އެމް.އެމް.ޕީ.އާރް.ސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން، މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޚުލޫފްގެ މައްޗަށް ދައުވާކޮށް، ހިންގަމުންދާ ކަންތައްތަކާއި ގުޅިގެން މިނިސްޓަރ މަހުލޫފްގެ ހޫނު ބަހުގެ ހަމަލާތަކެއް ސަރުކާރާއި އެމްޑީޕީއަށް ދެއްވައިވިފިއެވެ.
ކްލަބް ހައުސްގައި، 800 އަށް ވުރެ ގިނަ މީހުންނާ އެކު މޫސާ އަންވަރުގެ ރޫމްގައި ބޭއްވި "ހޫނު ގޮނޑި" ޕްރޮގްރާމްގައި އާންމުންގެ ވަރަށް ގިނަ ސުވާލުތަކެއް މަހުލޫފަށް އަމާޒު ކުރީ ވެސް އެ މައްސަލައިގައެވެ. މަހުލޫފްވަނީ ގިނަ ސުވާލުތަކަށް ވަރަށް ސާފުކޮށް، ބޭނުންވި ޖަވާބު ދެއްވާފައެވެ. މިނިސްޓަރ މަހުލޫފްއަކީ މިސަރުކާރު ވެރިކަމަށް ގެނައުމަށާއި، އޭރުގެ ވެރިކަމާއި ދެކޮޅަށް އެންމެ ފުރަތަމަ ކެރިންގެން ނުކުތް ސިޔާސީ އެކަކެވެ.
އެމްއެމްޕީއާރްސީގެ މައްސަލާގައި އޭނާގެ މައްޗަށް ކުރަނީ ހަގީގީ ތުހުމަތެއް ނަމަ ބެސްޓް ޕްރެކްޓިސްއާ އެއްގޮތަށް މިހާރު ހުންނަވާނީ އިސްތިއުފާ ދެއްވައިގެން ކަމަށާއި ނަމަވެސް އެކަން ނުކޮށް އެ މަގާމުގައި އަދިވެސް ދެމިހުންނަނީ އެއީ ސިޔާސީ ގޮތުން ބަޔަކު ޖެހި އެތިފަހަރަކަށް ވާތީ ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ މިއީ ސިޔާސީ ގޮތުން އެމްޑީޕީ ތެރެއިން އޭނާއަށް ދޭ އަނިޔާއެއްކަމަށެވެ. މިކަންކަމާއި ގުޅިފައިވަނީ އެސޯސިއޭޝަންތަކުގެ އިންތިޙާބުތަކާއި ކަމަށެވެ.
ކުޅިވަރު އިންތިހާބު އެންމެ ރަނގަޅަށް ގެންގޮސް އެއްވެސް ނުފޫޒެއް ނުފޯރުވި ހުރި ހަމައެކަނި މިނިސްޓަރަކީ މަހުލޫފް ކަމަށް ހުރިހާ އެސޯސިއޭޝަންތަކުން ބުނެ ތައުރީފް ކުރި ކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިހާބުތައް ކުރިޔަށް ގެންދިޔައީ ވެސް އަސާސީ ގަވައިދުތަކާ އެއްގޮތަކަށް ކަމަށާއި އެއްވެސް ވަރަކަށް އެ އިންތިހާބު ތެރެއަށް ވަދެވަޑައިގެންފައި ނުވާނެ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މި މައްސަލާގައި ސަރުކާރާއި މިނިވަން މުއައްސަސާތަކުން އަމަލު ކުރަމުންދާ ގޮތާ މެދު ވެސް މަހުލޫފު ކަންބޮޑުވުން ފާޅުކުރެއްވިއެވެ. އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަންގެ ތުހުމަތު ޕީޖީ އާއި އޭސީސީއާ ދޭތެރޭ "ތަޅުވާ ތަޅުވާ" ނުބާއްވައި ކޮޅޭއްގައި ޖައްސަން ޖެހިއްޖެ ކަމަށް މަހުލޫފް ވިދާޅުވިއެވެ. މަހުލޫފް ވިދާޅުވީ އޭނާ ހުރި މަގާމްގެ ގޮތުން ހުރިހާ މުއައްސަސާއެއް ގުޅިގެން ނަމަވެސް ވީހާ ވެސް އަވަހަށް އެ މައްސަލަ ނިންމަން ޖެހޭ ކަމަށެވެ. އެކަން ފުލުހުންނާއި އޭސީސީ އަށް ނުވެގެން ރައީސް އުފެއްދެވި ކޮމިޝަނުން ވެސް އެ މައްސަލަ ބަލާތާ ދެ އަހަރާ ބައި ވެގެންދާއިރު އެއްވެސް ކަމެއް ނުކުރެވޭ ކަމަށް މަހުލޫފް ވިދާޅުވިއެވެ.
