ވަޓްސްއެޕްގެ އުސޫލުތަކާ ޚިލާފްވެގެން، ފާއިތުވި މޭ އަދި ޖޫން މަހުގެ ތެރޭގައި އިންޑިއާގެ 2 މިލިއަން އެކައުންޓް ބްލޮކް ކޮށްފައިވާ ކަމަށް އެކުންފުނިން ބުނެފިއެވެ.
ވަޓްސްއަޕްގެ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިން ބުނެފައިވަނީ، މީގެ ތެރެއިން %95 އެކައުންޓަކީ، އިންޑިއާގައި މެސެޖް ފޯވާރޑްކުރުމަށް ކަނޑައަޅާފައި އޮތް ލިމިޓްގެ އަދަދާއި ޚިލާފްވެގެން ބްލޮކް ކޮށްފައިވާ ފަރާތްތައް ކަމުގައެވެ.
މި ކަން ހާމަކޮށްފައިވަނީ، ޚިޔާލު ތަފާތުވުން އުފެދިފައިވާ، އިންޑިއާއިން އަލަށް އަމަލު ކުރަން ފަށާފައިވާ އެގައުމުގެ އައިޓީ ގައިޑްލައިންގެ ދަށުން ކޮންމެ މަހަކުވެސް ހުށަހަޅަންޖެހޭ ކޮމްޕަލައަންސް ރިޕޯޓުގެ ތެރެއިން، ވަޓްސްއަޕްއިން ހުށަހަޅާފައިވާ ކޮމްޕްލަޔަންސް ރިޕޯޓުގައެވެ.
އިންޑިއާއަކީ ވަޓްސްއަޕްގެ އެންމެ ބޮޑު މާރކެޓެވެ. އެގައުމުގައި ވަޓްސްއަޕް ބޭނުންކުރާ 400 މިލިއަން މީހުން ތިބެއެވެ.
ފޭސްބުކްގެ ސޯޝަލް މީޑިއާ އެޕްލިކޭޝަންއެއް ކަމުގައިވާ ވަޓްސްއެޕްއިން ބުނެފައިވަނީ، އެ އެޕްލިކޭޝަންގެ އެންމެ މުހިންމު އަމާޒަކީ އިންޑިއާގައި ބޭނުން ކުރާ އެކައުންޓްތަކުން ގެއްލުން ހުރިން އަދި ބޭކާރު މެސެޖްތައް ދައުރުވުން ހުއްޓުވުން ކަމުގައެވެ.
ވަޓްސްއަޕް ޚިދުމަތް ފޯރުކޮށްދޭ ފަރާތުން ބުނެފައިވަނީ، "އާދަޔާ ޚިލާފަށް ގިނައިން، އަދި އާދަޔާ ޚިލާފު" މެސެޖްތައް ކުރަމުން އަންނަ 2 މިލިއަން މީހުންގެ އެކައުންޓް އިންޑިއާގައި އެކަނިވެސް މޭމަހުގެ 15 ވަނަ ދުވަހުން ފެށިގެން ޖޫން މަހުގެ 15 ވަނަ ދުވަހާ ދެމެދު ބްލޮކް ކުރެވިފައި ވާކަމަށެވެ.
ވަޓްސްއަޕްއިން އިންޑިއާގެ އެކައުންޓްތައް ދެނެގަންނަނީ އިންޑިއާގެ ކަންޓްރީ ކޯޑު ކަމުގައިވާ +91 ކުރިޔަށް ލާފައި ހުންނަ ފޯނު ނަންބަރުތަކުންނެވެ.
ފޭސްބުކް ކުންފުނީގެ އެޕްލިކޭޝަނެއް ކަމުގައިވާ ވަޓްސްއެޕަކީ އިންޑިއާގައި އާންމުކޮށް ދޮގު މައުލޫމާތު އެއްފަހަރާ ގިނަ ބަޔަކަށް ފޯރުކޮށްދިނުމަށް ބައެއް ފަރަތްތަކުން ބޭނުން ކުރަމުން އަންނަ ވަސީލަތެކެވެ.
އަދި މިގޮތުން ފަތުރާ ދޮގު މައުލޫލާތު މަދު ވަގުތު ކޮޅެއްގެ ތެރޭގައި އެތައް ހާސް ބަޔަކަށް ފޯރުކޮށް ދެވެއެވެ. ނަތީޖާއެއްގެ ގޮތުން، މައުލޫމާތު ފަތުރާ މީހުން ދެނެގަތުން ވެގެންދަނީ އުދަގޫ ކަމަކަށެވެ.
ފާއިތުވެދިޔަ ތަނުގައި، މިގޮތުން އެއްފަހަރާ ގިނަ އަދަދަކަށް ފަތުރާފައި ހުރި ވީޑިއޯތަކާއި މެސެޖްތަކުގެ ނަތީޖާއެއްގެ ގޮތުން ތަންތަން ލޫޓުވުމާއި އަދި މީހުން މެރުންފަދަ ހާދިސާތައްވެސް އިންޑިއާގައި ހިގާފައި އެބަހުއްޓެވެ.
އަދި ޚިދުމަތް ބޭނުންކުރާ ފަރާތްތަކުން ކޮށްފައިވާ ޝަކުވާތަކަށް ބަލާ، ވަޓްސްއަޕްއިން ބުނެފައިވަނީ، ޕްލެޓްފޯމުގެ ނާޖާއިޒު ފައިދާ ނެގުން ހުއްޓުވުމަށްޓަކާ އެ ޕްލެޓްފޯމުގައި ޚާއްސަ ޓޫލްސްތަކެއް ތައާރަފްކުރެވިފައި ވާނެކަމަށެވެ.