ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ، ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތައް ޖޫރިމަނާ ކުރުމަށް އެންވާރުމަންޓް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ނިންމައިފިއެވެ.
އެއިދާރާއިން ބުނެފައިވަނީ މި ދުވަސްވަރަކީ ދުނިޔޭގެ އެކިކަންކޮޅުތަކުން ވަރަށް ގިނަ ބާވަތްތަކު ދޫނި ރާއްޖެއަށް ހިޖުރަކުރަމުން އަންނަ ދުވަސްވަރެއް ކަމުގައެވެ. އަދި މިގޮތަށް ހިޖުރަކުރާ ދޫންޏަކީ "ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވި"ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާބެހޭ ގަވާއިދު"ގެ ދަށުން ހިމާޔަތްކުރެވިފައިވާ ދޫނިތައް ކަމުގައެވެ.
ނަމަވެސް ކޮންމެ އަހަރަކު މިދުވަސްވަރުގައި ވަރަށް ގިނަ ފަރާތްތަކުން މިފަދަ ދޫނި ހިފާ، ހައްޔަރުކޮށް ދޫންޏަށް ގޯނާކުރަމުންދާތީ، މިކަމަކީ ނުހަނު ކަންބޮޑުވާ އަދި ހިތާމަކުރާ މިގޮތުން، ފުޓްބޯޅަ ދަނޑުތަކުގައިއާއި، ހާމައަށް ހުންނަ ބިންތަކުގައާއި ހިއްކާފައިވާ ބިންތަކުގައި މަޅިފައްޗާއި ދަންތުރައާއި އެކި އާލާތްތައް ބޭނުންކޮށްގެން މިފަދަ ދޫނިތައް ހިފާކަމުގެ ޝަކުވާ ލިބެމުންދާތީ، ހިމާޔަތްކޮށްފައިވާ ދޫނިތައް ހިފާ، އެތަކެއްޗަށް ގޯނާކޮށް ކޮށީގައި ބަންދުކޮށްގެން ނުގެންގުޅުމަށް ހުރިހާ ފަރާތްތަކަށްވެސް އެއިދާރާއިން ވަނީ ނަސޭހަތްތެރިވެފައެވެ.
ހަމައެހެންމެ، މިމޫސުމުގައި ރާއްޖެއަށް ގިނަ އަދަދަކަށް ޒިޔާރަތްކުރާ ދޮންދޫންޏާއި ދޮންދޫނިލޯފިނދާއި މި ބާވަތުގެ ހުރިހާ ސޫތްޕަކީވެސް މަދިރި ކޮންޓްރޯލުކުރުމުގައި މުހިއްމު ދައުރެއް އަދާކުރާ، އަދި މަދިރީގެ ސަބަބުން ޖެހޭ އެކި ބާވަތްތަކުގެ ބަލިތަކުން ސަލާމަތްކޮށް ދުރުކޮށްދިނުމުގައި އިސް ރޯލެއް އަދާކުރާ ދިރުންތަކެއްކަމުގައިވަނީ ފާހަގަވެފަ. އެހެންކަމުން މިދަނޑިވަޅުގައި، މިބާވަތުގެ ހުރިހާ ސޫތްޕެއް ހިފުމާއި، އެއަށް ގޯނާކުރުމުން ދުރުހެލިވުމަށް ހުރިހާ ފަރާތްތަކުންވެސް މަސައްކަތްކުރުމަށް ދަންނަވަން. އަދި، ހިމާޔަތްކުރެވިފައިވާ ދޫނި ހިފާ ހައްޔަރުކޮށް އަދި ގޯނާކުރާ ފަރާތްތަކާމެދު "ތިމާވެއްޓަށްދޭ ގެއްލު ޖޫރިމަނާ ކަނޑައެޅުމާއި ބަދަލު ހޯދުމުގެ ގަވާއިދު"ގެ ދަށުން "ޤުދުރަތީ ގޮތުގައި ނުވަތަ ޠަބީޢީ ގޮތުގައި ޙިމާޔަތްކޮށް ރައްކައުތެރިކުރާ ދިރޭ ތަކެއްޗާގެއްޗާބެހޭ ގަވާއިދު" ގެ ދަށުން ޖޫރިމަނާ ކުރެވޭނެ ވާހަކަ ދެންނެވިން.
– އީޕީއޭއިން ބުނެފައިވެއެވެ.
ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނާއި މި ޤާނޫނުގެ ދަށުން ހެދިފައިވާ ގަވާއިދުތަކާއި ޙިމާޔަތްކޮށްފައިވާ ދިރުންތަކާ ގުޅޭގޮތުން މި އެޖެންސީން އަންގާ އެންގުންތަކާއި، މި ޤާނޫނާއި ގަވާއިދުތައް ތަންފީޛުކުރުމަށް ފަރާތްތަކުގެ އެއްބާރުލުންދެއްވުމަށްވެސް އެދިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.