ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން 7000 ހިޔާ ފްލެޓްގައި ފައިބަރ ކޭބަލް އާއި އޮޕްޓިކަލް ނެޓްވަރކް ޑިވައިސް އިންސްޓޯލް ކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އޮޕްޓިކަލް ނެޓްވަރކް ޓަރމިނަލަކީ ފައިބަރ ޓު ހޯމް ކަނެކްޝަންގެ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭނެ ވަސީލަތެކެވެ. މި މަޝްރޫއު އަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން މިހާރު ކުރިއަށް ގެންދާ ސްމާޓް ސިޓީ އިނިޝިއޭޓިވްގެ މުހިންމު މަރުހަލާއެކެވެ.
އޮޕްޓިކަލް ނެޓްވަރކް ޓަރމިނަލް ނުވަތަ އޯއެންޓީ އަކީ، ފައިބަރ ނެޓްވަރކްގައި މޮޑެމެއް ފަދައިން އިންޓަނެޓް ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކާ ގުޅުވައިދޭ ވަސީލަތެކެވެ. އެޗްޑީސީން ދެކޭގޮތުގައި މިފަދަ ފައިބަރ ޓު ހޯމް ނެޓްވަރކެއް މުޅި ހުޅުމާލެ ސިޓީގައި ގާއިމު ކުރެވުމަކީ ސްމާޓް ސިޓީއަކަށް ހުޅުމާލެ ސިޓީ ހެދުމަށް އެޅޭ މުހިންމު ބިންގަލެކެވެ. މިނެޓްވަރކްގެ ޒަރިއްޔާއިން އިންޓަނެޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށާއި ހިދުމަތް ފޯރުކޮށްދޭ ފަރާތްތަކަށް ގިނަ ފަސޭހަތަކެއް ލިބިގެންދާނެއެވެ.
އިންޓަނެޓްގެ ހިދުމަތް ހޯދާ ފަރާތްތަކަށް ފައިބަރ ޓު ހޯމް ނެޓްވަރކް ހުރުމުން އަވަހަށް އިންޓަނެޓްގެ ހިދުމަތް ސެޓަޕް ހަދައި ހިދުމަތް ބޭނުން ކުރަން ފެށޭނެއެވެ.
ހިޔާ ފްލެޓްތަކަކީ ވަރަށް ގިނަ ފްލެޓް ނުވަތަ ގޭބިސީ އެކުލެވޭ ތަނެއްކަމުން ކޮންމެ ފްލެޓަކަށް ވަކިން ކޭބަލް އެޅުން ވާނީ އުނދަގޫ މަސައްކަތަކަށެވެ. މިފަދަ ނެޓްވަރކެއް ގާއިމްވެފަ އޮތުމުން ހިދމަތްދޭ ފަރާތްތަކަށް އިތުރު ދަތިތަކަކާ ނުލާ އަވަހަށް ގިނަ ފަރާތްތަކަކަށް ހިދުމަތް ފޯރުކޮއްދެވޭނެއެވެ. ހިދުމަތް ހޯދާ ފަރާތްތަކަށް އިންޓަނެޓްގެ ހިދުމަތް އައު ތަނަކަށް ހޯދާނަމަ އާންމު އުސޫލުން 2 ހަފްތާ ނުވަތަ އެއައްވުރެ ގިނަ ދުވަސް ނަގައެވެ. ނަމަވެސް މިނެޓްވަރކްގެ ސަބަބުން ހިދުމަތް ލިބެންފެށުން އަވަސް ވާނެ ކަމަށް އެޗްޑީސީން ބުނެއެވެ. އަދި އެންމެ ކޮލިޓީގައި އޮންލައިން ވިޑިއޯފަދަ އެއްޗިހި ސްޓްރީމް ކޮއްލާ، ފެންވަރު ރަނގަޅު އެޕްލިކޭޝަންތައް ބޭނުންކުރެވޭ ފެންވަރުގެ ހައި ސްޕީޑް އިންޓަނެޓް ލިބޭނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ.
މިފަދަ ނެޓްވަރކެއް ގާއިމްވެފަ އޮތުމަކީ ކުރިއަށް އޮތްތަނުގައި އެހެން ހިދަމަތްތައް ފުޅާ ކުރުމަށްވެސް މަގު ފަހިކޮއްދޭނެ ކަމެއް ކަމަށް އެޗްޑީސީން ދެކެއެވެ. އަދި މިއީ އައު ހިދުމަތްތަކެއް ގާއިމުކުރަންޖެހިއްޖެ ހާލަތެއްގައިވެސް އިތުރަށް މަގު ކޮނުމުގެ މަސައްކަތް ކުރަން ނުޖެހޭނެ ނިޒާމެކެވެ.
އެޗްޑީސީއިން އުއްމީދު ކުރަނީ ހިޔާ ފްލެޓްތައް ހަވާލުކުރާ އިރު މި ފައިބަރ ޓު ހޯމް ނެޓްވަރކް ގާއިމްކޮއް ނިންމާފަ ހަވާލުކުރުމަށެވެ. މިފަދަ ޒަމާނީ ޓެކްނޮލޮޖީ އާއި ވަސީލަތްތައް ގާއިމް ކުރެވުމަކީ ދިރިއުޅެން ފަސޭހަ އަދި ދިރިއުޅުމުގެ ފެންވަރު ރަނގަޅު ސްމާޓް ސިޓީއަކަށް ހުޅުމާލެ ސިޓީ ހެދުމަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް އެ ކޯޕަރޭޝަނުން ދެކެއެވެ.