ވެކްސިން ޖަހަން ކަނޑައެޅި އަމާޒު ޙާސިލެއް ނުވި

ވެކްސިން ޖަހަން ކަނޑައެޅި އަމާޒު ޙާސިލެއް ނުވި

Author
މުޙައްމަދު ޖިމީ
31 އޮގަސްޓް 2021 07:04
0

އޯގަސްޓްމަހުގެ ނިޔަލަށް ވެކްސިންގެ ދެޑޯޒް ފުރިހަމަކުރި މީހުންގެ ނިސްބަތް %90އަށް ހެދުމަށް ސަރުކާރުން ކަނޑައެޅި އަމާޒު ހާސިލެއް ނުވިއެވެ.

ރާއްޖޭގެ އާބާދީގެ ވެކްސިން ޖެހޭ ޢުމުރުގެ ހުރިހާ އެންމެނަށް ވެކްސިން ހޯދުމަށްފަހު ސަރުކާރުން އަމާޒުހިފީ އޯގަސްޓް މަސް ނިމުމުގެ ކުރިން ވެކްސިން ޖެހި މީހުންގެ ނިސްބަތް %90އަށް ހަމަކުރާށެވެ. ނަމަވެސް ހާސިލުވީ %66 އެވެ.

ރާއްޖެއަކީ ދުނިޔޭގެ ޤައުމުތަކަށް ބަލާއިރުވެސް އެންމެ ފުރަތަމަ ވެކްސިން ޖެހުމުގެ ކަންކަން ފެށި އެއް ޤައުމެވެ. މިހާތަނަށް ރާއްޖޭގަ ވެކްސިންގެ ދެ ޑޯޒް ފުރިހަމަކުރި މީހުންގެ އަދަދުވަނީ 300،000 އިން މައްޗަށް އަރާފައެވެ.

މާލެ ސަރަޙައްދުގައި އެސްޓްރާޒެނެކާ ވެކްސިން ޖަހާދޭ ސެންޓަރުތަކަކީ ސޯޝަލް ސެންޓަރ، އިސްލާމިކް ސެންޓަރ، އަރޓް ގެލަރީ އަދި ވިލިމާލެ ހޮސްޕިޓަލްގެ ވެކްސިނޭޝަން ސެންޓަރުންނެވެ. މި ތަންތަނުން އެޕޮއިންޓްމަންޓާ ނުލާ މިހާރު ވެކްސިން ޖެހޭނެއެވެ.

ރާއްޖޭގައި އަންނަނީ ޢުމުރުން 12 އަހަރުން މަތީގެ އެންމެނަށް ވެކްސިން ޖެހަމުންނެވެ. މިގޮތުން 12 އަހަރާއި 17އަހަރާއި ދެމެދުގެ ޢުމުރުފުރާގެ ކުދިންނަށް ޖަހައިދެނީ ފައިޒާ ވެކްސިނެވެ. އަދި ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާމީހުންނާއި މާބަނޑު މީހުންނަށްވެސް ފައިޒާ ވެކްސިން ޖަހައިދެއެވެ.

އެހެނިހެން ފަރާތްތަކަށް ޖަހަނީ އެސްޓްރަޒެނެކާ ވެކްސިނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.