ޤައުމީ ޓީމަށް ސަޕޯޓް ކުރުމަށް ޓިކެޓް ނުލިބުމުން ދަނޑު ކައިރީގައި އަޑު އުފުލަނީ

ޤައުމީ ޓީމަށް ސަޕޯޓް ކުރުމަށް ޓިކެޓް ނުލިބުމުން ދަނޑު ކައިރީގައި އަޑު އުފުލަނީ

Author
މުޙައްމަދު ޝަޒައިމް
09 އޮކްޓޯބަރ 2021 01:30
0

މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ކުޅުމަށް ހަމަޖެހިފައިވާ އުރީދޫ ސާފް ޗެންޕިއަންޝިޕްގައި ދިވެހި ޤައުމީ ޓީމަށް ސަޕޯޓް ކުރުމަށް ދިވެހިންނަށް ދަނޑަށް ވަންނަން ޓިކެޓް  ނުލިބި ހިންހަމަ ނުޖެހުން ފާޅު ކުރަން ފަށައިފިއެވެ.

މިއަދު ހެނދުނުން ފެށިގެން ދިގު ކިއުއެއްގައި ޓިކެޓް ގަތުމަށް ގިނަ ބަޔަކު ދަނޑު ކައިރިއަށް ގޮސްފައިވެއެވެ. ނަމަވެސް ވަކި ހިސާބަކުން އެފްއޭއެމްއިން ވަނީ ޓިކެޓް ހުސްވެއްޖެކަމަށް ބުނެފައެވެ. ނަމަވެސް ޓިކެޓް ގަތުމަށް ތިބި މީހުން ބުނެފައިވަނީ ޓިކެޓް އަދި ހުސްނުވާނެ ކަމަށާއި، ޓިކެޓް ދޭންޖެހޭނެކަމަށެވެ.

އެއްވި މީހުން ވަނީ އެފްއޭއެމްގެ ރައީސް ބައްސާމްގެ އިސްތިއުފާއަށްވެސް ގޮވާ ހަދާފައެވެ. މިހާރު އެސަރަހައްދު ކޮންޓްރޯލް ކުރުމަށް އެސްއޯ ފުލުހުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެއްވި މީހުން ވަނީ ޓިކެޓް ނުލިބުމުން ދަނޑަށްވެސް ވަދެފައެވެ. ނަމަވެސް މިހާރު ސްޓަރ ފޯސްގެ ފުލުހުން ގޮސް ސަރަހައްދު ވަނީ ކޮންޓްރޯލްކޮށްފައެވެ.

ނަމަވެސް އެއްވި މީހުން ތިބީ ވަރަށް ބޮޑަށް މެޗު ބެލުމަށްޓަކައި ދަނޑަށް ވަނުމަށް ޓިކެޓް ބޭނުންވެފައެވެ. ދިވެހި ޓީމަށް ސަޕޯޓް ކުރުމަށް ދިވެހިން ބޭނުންވާ މިންވަރު މިއަދު ގަލޮޅު ދަނޑު ކައިރިން ދަނީ ހާމަވަމުންވެ. ޓިކެޓްގެ މައްސަލާގައި އެފްއޭއެމްއިން އަދި ވަކި އެއްޗެއް ބުނެފައިނުވެއެވެ.

މާދަމާ ރާއްޖެ އާއި ލަންކާ ބައްދަލު ކުރާ މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ހަވީރު 16:00 ގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.