ބޮލީވުޑްގެ މަޝްހޫރު ބަތަލާ، ޝިލްޕާ ޝެއްޓީގެ ފިރިމީހާ ރާޖް ކުންދުރާ، ބަރަހަނާ ފިލްމު އުފައްދާ އަދި އޮންލައިންކޮށް ބްރޯޑްކާސްޓް ކުރުމުގެ ތުހުމަތުގައި، މުމްބާއީގެ ފުލުހުން ހައްޔަރު ކޮށްފިއެވެ. މީގެ 6 އަހަރުކުރިން އޭނާވަނީ، ކުރިކެޓާ ގުޅުންހުރި ހުރިހާ ކުޅިވަރަކުންވެސް، އިދިކޮޅު ޓީމަށް މެޗްތައް ދޫކޮށްލުމުގެ ތުހުމަތުގައި ސަސްޕެންޑް ކޮށްފައެވެ.
އިންޓަރނެޓް އެޕްލިކޭޝަންތަކުގައި، ބަރަހަނާ ފިލްމު އުފައްދާ އަދި ޝާޢިއު ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންދާ ކަމުގެ ތުހުމަތުގައި އުމުރުން 45 އަހަރުގެ ކުންދުރާ ހައްޔަރު ކޮށްފައިވާކަން ފުލުހުން އާންމު ކޮށްފައިވަނީ ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައެވެ،
"އަހަރެމެން އަތުގައި މި ކޭސްއާއި ގުޅޭ މައުލޫމާތު އެކަށީގެންވާ މިންވަރަށް އެބަހުރި،" މައްސަލައާއި ގުޅޭ ތަހުގީގު އަދިވެސް ކުރިޔަށް ދާކަމަށް ބުނެ ފުލުހުން އާންމު ކުރި ބަޔާނެއްގައި ބުނެފައި ވެއެވެ.
މިއީ، "ބިގް ބްރަދާ" ސެލެބްރިޓީއެއް ކަމުގައިވާ، އަދި 2007 ވަނަ އަހަރު ބްރިޓިޝް ރިއަލިޓީ ޝޯ ކާމިޔާބު ކޮށްފައިވާ ކުންދުރާއަށް ކުރިމަތި ލާންޖެހުނު މިފަދަ ދެވަނަ ހާދިސާއެވެ.
މީގެ 6 އަހަރު ކުރިން، 2015ވަނަ އަހަރު، ކުންދުރާ ވަނީ، ކުރިކެޓާ ގުޅުންހުރި ހުރިހާ ކުޅިވަރަކުން އުމުރަށް ސަސްޕެންޑް ކޮށްފައެވެ. ކުރިކެޓްގެ ކުޅިވަރު ހަރަކާތްތަކުން އޭނާ އުމުރަށް ސަސްޕެންޑް ކުރެވިފައިވަނީ، އިންޑިއާގެ ކާމިޔާބު ޕްރިމިއަރ ލީގެއް ކަމުގައިވާ ރާޖެސްތާން ރޯޔަލްސްގެ ވެރިއެއްގެ ގޮތުގައި އޭނާއާއި ޝިލްޕާ ޝެއްޓީއާއި ދެމީހުން ތިބި މުއްދަތުގައި، ގަސްތުގައި މެޗްތައް ވިއްކާލަމުން ދިޔަކަން، ހިންގި ތަހުގީގުން ސާބިތު ވުމާއި ގުޅިގެންނެވެ.
ބަރަހަނާ ފިލްމުތައް އުފެއްދުމާއި އަދި ޝާޢިއު ކުރުމަކީ އިންޑިއާގައި ހެދިފައި ހުރި ގާނޫނުތަކުން ވަރަށް ހަރުކަށިކޮށް މަނާކޮށްފައި އޮންނަ ކަމެކެވެ. އެހެންނަމަވެސް، އާންމު ނޫން ތަންތަނުގައި ބަރަހަނާ ފިލްމުތައް ބެލުމަކީ އެގައުމުގައި ގާނޫނީގޮތުން ހުއްދަ ކަމެކެވެ.
ބަރަހަނާ ފިލްމުތައް ޝާއިއުކޮށްފައި ހުންނަ ވެބްސައިޓްތަކުގެ ޓްރެފިކަށް ބަލާއިރު، 1.3 ބިލިއަން މީހުންގެ އާބާދީއެއް އޮންނަ އިންޑިއާއަކީ، އެމެރިކާ އަދި އިގިރޭސިވިލާތް ފިޔަވާ ދެންމެ އެންމެ ގިނައިން ބަރަހަނާ ފިލްމުތައް ބަލާ ގައުމުވެ.
ރާޖް ކުންދުރުއާއި ޝިލްޕާ ޝެއްޓީއަށް ދެދަރިން ލިބިފައި ވެއެވެ.