ޝާހިދުގެ ބައްދަލުވުން އިދިކޮޅު މެމްބަރުން ބޮއިކޮޓް ކުރީތީ ސެލިއުޓްކުރަން: އަދުރޭ

ޝާހިދުގެ ބައްދަލުވުން އިދިކޮޅު މެމްބަރުން ބޮއިކޮޓް ކުރީތީ ސެލިއުޓްކުރަން: އަދުރޭ

Author
މުޙައްމަދު ޝަޒައިމް
07 އޮކްޓޯބަރ 2021 11:25
0

އ.ދގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމް އަދާ ކުރައްވާ ޢަބްދުﷲ ޝާހިދު އިއްޔެ މަޖިލީހަށް ވަޑައިގެން މަޖިލީހުގެ މެމްބަރުންނާއި އެކު ބޭއްވި ބައްދަލުވުމުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޮއިކޮޓް ކުރިކަމީ އެމެމްބަރުންނަށް ސެލިއުޓް ކުރާ ކަމެއްކަމަށް އިދިކޮޅު ކޯލިޝަން ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ޖަގަހަ ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވަނީ ޤައުމީދުވަހާ ދިމާކޮށް މިހާރު ވެރިކަންކުރާ ޣައްދާރުންގެ ސަރުކާރުން  ދިވެހި ރައްޔިތުންގެ މޫނުމަތީގައި މިޖެހީ އަނެއްކާވެސް ތަފާއްޔެއް ކަމަށް ވިދާޚުވެ ޢަބްދުﷲ ޝާހިދަށް ނިޝާން ޢިއްޒުއްދީންގެ ލަގަބުއެރުވުމުން ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.

ކްރިސްޓިއަން ދީނުގެ މީހުން އަޅުކަންކުރާ ފައްޅިއަކަށް ޒިޔާރަތްކޮށް އެތާއޮތް އަޅުކަމުގެ ރަސްމިއްޔާތެއްގައި ބައިވެރިވެފައި އައިމާ ސަރުކާރުން އޭނާއަށް މިއެރުވީ ހޮޅީންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިންގެ އިއްޒަތް. ނިކަން ވިސްނާލާ ޢަބްދުﷲ ޝާހިދު މިކުރި ކަންތަކާ އޭނާއަށް މިރޭ މިއެރުވުނު އިއްޒަތާ ހުރި ގުޅުން. އަޅުގަނޑަށް މިކަމުން ނެގުނު މެސެޖަކީ ދިވެހިރާއްޖެ މިސަރުކާރުން މިއޮތީ އެހެން ދީންތަކަށް ހުޅުވާލާފައޭ. އެކަން ރަސްމީކޮށް މިރޭ އިބްރާހީމް މުހައްމަދު ސާލިހު އެ އިއުލާން ކުރެއްވީ. ދިވެހިރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ދިވެހިރާއްޖެ  ރަސްމީގޮތުން މިއޮތީ އެހެން ދީންތަކަށް ހުޅުވާލާފައިކަމަށް އިބްރާހީމް މުހައްމަދު ސާލިހު އެވަނީ އިއުލާން ކުރައްވާފައި.

– އަދުރޭ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ޢަބްދުﷲ ޝާހިދު ބޭއްވި ބައްދަލުވުން ޕީޕީއެމް ޕީއެންސީގެ މެމްބަރުން ބޮއިކޮޓް ކުރެއްވީތީ އެމެމްބަރުންނަށް ސެލިއުޓް ކުރައްވާކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. ޢަބްދުﷲ ޝާހިދުވަނީ ޤާނޫނު އަސާސީއާ ޚިލާފުވެފައި ކަމަށާއި އ.ދގެ ޢާއްމު މަޖިލީހުގެ ރައީސަކަށް ހޮވިވަޑައިގަތުމާއެކު ޚާރިޖީ ވަޒީރުކަމުން އިސްތިއުފާ ދެއްވަން ޖެހޭނެ ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

ނިޝާނު އިއްޒުއްދީނުގެ ލަގަބު ދެވުނީ ދޮންބަންޑާރައިންނަށް .އެއީ އިންޑިޔާގެ ހޮޅިންގެ އަތްދަށުން މިރާއްޖެ ސަލާމަތްކުރީމާ. އެގައުމުގެ ބޮޑުވަޒީރަށް އެލަގަބު ދިނީ ދެންމިދިނީ ޢަބްދުﷲ ޝާހިދަށް ޚާއިނަކަށް، މައްކާރަކަށް، ޣައްދާރަކަށް ޢަބްދުﷲ ޝާހިދު ނިސްބަތްވަނީ ޣައްދާރު ޢާއިލާއަކަށް. ޕިޗޯރީން ރާއްޖެ ގެނައި ކާކުތޯ؟ އެއީ މަޝްހޫރު ގޯދީ ރާޖާ. އެއީ ވެލާނާގޭ މުހައްމައިދީ. ޢަބްދުﷲ ޝާހިދާއި ގޯދީރާޖާއާއި ހުރީ ކޮންގުޅުމެއްތޯ ބައްލަވާ.

