ކައުންސިލްތަކަކީ ކުރިޔަށްއޮތް ދުވަސްތަކުގައި ސަރުކާރުން ތަރައްޤީގެ މަގުގައި ކުރައްވާ މަސައްކަތުގެ މުހިއްމު ބައިވެރިއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. ފުވައްމުލަކު ސިޓީ ކައުންސިލްގެ މެމްބަރުންނާއި އޮންލައިންކޮށް ބައްދަލު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެދާއިރާގައި ކުރައްވުމަށް ރާވާފައިވާ ގިނަ މަސައްކަތްކުގެ މައުލޫމާތު ކައުންސިލާއި ހިއްސާ ކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ފުވައްމުލައް ސިޓީ ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި އެ ސިޓީގެ ތަރައްޤީއަށް ސަރުކާރުން ރާވާފައިވާ ގިނަ މަޝްރޫޢުތައް މިހާރު ފެށިފައިވާކަން ކައުންސިލްގެ ފަރާތުން ވަނީ ފާހަގަކޮށްފައެވެ. މި ބައްދަލުކުރެއްވުމުގައި ވާހަކަ ދައްކަވަމުން ފުވައްމުލައް ސިޓީ ކައުންސިލްގެ މޭޔަރު އިސްމާޢީލް ރަފީޤް ވިދާޅުވީ ފުވައްމުލަކުގައި ސަރުކާރުން ކުރިއަށްގެންދާ މަގުހެދުމުގެ މަޝްޜޫޢުގެ ތެރެއަށް ސްޓޯރމްވޯޓަރ ޑްރެއިން އަދި ފަޔަރ ހައިޑްރަންޓް ހިމެނުމަކީ ވަރަށް މުހިއްމުކަމެއްގެ ގޮތުގައި ފާހަގަކުރެއްވާފައެވެ.
ޞިއްޙީދާއިރާގެ ތަރައްޤީއަށް ފުވައްމުލަކުގައި ސަރުކާރުން އަލަށް ޤާއިމްކުރުމަށް ހަމަޖެހިފައިވާ 30 އެނދުގެ އައު ހޮސްޕިޓަލުގެ މަސައްކަތް ކުރިޔަށް ދާގޮތުގެ ތަފްސީލުތައް ކައުންސިލުން ވަނީ މި ބައްދަލުކުރެއްވުމުގައި އޮޅުންފިލުވާފައެވެ. މި ހޮސްޕިޓަލް ތަރައްޤީވެގެން އަންނައިރު ފުވައްމުލަކަށް މިހާރު ބޭނުންޖެހިފައިވާ ޑައިގްނޯސްޓިކް ޚިދުމަތްތައް މި ހޮސްޕިޓަލުގައި ޤާއިމްކުރެވިގެންދާނެއެވެ. ފުވައްމުލަކުގައި ކޯވިޑަށް ޓެސްޓުކުރުމަށް ޕޮއިންޓް އޮފް ކެއަރ މެޝިނެއް ބެހެއްޓުމުގެ މަސައްކަތަށް އަންނަ ހަފްތާގައި ޓެކްނީޝަނުން އެސިޓީއަށް ދިއުމަށް ހަމަޖެހިފައިވާކަމަށާއި، ވޯލްޑް ބޭންކުގެ އެހީގައި ފުވައްމުލަކުގައި ބަހައްޓާ ޕީސީއާރު މެޝިން ސެޕްޓެމްބަރ މަހުގެ ނިޔަލަށް ޤާއިމްކުރެވިގެންދާނެކަން މިބައްދަލުވުމުގައި ފާހަގަކުރެއްވިއެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި، ހަދަންފަށާފައިވާ ގެތަކާއި މަރާމާތަށް ބޭނުންވާ ފަރާތްތަކަށް ސަރުކާރުން މިހާރު އިޢުލާނުކޮށްފައިވާ ގެދޮރުވެރިޔާ ލޯނުގެ ދަށުން ގިނަގުނަ ފަސޭހަތަކެއް ލިބިގެންގޮސްފައިވާކަން ކައުންސިލުން ފާހަގަކުރިއެވެ. އަދި މި ލޯނު ސްކީމް އިތުރަށް ފުޅާކުރުމުގައި ކުރެވިދާނެ ބައެއް ކަންކަން ފުވައްމުލައް ކައުންސިލްގެ ފަރާތުން ފާހަގަކޮށްފައިވެއެވެ. ފުވައްމުލަކު ރައްޔިތުންނަށް ކުރިމަތިވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމުގައި ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަން އެ ކައުންސިލުން ފާހަގަކުރެއްވިއެވެ. ރަށްރަށުގައި ބޯހިޔާވަހިކަމަށް ހުރި ދަތިކަން ހައްލުކުރުމަށް ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ މަޝްރޫޢެއް އަންނަ އަހަރު ފަށްޓަވަން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ޒަމާނުންސުރެ ކުނި ގިނަވެ ޒަމާންތަކެއްވަންދެން ހައްލުނުވެ ހުރި ރަށްތަކުގެ ކުނީގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ޚާއްޞަ މަސައްކަތެއް ކުރައްވަމުން ގެންދަވާކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި އެގޮތުން ފުވައްމުލަކުގެ ކުނި ނެގުމުގެ މަސައްކަތަކީ ޚާއްޞަ އިސްކަމެއް ދީގެން ކުރެވެމުންދާ މަސައްކަތެއްކަން މި ބައްދަލުވުމުގައި ފާހަގަކުރައްވާފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެކި ރަށްރަށަށް ދިމާވެފައިވާ ކުނީގެ މައްސަލައަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ތެރެއިން ވެމްކޯއާއި ހަވާލުކުރެވިގެން ގިނަދުވަސްވެ ފުނިޖެހިފައިވާ ކުނި ގެންދިއުމުގެ މަސައްކަތް ކުރައްވަމުންގެންދަވާކަމަށް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ފުލުހުންގެ ޤާނޫނާއެކު މާސްޓަރޕްލޭނެއްގެ ތެރެއިން އެކި ސަރަޙައްދުތަކަށް ބަހާލެވިގެން 3 އަހަރު ދުވަހުގެ ތެރޭގައި ބޮޑެތި ބަދަލުތަކެއް ފެނިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށްރަށަށް ބޭނުންވާ އަދަދަށް ފުލުހުން އިތުރުކުރުމުގެ މަސައްކަތަކީވެސް ކުރިއަށްދާ މަސައްކަތެއްގެ ގޮތުގައި ފާހަގަކުރެއްވިއެވެ. އަދި ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ) ގެ އައު މެނޭޖްމަންޓާއެކު ފަރުވާއަށް ޚާއްޞަކުރެވިގެން ރަނގަޅު ބަދަލުތަކެއް އަންނާނެކަމުގެ އުއްމީދު ބޮޑުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކައުންސިލްތަކަށް ދަތިވާ ކަންކަމުގައި ސަރުކާރުން އަބަދުވެސް އެހީތެރިވަމުން ގެންދަވާނެކަން ފާހަގަކުރެއްވިއެވެ. އަދި ކައުންސިލަރުން ހުށަހެޅުއްވި ކަންކަން ހައްލުކުރުމަށް ސަރުކާރުގެ ކަމާބެހޭ އިދާރަތަކާ ގުޅިގެން މަސައްކަތްކޮށްދެއްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