ކޯވިޑް-19 ގެ އިޤްތިޞާދީ ހާލަތަކާއި ގުޅިގެން ރާއްޖޭގެ ރައްޔިތުންނަށް އިޤްތިޞާދީ ދަތިކަމެއް ނެތްކަން އައިފޯން 12 ގެ ޕްރީ އޯޑަރުތަކަށް އެކަނި ބަލައިލުމުން ހާމަވެގެން ގޮސްފައިވާކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމަށް ވާދަކުރައްވާ އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.
އެޕަލްއިން އެންމެ ފަހުން ނެރުނު އައިފޯން 12 ސީރީޒްގެ ފޯނުތައް އުރީދޫއިން ޕްރީއޯޑަރަށް ހުޅުވާލުމާއެކު ޕްރޯ މޮޑެލްގެ ސްޓޮކް އުރީދޫއިން މިހާރުވަނީ ހުސްވެފައެވެ. އައިފޯންގެ އެންމެ ފަހުގެ މި ފޯނަކީ ގިނަބައެއްގެ ސަމާލުކަން ހުއްޓިފައިވާ ފޯނަކަށްވާއިރު މިފޯނު ބާޒާރަށް ނެރެފައި ވަނީ ކޯވިޑް19 ގެ ހާލަތުގައި އިޤްތިޞާދީ ގޮތުން ގިނަ ރައްޔިތުންތަކެއް ދަތިތަކާއި ކުރިމަތިވެފައިވާ ވަގުތެއްގައެވެ.
ނަމަވެސް އުރީދޫއިން ޕްރީ އޯޑަރު ހުޅުވާލިތާ މަދު ވަގުތުތަކެއްގެ ތެރޭގައި އޯޑަރު ތަކުގެ ސްޓޮކް ވަނީ ހުސްވެފައެވެ. މިކަމާއި ގުޅިގެން އަލްހާން ކުރެއްވި ޓްވީޓްގައި ވިދާޅުވީ އިޤްތިޞާދީ މިހާލަތުގައި ބޭކާރު ޚަރަދު ކުރުމަށްވުރެ ފަހަށް ރައްކާ ކުރުމަކީ ބުއްދި ވެރި ގޮތްކަމަށެވެ. ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމުތަކުގައިވެސް އެންމެ މުއްސަދި މީހުންވެސް މިހާތަނަވަސް ކަމާއިއެކު އުޅޭ މަންޒަރު ނުފެންނަކަމަށް އަލްހާން ވަނީ ވިދާޅުވެފައެވެ.
އިޤްތިޞާދީ ޙާލަތު ދަށަށް ދިޔަކަމުގެ އިޙްސާސެއްވެސް ހަމަ ނެތީތޯ؟ އެއްވަނަ ދުނިޔޭގެ ޤައުމުތަކުގެ މުއްސަނދިންނަށްވުރެ ޚަރަދު ކުރުމުގައި އަޅުގަނޑުމެން ދިވެހިން މިތިބީ މާ ކުރީގަ ނޫންތޯ؟ ޙާލަތާ ވަގުތާ ނުބައްދަލު ބޭކާރު ޚަރަދު ކުރުމަކީ ބަދަލުކުރަންޖެހޭ އަޚްލާޤެއް!
– އަލްހާން ފަހުމީ
އައިފޯން 12 ޕްރޯއަށް އޮތް ޑިމާންޑު ބޮޑުވުމާއެކު 24 ގަޑިއިރުގެ ތެރޭގައި އެ މޮޑެލްގެ ސްޓޮކް ވަނީ ހުސްވެފަ އެވެ.އުރީދޫއިން އައިފޯން 12ގެ 128 ޖީބީ ވިއްކަނީ 20،099 ރުފިޔާއަށެވެ. އަދި 256 ޖީބީ ވިއްކަނީ 22،299 ރުފިޔާއަށެވެ. މި ދެ މޮޑެލްވެސް ލިބެން ހުރީ ކަޅު ކުލައިންނެވެ.
މިހާރު ވިކި ހުސްވެފައިވާ އައިފޯން 12 ޕްރޯގެ ދެ ކުލަ (ގްރެފައިޓް ބްލެކް، ޕެސިފިކް ބްލޫ) ވެސް ވިއްކަނީ 25،799 ރުފިޔާއަށެވެ. އެއީ 256ޖީބީގެ މޮޑެލް އެވެ.
ކޮމެންޓު ފޮނުވާ