ފުވައްމުލަކުގެ ކަރަންޓު މައްސަލައަށް މިއަދު ހައްލު ލިބޭނެ: ފެނަކަ

ފުވައްމުލަކުގެ ކަރަންޓު މައްސަލައަށް މިއަދު ހައްލު ލިބޭނެ: ފެނަކަ

ފުވައްމުލަކު ސިޓީގެ ކަރަންޓު ނެޓްވޯކަށް ދިމާވި މައްސަލަ މިއަދު ހައްލުވެގެންދާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.

ފުވައްމުލަކު ކަރަންޓު ނެޓުވޯކަށް ދިމާވި މައްސަލަ ހައްލުކުރުމަށް އިއްޔެ އެރަށަށްވަނީ 4500 ކޭވީއޭގެ ޓްރާންސްފޯމަރެއް ގެންގޮސްފައެވެ. ކަރަންޓަށް ދިމާވެފައިވާ މައްސަލަ ހައްލުކުރުމަށްޓަކައި ގެނެވުނު ޓްރާންސްފޯމަރ އިންސްޓޯލް ކުރުމުގެ މަސައްކަތަށް މިއަދު މެންދުރު 2 އިން ހަވީރު 5 އަށް މުޅި ރަށުން ކަރަންޓު ކެނޑުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން ބުނެއެވެ. އަދި މިވަގުތުތަކުގައި ސަޕްލައި ފެނުގެ ޕްރެޝަރު ދަށްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށް ފެނަކަ އިން ބުނެއެވެ.

މިމަހުގެ 2 ވަނަ ދުވަހުގެ ފަތިހުން ފެށިގެން ފުވައްމުލަކުން ފެނާއި ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ. ފުވައްމުލަކު ސިޓީން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިފައިވަނީ މައި ނެޓްވޯކުގައި ހިމެނޭ 2500 ކޭވީއޭގެ ޓްރާންސްފޯމަރަކަށް ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުންނެވެ. މިކަމުގެ ސަބަބުން އެ ސިޓީގެ ގާތްގަނޑަކަށް %80 އަށް ފެނާއި ކަރަންޓުގެ ޚިދުމަތަށް ވަނީ ބުރޫ އަރާފައެވެ. މިކަމަށް ވަގުތީ ހައްލެއް ހޯދާ، ހޯމަ ދުވަހުގެ ވަގުތެއްގައި ފުވައްމުލަކުގެ އެކި ސަރަޙައްދުތަކަށް ފެނަކައިން ވަނީ ކަރަންޓު ފޯރުކޮށްދީފައެވެ.

ފުވައްމުލައް ސިޓީގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިހާރު ބޭނުންކުރާ އިންޖީނުގެއާއި، ކަރަންޓު ނެޓްވޯކަށް ދުވަސްވުމުގެ ސަބަބުން ޚިދުމަތް ދިނުމުގައި ތަފާތު ގޮންޖެހުންތަކާ ކުރިމަތިވަމުންދާކަން ފެނަކައިން ވަނީ ފާހަގަކުރައްވާފައެވެ. މިކަމަށް ހައްލެއް ގެނައުމަށްޓަކާ އެސިޓީގައި އައު އިންޖީނުގެއެއް އަޅާ، ނެޓްވޯކް އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫޢެއް ސަރުކާރުން ފެނަކައާ ވަނީ ޙަވާލުކޮށްފައެވެ. އެ މަޝްރޫޢުގެ އީ.އައި.އޭ މަސައްކަތް މިހާރު ކުރަމުންދާކަމަށާއި، އަމާޒަކީ މިމަހުގެ ތެރޭގައި އައު އިންޖީނުގޭގެ އަމަލީ މަސައްކަތް ފެށުންކަމަށް ފެނަކައިން ވިދާޅުވެއެވެ.

ފުވައްމުލައް ސިޓީގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑްކޮށް އިންޖީނުގެ ބަދަލުކުރުމުގެ މަޝްރޫޢަކީ ގާތްގަނޑަކަށް 17 މިލިއަން ޑޮލަރުގެ މަޝްރޫޢެއްކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއެވެ. މި މަޝްރޫޢުގެ ދަށުން ފުވައްމުލަކުގެ 21 ކިލޯމީޓަރުގެ ނެޓްވޯކް އެއްކޮށް ބަދަލުވެގެންދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *