އިންތިޤާލީ އިންސާފު އޮފީހުން މިހާތަނަށް ކުރިކަމަކީ ޓެކްސްފައިސާއިން މަޖާކުރުން ކަމުގައި ނެޝަނަލް ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާއިލް ޒަރިޔަންދު ވިދާޅުވެއްޖެއެވެ.
އައިކީއާ ބްރޭންޑުގެ ފަރުނީޗަރާއި ޒީނަތްތެރިކުރާ ސާމާނު ހޯދަން އިންތިގާލީ އިންސާފުގެ އޮފީހުން ބީލަމަށް ހުޅުވާލައި އެކަން އިއުލާނު ކުރުމުން ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް އެ އިއުލާނު ބާތިލުކުރުމާއި ގުޅިގެން ޒަރިޔަންދު ވިދާޅުވީ އިންތިޤާލީ އިންސާފު އޮފީހުން މިހާތަނަށް ކުރިކަމަކީ ޓެކްސްފައިސާއިން މަޖާކުރުން ކަމަށެވެ.
އިންތިޤާލީ އިންސާފު އޮފީހުގެ އެންމެބޮޑު މަސައްކަތަކަށްވެފައިވަނީ އޮފީހަށް ބޭނުންވާ އެންމެ ޒަމާނީ ފެންވަރުގެ ގޮޑި މޭޒުހޯދައި، މުޅި އޮފީހުގައި ޕްލާސްޓިކު ގަސްބަހައްޓައި ރައްޔިތުންގެ ފައިސާއިން މަޖާކުރުންކަމަށެވެ.
ޓެކްސްފައިސާއިން މަޖާކުރުން- އިންތިޤާލީ އިންސާފު ހޯދާދޭން އައިފަރާތްތަކަށް އެންމެ ފުރަތަމަ ބޭނުންވީ، މުޅި އޮފީހުގައި ޕްލާސްޓިކް ގަސްބެހެއްޓުމާއި، އެންމެ މޮޅު ބްރޭންޑްގެ ފަރުނީޗަރު!!
– ޒަރިޔަންދު ވިދާޅުވިއެވެ.
މި މަހުގެ 22 ވަނަ ދުވަހު އިންތިގާލީ އިންސާފުގެ އޮފީހުން ވަނީ، އެކި ވައްތަރުތަކުގެ މޭޒާއި، ގޮނޑި އާއި ބޮތްކާއި ކަބަޑު ހޯދަން އިއުލާނު ކޮށްފަ އެވެ. އޭގެ އިތުރުން، ޒީނަތްތެރި ކުރަން، އެކި ބާވަތްތަކުގެ އާޓިފިޝަލް ގަސްތަކާއި، ފާރުގައި ހަރުކުރާ ތަސްވީރުތައް ހޯދަން ހިމަނާފައިވެއެވެ. އެ އޮފީހުން ހޯދަން އިއުލާނު ކުރި ތަކެއްޗަކީ އައިކީއާ ބްރޭންޑުގެ ތަކެއްޗަށް ވާއިރު އެ ތަކެތީގެ ނަމާއި، ކެޓަލޮގް ނަމްބަރުތައް ވެސް އިއުލާނާއެކު އާންމު ކުރި ލިސްޓުގައި ހިމެނެއެވެ.
އައިކީއާއިން ވިއްކާ ތަކެއްޗަކީ ބާޒާރުގައި ވިއްކާ އެހެން ތަކެއްޗަށް އަގުބޮޑު ތަކެއްޗަށް ވާތީ އާއި މި ބާވަތުގެ ތަކެތި ގަންނަނައިރު ވަކި ބްރޭންޑަކުން ވަކި ސްޕެސިފިކޭޝަނެއް ދީގެން ތަކެތި ގަތުމަކީ މާލިއްޔަތު ގާނޫނީ ފުށުއަރާ ކަމަކަށް ވާތީ އާންމުންގެ ފާޑުކިޔުން އަމާޒުވިއެވެ.
އިންތިގާލީ އިންސާފުގެ އޮފީހުން ބުނެފައިވަނީ، އެ އިއުލާނު ބާތިލު ކުރީ އެ އިލާނާ ގުޅިގެން އެ އޮފީހަށް ލިބުނު ޝަކުވާތައް ބެލި ބެލުމުން، ދައުލަތުގެ މާލިއްޔަތު ގަވައިދާ ހިލާފު ކަންތައްތަކެއް އެ އިއުލާނުގައި ހުރިކަން ފާހަގަކުރެވިގެން ކަމަށެވެ. އެ ކަންކަން އިސްލާހު ކުރާނެ ކަމަށް ވެސް އެ އޮފީހުން ބުންނެފައިވެއެވެ.
ކޮމެންޓު ފޮނުވާ