ބާރުމިނުން 7.0 މެގްނިޓިއުޑްގައި ރެކޯޑްކުރެވުނު ބާރުގަދަ ބިންހެލުމެއް ތުރުކީގެ ހުޅަގު ސަރަހައްދަށް އަތުވެއްގެއެވެ. އޭޖިއަން ކަޑުގެ ސަރަހައްދަށް ހުކުރު ދުވަހު އައި މި ބިންހެލުން އައުމާއިއެކު ތުރުކީގެ އިޒްމިރު ސިޓީގައި ދިރިއުޅޭ ގިނަބަޔަކު ވަނީ ގެތައް ދޫކޮށް މަގުތަކަށް ޖަމާވެފައެވެ.
ތުރުކީގެ ޑިސާސްޓަރ އެންޑް އެމަޖެންސީ މެނޭޖްމަންޓް ޕްރެޒިޑެންސީން މައުލޫމާތު ދޭ ގޮތުގައި މި ބިންހެލުމުގެ ސަބަބުން މިހާތަނަށް އައިއިރު ވަނީ 23 މީހަކު މަރުވެ 800 މީހަކަށް އަނިޔާވެފައެވެ. މީގެ ތެރެއިން 2 ކުއްޖަކު މަރުވެފައިވަނީ ބިންހެލުމުގެ އަސަރުކުރި ސރަހައްދެއް ކަމުގައިވާ ގްރީސްގެ ރަށެއްކަމުގައިވާ ސަމޯސްގައި ބޯމައްޗަށް ފާރެއް ވެއްޓިގެންނެވެ.
އަދި މީގެ އިތުރުން މީހުން ދިރިއުޅެމުން ދިޔަ 20 ގެއެއް ވަނީ ބިމާއި ހަމަވެފައެވެ. ބިންހެލުމަށްފަހު، އިޒްމިރު ސިޓީގެ ސެންޓްރަލް ސަހައްދުގެ ބިމާއި ހަމަވެފައިވާ ގިނަ އިމާރާތްތަކެއްގެ ތެރއިން ސަލާމަތްވުމަށް މީހުން ނިކުންނަމުންދިޔަ މަންޒަރު ވީޑިއޯ ފޫޓެޖްތަކުން ވަނީ ފެނިފައެވެ. އަދި ސިޓީގެ ބައެއް ސަރަހަދުތަކުން ދުން އަރަމުން ދިޔަ މަންޒަރުވެސް ފެނިފައި ވެއެވެ.
ތުރުކީގެ ސިޓީއެއްކަމުގައި އިޒްމިރަކީ ތުރުކީގެ ތިންވަނައަށް އެންމެ ބޮޑު ސިޓީއެވެ. މިސީޓިގައި 4.5 މިލިއަން މީހުން ދިރިއުޅެމުން ދެއެވެ. އިޒްމިރު ސިޓީގެ ގަވަރުނަރު ވިދާޅުވި ގޮތުގައި މިހާތަނަށް އައިރު ބިމާއި ހަމަވެފއިވާ އިމާރާތްތަކުގެ ދަށުން 70 މީހުންވަނީ ސަލާމަތް ކުރެވިފައެވެ.
ބިންހެލުމަށްފަހު ކަޑުގެ ދިޔަގަދު ބޮޑުވެ އިޒްމިރު ސިޓީއަށް ވަނީ ސުނާމީގެ އަސަރުވެސް ކޮށްފައެވެ. ބިންހެލުމުގެ އަސަރު 25 ސިކުންތު ވަންދެން ދެމިހުރިކަމަށް މިސިޓީގެ ރައްޔިތުންނާއި ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތަކުން މައުލޫމާތު ދެއެވެ.
އެމެރިކާގެ ޖިއޮލޮޖިކަލް ސާވޭއިން މައުލޫމާތު ދީފައިވާ ގޮތުގައި މި ބިންހެލުން އައިސްފައިވަނީ ތުރުކީގެ އައްސޭރިފަށުން 33.5 ކިލޯމީޓަރު ދުރުން 10 ކިލޯމީޓަރު އަޑިންނެވެ.
ތުރުކީއަކީ ދުނިޔޭގައި އެންމެ ގިނައިން ބިންހެލުންތައް އަންނަ ގައުމުތަކުގެ ތެރޭގައި ހިމެނޭ ގައުމެކެވެ. އިސްތަމްބޫލުގެ ދެކުނުން އޮންނަ އިޒްމިރަށް 1999 ވަނަ އަހަރު 7.6 މެގްނިޓިއުޑް ބާރު މިނުގައި އައި ބިންހެލުމެއްގައި 17000 މީހުން މަރުވެފައި ވެއެވެ. 2011 ވަނަ އަހަރު ތުރުކީގެ އިރުމަތީ ސިޓީއެއްކަމުގައިވާ ވޭން އަށް އައި ބިންހެލުމެއްގައި 500 މީހުން މަރުވެފައި ވެއެވެ.