ރާއްޖޭގައި ޑިމޮކްރަސީ ހަރުދަނާކުރުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހަށާއި، ދިވެހި ސަރުކާރަށް އެމެރިކާއިން ތަޢުރީފްކޮށްފިއެވެ.
އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ކުރައްވާ ދަތުރުފުޅާއި ގުޅޭގޮތުން މަޢުލޫމާތު ދެއްވަމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސްޓޭޓް ޑިޕާޓްމެންޓްގެ ޑެޕިއުޓީ އެސިސްޓެންޓް ސެކްރެޓަރީ ޑީން ތޮމްޕްސަން ވަނީ ރާއްޖޭގެ ޑިމޮކްރެޓިކް މުއައްސަސާތައް ހަރުދަނާކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހާއި ރާއްޖޭގެ ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު އިސް ދައުރެއް އަދާކުރައްވާކަމަށް ވިދާޅުވެ އެދެބޭފުޅުންގެ މަސައްކަތްޕުޅަށް ތަޢުރީފްކުރައްވާފައެވެ. އަދި އޭނާ ވަނީ އެދާއިރާއިން ރާއްޖެއާއެކު އެމެރިކާއިން ކުރި މަސައްކަތަކާއިމެދު ހިތްހަމަޖެހޭކަމަށްވެސް ވިދާޅުވެފައެވެ. އެގޮތުން އެތައް އަހަރެއްވަންދެން އެމެރިކާއިން އަދާކުރި ދައުރާމެދު ފަޚުރުވެރިވެވަޑައިގަންނަވާކަން ފާހަގަކުރައްވާ ތޮމްޕްސަން ވަނީ ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެއާއެކު ކުރެވޭ މަސައްކަތްވެސް ކާމިޔާބުކަން ފާހަގަކުރައްވާފައެވެ.

އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެއަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހުއެވެ. މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާނެކަމަށް މަޢޫލޫމާތު ލިބެއެވެ. ސެކްރެޓަރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯ ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، ޕޮމްޕެއޯގެ ދަޢުވަތަކަށް ޚާރިޖީވަޒީރު ޢަބްދުﷲ ޝާހިދު ވަނީ މިދިޔަ އަހަރުގެ ފެބުރުއަރީ 19 ވަނަ ދުވަހު އެމެރިކާގެ ވެރިރަށް ވޮޝިންޓަންއަށް ވަޑައިގެން ސެކްރެޓަރީ ޕޮމްޕެއޯ އާ ބައްދަލުކުރައްވާފައެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މައިކް ޕޮމްޕެއޯގެ މި ދަތުރުފުޅަކީ 1992 ވަނަ އަހަރުގެ ޖުލައި މަހުގެ 24 ވަނަ ދުވަހު އެމެރިކާގެ އޭރުގެ ޚާރިޖީ ވަޒީރު ޖޭމްސް އެޑިސަން ބޭކަރ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު އެމެރިކާ ސަރުކާރުގެ ފަރާތުން ރާއްޖެއަށް ކުރައްވާ އެންމެ މަތީ ފަންތީގެ ދަތުރުފުޅެވެ.
ކޮމެންޓު ފޮނުވާ