ކައުންސިލް އިދާރާތަކަށް ބޭނުންވާ ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް އަނެއްކާވެސް އިއުލާންކޮށްފިއެވެ.
ސިވިލް ސާރވިސް ކޮމިޝަނުން ވަނީ 74 ކައުންސިލަކަށް ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް އިއުލާންކޮށްފައެވެ. މީގެ ކުރިންވެސް 200 ސެކްރެޓަރީ ޖެނެރަލުން ހޯދުމަށް އިއުލާންކުރިއެވެ. އަދި އެ މަޤާމަށް 511 މީހަކު ކުރިމަތިލައިގެން ޝޯޓްލިސްޓްކުރީ 272 މީހުންނެވެ.
ސެކްރެޓަރީ ޖެނެރަލުންގެ މަސްޢޫލިއްޔަތުގެ ތެރޭގައި ކައުންސިލްގެ އެންމެ އިސް އިދާރީ މުވައްޒަފެއްގެ ހައިސިއްޔަތުން ކައުންސިލްގެ ހިންގުމަށް ބޭނުންވާ އެންމެހައި އިންތިޒާމުތައް ހަމަޖައްސައި އިދާރާގެ މަސައްކަތްތައް ހިންގައި ބެލެހެއްޓުން ހިމެނެއެވެ. އަދި ކައުންސިލް އިދާރާގެ މަސައްކަތްތަކާ ގުޅޭގޮތުން ކައުންސިލްގެ ރައީސް ނުވަތަ މޭޔަރަށް ރިޕޯޓްކުރުމާއި ޖަވާބުދާރީވުމާއި، ކައުންސިލުން ނިންމާ ނިންމުންތަކާއި ކަނޑައަޅާ އުޞޫލުތައް ތަންފީޛުކުރުމަކީވެސް ސެކްރެޓަރީ ޖެނެރަލުންގެ މަސްޢޫލިއްޔަތެވެ. އަދި ކައުންސިލުން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތައް ކައުންސިލްގެ އިދާރާގެ މުވައްޒަފުން މެދުވެރިކޮށް ފޯރުކޮށްދެވޭނެ އިންތިޒާމު ހަމަޖައްސައި، ކައުންސިލުން ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތަށް އެ ޚިދުމަތްތައް ފޯރުކޮށްދިނުމަކީވެސް އެސްޖީންގެ މަސްޢޫލިއްޔަތެވެ.
ވަޒީފާގެ ފުރުސަތު – ރަށު ކައުންސިލްގެ އިދާރާތަކުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް މީހުން ހޯދުމަށް: https://t.co/jiK14R7hwx pic.twitter.com/LjX0uyZCLr
— Civil Service Commission of the Maldives (@cscmaldives) September 29, 2021
މީގެ އިތުރުން ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ބަޖެޓާއި ރިޕޯޓުތައް ތައްޔާރުކުރުމާއި ކައުންސިލުން ނިންމާ ގޮތެއްގެ މަތިން ތަންފީޛުކުރުމާއި، ދައުލަތުގެ މާލިއްޔަތު ޤާނޫނުގެ ބޭނުމަށް، ކައުންސިލްގެ ރައީސް ނުވަތަ މޭޔަރުގެ ލަފާގެ މަތިން، ކައުންސިލްގެ މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު އަދާކުރުމަކީވެސް އެމީހުންގެ ޒިންމާކަމަށް ބަޔާންކޮށްފައިވެއެވެ.
ސިޓީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 20500 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 15000 ރުފިޔާއާއެކު ޖުމްލަ 35500 ރުފިޔާ ލިބޭނެއެވެ. އަދި އަތޮޅު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމުގެ މުސާރައަށް 12130 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި 8870 ރުފިޔާއާއެކު ޖުމްލަ 21000 ރުފިޔާ ލިބޭނެއެވެ. ރަށު ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލަށް މުސާރައަކީ 9300 ރުފިޔާ އަދި އެގްޒެކެޓިވް އެލަވެންސްގެ ގޮތުގައި ދޭ 6800 ރުފިޔާއާއެކު ޖުމްލަ 16100 ރުފިޔާއެވެ.
ކޮމެންޓު ފޮނުވާ