މަހްލޫފް ވިދާޅުވީ އެމްއެމްޕީއާރްސީ މައްސަލައިގައި ދައުވާކުރަން ފޮނުވާ ހިސާބުން މަގާމުން އިސްތިއުފާ ދިން ނަމަވެސް އެ މައްސަލައަށް އެއްބާރުލުން ދޭނެ ކަމަށާއި، ދައުވާތަކަށް ނުފިލާނެ ކަމަށެވެ. ނަމަވެސް އޭނާ އެމްއެމްޕީއާރްސީ މައްސަލައިގައި ބަންދަށް ދާން ޖެހި ކަފާލާތުގެ ދަށުން ލުއިތަކެއް ލިބެއްޖެނަމަ ޖާމިނު ކުރާނީ އަޑުބަރޭ ކަމަށް ވިދާޅުވިއެވެ.
އަޑުބަރޭ ޖާމިނު ކުރާނީ އެއީތާ އެންމެ ކައިރީ ހުރި މީހަކީ.
– މަހްލޫފް ވިދާޅުވިއެވެ.
ކުރީގެ ޓުވަރިޒަމް މިނިސްޓަރު އަލީ ވަހީދުގެ މައްޗަށް ޖިންސީ ގޯނާގެ ހަ ދައުވާއެއް އުފުލާފައިވަނިކޮށް ރާއްޖެ ދޫކުރައްވައި ވަޑައިގަތީވެސް އަޑުބަރޭ ޒިންމާވާ ގޮތަށް ޖާމިނުވާ އެއްބަސްވުމެއް ކޯޓަށް ހުށަހަޅައިގެންނެވެ. އެހެންނަމަވެސް އަޑޭގެ އެއްބަސްވުން މިހާރު ވަނީ ހަމަވެފައެވެ.
އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތުގެ ފައިސާ ލިބުނު ކަމުގެ ތުހުމަތުގައި މަހްލޫފްގެ މައްޗަށް ދެ ދައުވާއެއް ކުރަން އޭސީސީއިން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ ނުވަ ވަނަ ދުވަހުއެވެ. ނަމަވެސް ދައުވާ އިތުރަށް ފުރިހަމަ ކުރަން ޕީޖީން އޭސީސީ އަށް އެންގުމުން ފުރިހަމަ ކުރަން ޖެހޭ އިދާރީ މަސައްކަތްތައް ކުރުމަށް ފަހު، ހުރިހާ ލިޔެކިއުންތައް ޕީޖީ އޮފީހަށް ފޮނުވާފައި މިދިޔަ ހަފްތާގެ އާދީއްތަ ދުވަހުއެވެ.
އެސެޓް ރިކަވަރީ ރިޔާސީ ކޮމިޝަނާއި ޕީޖީ އޮފީހާއި އޭސީސީއާއި ފުލުހުން ގުޅިގެން އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ތަހުގީގު ކުރިއަށް ގެންދާއިރު، އިދާރާތަކުން އެކުލަވާލާފައިވާ ފައިސާ ލިބުނު މީހުންގެ ލިސްޓުގައި މަހްލޫފްގެ ނަން އެބަ އޮތެވެ.
ކޮމެންޓު ފޮނުވާ