމަތިލައި ހަމަނުޖެހުން ނަގާލުމަށް ހިންގޭ ހަރަކާތެއް ނޫންކަމަށެވެ. މި ހިނގާލުމަކީ މިނިވަންކަމުގެ ދިފާއުގައި ދިވެހިން ތިބިކަން ހާމަކޮށްދޭން ބާއްވާ ސުލްހަވެރި ހިނގާލުމެއްކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖޭގެ ފަސްގަނޑު އެންމެ ތަންކޮޅެއްވެސް ބޭރުގެ ބަޔަކަށް ދިނުމަކީ ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީއާއި ޚިލާފް ކަމަކަށްވާއިރު، މިއަދު މިސަރުކާރުން ޤާނޫނު އަސާސީއާއި ޚިލާފްވެ ޤައުމުގެ މިނިވަންކަމަށް އަރައި ގަނެފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.