– އަދުރޭ ވިދާޅުވިއެވެ.

ޢަބްދުﷲ ޝާހިދު ރާއްޖެއަށް މިކުރައްވާ ދަތުރުގައި ފެނިގެންދަނީ ގައުމެއްގެ ރައީސަކަށްވެސް ނުދޭ ޝަރަފު މިގައުމުން ދޭތަން ކަމަށާއި ހަގީތަގުގައި  އ،ދގެ އާއްމު މަޖިލީހުގެ ރައީސްގެ މަގާމަކީ ގައުމުތަކުގެ ފޮރިން މިނިސްޓަރުންގެ ފެންވަރުގެ މަގާމެއް ކަމަށް އަދުރޭ ވިދާޅުވިއެވެ. އަދުރޭ ވިދާޅުވީ އެބޭފުޅުން ވެރިކަމަށް ވަޑައިގަތުމުގެ ކުރިން މިގައުމުގައި އެހެންދީންތަކަށް މިނިވަންކަން ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވި ވިދާޅުވުން ފުޅާ ދާއިރާއެއްގައި ފެނިގެން ދާކަމަށް އަދުރޭ ވިދާޅުވިއެވެ.

ޤައުމީ ދުވަސް ފާހަގަކުރަމުންދާއިރު ގައުމިއްޔަތާ ދޭތެރޭ ވިސްނަން ޖެހޭ ކަމަށާއި ގައުމިއްޔަތުގެ އެންމެ ވަރުގަދަ ބަހާއަކީ އިސްލާމްދީން ކަމަށް އަދުރޭ ވިދާޅުވިއެވެ. އަޅުގަނޑުމެންގެ ތެރޭގައި އޮތް އެކުވެރިކަމާ ސުލްހަވެރިކަމާ ހަމަޖެހުން ބިނާވެފައިވަނީ އިސްލާމްދީނުގެ މައްޗަށް ކަމަށާއި އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަމާއި ސުލްހަވެރިކަމާއި ހަމަޖެހުން މިއޮތީ އޭގެ ސަބަބުން ކަމަށް އަދުރޭ ވިދާޅުވިއެވެ.

އެކަމަކު އެ ވަރުގަދަ އަސާސް މިސަރުކާރުން މުގުރާލައިފި. އެމުހިއްމު ބަހާ މިސަރުކާރުން ދޫކޮށްލައިފި. އެހެންވީމާ ދިވެހި ރައްޔިތުން މިއަދު ތެދުވާންވީ ގައުމިއްޔަތުގެ އެންމެ ވަރުގަދަ ރުކުން ދެމެހެއްޓުމަށްޓަކައި. ގައުމިއްޔަތުގެ އެންމެ ވަރުގަދަ ބަހާ އަލުން އަނބުރާ ހޯދުމަށްޓަކައި. އަޅުގަނޑުމެންނަށް މާތްވެގެންވާ އިސްލާމްދީނާ ނުލާ މިގައުމު ގައުމެއްގެ ގޮތުގައި  މިނިވަން ގައުމެއްގެ ގޮތުގައި ނުބޭއްވޭނެ.

– އަދުރޭ ވިދާޅުވިއެވެ.

ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު ގައުމު އަޅުވެތިކަމުގެ ތެރެއަށް ދިޔަ ނުދިނުމަށްޓަކައި ކޮންމެ ރައްޔިތެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތު އަދާކުރަން ޖެހޭ ކަމަށާއި އެއީ ވަކި ސިޔާސީ ޕާޓީއެއް، ވަކި މަޖިލީސް މެމްބަރެއް އަދި ވަކި ސިޔާސީ ލީޑަރެއްގެ ކޮނޑުގައި އެޅިފައިވާ މަސްއޫލިއްޔަތެއް އެކަނި ނޫންކަމަށްވެސް ވިދާޅުވިއެވެ. ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިންޑިޔާގެ މިލިޓަރީ ސިފައިން މިތިބެނީ ސަމާސާ ކަންކަމަކު ނޫންކަމަށާއި 2023 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި އިންޑިޔާއިން ބޭނުންވާނީ މިއަދު މިއޮތް ސަރުކާރު އަލުން އަނބުރާ ގެންނަންކަމަށްވެސް އަދުރޭ ވިދާޅުވިއެވެ. އަދި އެކަމަށްޓަކައި އެމީހުން ނުކުރާނެ އެއްވެސް ކަމެއް ނޯންނާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.