ނިމިދިޔަ ޖޫން މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް ލިބުނު އާންދަނީ މިދިޔަ އަހަރުގެ ޖޫން މަހަށްވުރެ 59 އިންސައްތަ އިތުރުކަމަށް ކަސްޓަމްސްގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.
ކަސްޓަމުން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ ޖޫން މަހު އިމްޕޯޓް އެކްސްޕޯޓުން ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 156 މިލިއަން ރުފިޔާއެވެ. ނަމަވެސް މިއަހަރުގެ ޖޫން މަހު 247 މިލިއަން ރުފިޔާ އިމްޕޯޓް އެކްސްޕޯޓުން އާމްދަނީގެ ގޮތުގައި ލިބިފައި ވެއެވެ. މިއީ 59 އިންސައްތައިގެ އިތުރުވުމެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ޖޫން މަހާ އަލާބަލައިރު، މި އަހަރުގެ ޖޫން މަހު ރާއްޖެއަށް އެތެރެކުރި މުދަލުގެ އަގު ވަނީ ބޮޑުތަނުން އިތުރުވެފަ އެވެ. އެގޮތުން، މިދިޔަ އަހަރު 2.1 ބިލިއަން ރުފިޔާގެ މުދާ ރާއްޖެ އެތެރެކޮށްފައި ވާއިރުު، މި އަހަރު 3 ބިލިއަން ރުފިޔާގެ މުދާ އެތެރެކޮށްފައި ވެއެވެ. އެއީ 44 އިންސައްތައިގެ އިތުރުވުމެކެވެ.
މިދިޔަ މަހު ރާއްޖެއަށް އެންމެ ގިނައިން މުދާ އެތެރެކޮށްފައި ވަނީ އޮމާނުން ނެވެ. އެގޮތުން، އޮމާނުން 490 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް ވަނީ އެތެރެކޮށްފައި އެވެ . ދެވަނައަށް އެންމެ ގިނަ މުދާ ރާއްޖެއަށް އެތެރެކުރީ ޗައިނާއިން ނެވެ. އެއީ 391 މިލިއަން ރުފިޔާގެ މުދަލެވެ. ދެން އެންމެ ގިނައިން މުދާ އެތެރެކުރީ ސިންގަޕޫރުންނެެވެ. އެ ގައުމުން 354 މިލިއަން ރުފިޔާގެ މުދާ ރާއްޖެއަށް އެތެރެކޮށްފައި ވެއެވެ.
ވޭދުވެދިޔަ މަހު ރާއްޖެއިން އެކްސްޕޯޓު ކުރި މަދުލުގެ އަގުވެސް އިތުރެވެ. އެގޮތުން ޖޫން މަހު ރާއްޖެއިން 228 މިލިއަން ރުފިޔާގެ މުދަ އެކްސްޕޯޓް ކޮށްފައި ވެއެވެ. އެއީ މިދިޔަ އަރަޖުގެ ޖޫން މަހާ އަޅާބަލާއިރު 3 އިންސައްތަ އިތުރުވުމެކެވެ.
ރާއްޖެއިން އެންމެ ގިނަ މުދާ ބޭރުކުރީ ތައިލޭންޑަށެވެ. ރާއްޖެއިން މިދިޔަ މަހު ބޭރުކުރި މުދަލުގެ 30 އިންސައްތަ ބޭރުކުރީ ތައިލޭންޑަށެވެ. މީގެއިތުރުން މިދިޔަމަހު ރާއްޖެއިން ބޭރުކުރި މުދަލުގެ 16 އިންސައްތަ މުދާ ބޭރުކޮށްފައި ވަނީ ޖަޕާނާއި ޖަރުމަނަށެވެ.