މުސްލިމުން ކައިބޮއި އުޅެންވާނީ މާތް މާތް ﷲ ޙަލާލު ކޮށްދެއްވާފައިވާ ތަކެތި ކަމުގައި ހުކުރު ޚުތުބާގައި ބުނެފިއެވެ.
ޚުތުބާގައި މިއަދު އަލި އަޅުވާލާފައިވަނީ ކެއިން ބުއިމުގެ އިސްލާމީ އަދަބުތަށެވެ. ޚުތުބާގައި ބުނެފައިވަނީ "ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ދެއްވި ރަނގަޅު ތަކެތިން ތިޔަބައިމީހުން ކައި އުޅޭށެވެ! އަދި ތިޔަބައިމީހުން ހަމައެކަނި ﷲ އަށް އަޅުކަންކުރާ ކަމުގައިވާނަމަ، އެކަލާނގެއަށް ޝުކުރުވެރިވާށެވެ."
ޚުތުބާގައި ބުނެފައިވަނީ މުސްލިމުން ކައިބޮއި އުޅެންވާނީ މާތް ﷲ އެމީހުންނަށް ޙަލާލު ކޮށްދެއްވާފައިވާ ތަކެތިކަމަށެވެ. އެމީހުންނަށް ޙަރާމް ކުރައްވާފައިވާ އެއްޗެއްސާ ދުރުހެލިވާން ޖެހޭނެކަމަށެވެ. ކާންވީ އެއްޗެއްސާއި ނުކާންވީ އެއްޗެހި، އެނގުމަށްފަހު ދެން ބަލަންޖެހޭނީ ކާންވީ މިންވަރަށެވެ. މާތް ﷲ ވަޙީ ކުރައްވާފައި ވެއެވެ.
އަދި ތިޔަބައިމީހުން ކައިބޮއި އުޅޭށެވެ! އަދި އިސްރާފު ނުކުރާށެވެ.
– ޚުތުބާގައިވެއެވެ.
ކެއުމާއި ބުއިމުގެ އިސްލާމީ އަދަބުތަކަށް ބަލާ އިރު، މަޤްޞަދަކަށް ވާންޖެހޭނީ، މާތް ﷲ އަށް ކިޔަމަންގަތުމާއި، ތިމާގެ ވާޖިބުތަކާއި، މަސައްކަތްތައް ކުރުމަށް ބޭނުންވާ ހަކަތަ އާއި، ވާގިވެރިކަން ހޯދުމުގެ ނިޔަތުގައި ކެއުމާއި ބުއިމެވެ. ކެއިންބުއިމުގެ އަދަބުތަކުގެ ތެރޭގައި ﷲ ގެ އިސްމުފުޅުން ފެށުމާއި ކަނާތުން ކެއުމާއި ބުއިން ހިމެނެ އެވެ.
އާދަމުގެ ދަރިޔާއަށް އޭނާގެ މައިކަށި ތެދަށް ބެހެއްޓޭ ވަރުގެ ކާއެތިކޮޅެއް ފުދެއެވެ. ފަހެ، މަދު މިންވަރަކުން ނުފުދޭ މީހާ، އޭނާގެ ބަނޑުގެ ތިންބައިކުޅަ އެއްބަޔަށް ކެއުމަށާއި، ތިންބައިކުޅަ އެއްބަޔަށް ފެންބޮއި، އަދި ތިންބައިކުޅަ އެއްބައި ނޭވާލުމަށްޓަކައި ހުސްކޮށް ބަހައްޓުމަށް ވަނީ އިރުޝާދު ދެއްވާފައެވެ. ކެއުންބުއިން ގިނަ ކުރުމަކީ، ރަނގަޅު" ކަމެއް ނޫންކަމަށް ޚުތުބާގައިވެއެވެ.
މައިކަށި ކޮޅަށް ބެހެއްޓޭ ވަރުގެ މަދު އެތިކޮޅަކުން ފުއްދާލުން ރަނގަޅުކަމެއް. މިތާނގައި އަންގަވަނީ ތިބާ ކުރަންޖެހޭ މަސައްކަތްތައް ކުރެވޭ ވަރުގެ ހަކަތައެއް ލިބިގެންވާ މީހަކަށްވާށެވެ! އެއަށްވުރެ އިތުރު ނުކުރާށެވެ! ބަނޑުހައި ނުވަނީސް ނުކާށެވެ! އަދި ކާއިރު ބަނޑު ފުރެންދެން ވެސް ނުކާށެވެ!
– ޚުތުބާގައިވެއެވެ.
ދެއްވާފައިވާ އިރުޝާދުތަކުގެ ތެރޭގައި ކޮޅަށްހުރެ ނުކެއުމާއި، ފެން ބޯއިރު ލަސްލަހުން އެތިއެތިފޮދުން ދަމާލައިގެން ބުއިން ހިމެނެއެވެ. ތިން ނޭވާއިން އެއްޗެހި ބުއިމަށް އަންގަވާފައި މިގަވާފައި ވެއެވެ. ކީރިތި ރަސޫލާ އިރުޝާދު ދެއްވާގޮތުގައި ދިޔާ އެއްޗެހި ބޯ އިރު، ބުއިން އެންމެ ރަނގަޅީ ތިން ނޭވާއިންނެވެ. ފުރަތަމަ ފަހަރު ބޯ އިރު ބިސްމި ކިޔައިގެންނެވެ. ނިންމާލަމުން މާތް އަށް ޙަމްދުކޮށްގެންނެވެ.
އިސްލާމް ދީން އަބަދުވެސް ގޮވައިލަނީ، އިސްރާފު ނުކުރުމަށެވެ. ކެއިންބުއިމުގައި އިސްރާފު ކުރުމަކީ އިންސާނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމެކެވެ. އެކަމުގެ ސަބަބުން އޭނާއަށް އެތައް ބަލިތަކެއް ޖެހިދާނެ ކަމެކެވެ. އޭނާގެ ދުޅަހެޔޮކަން ނަގައިލާފާނެ ކަމެކެވެ. މި ޒަމާނަށް ބަލާ އިރު ކާވެނީގެ ވަލީމާތަކާއި ތަފާތު މުނާސަބަތުތަކުގައި ބާއްވާ ޕާޓީތަކުން އިސްރާފުގެ ކުލަތައް ފެނެއެވެ. މިއީ ދީނީގޮތުން ބަލާ އިރު އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫނެވެ. ޙަޤީޤަތުގައި މާތް ﷲ ދެއްވި މުދަލުން ކުރެވޭ އިސްރާފެކެވެ. ގިނަބަޔަކު ވަލީމާތައް ބާއްވަނީ ޤާއިމުކުރުމަކަށް އެކަކަށް ވުރެ އަނެކަކުގެ މޮޅުކަމާއި، މުއްސަނދިކަމާއި، ފޯރުންތެރިކަން ދެއްކުމަށްޓަކައެވެ.
ޚުތުބާގައިވަނީ އިސްލާމި އަދުބުތަކާއި އުސޫލުތަކުގެ ތެރެއިން ކެއިން ބުއިމަށާއި، ކެއިންބުއިމުގެ އަދުތައް ދެމެހެއްޓުމަށް ގޮވާލާފައެވެ. އަދި ހަލާލްތަކެތި ކާބޮއި އުޅުމަށް ނަސޭހަތްތެރިވެފައެވެ.
ކޮމެންޓު ފޮނުވާ