ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ހަމަނުޖެހުމުގައި ޔާމީންގެ ޕާޓީގެ މެންބަރަކުވެސް ހައްޔަރަށް

ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ހަމަނުޖެހުމުގައި ޔާމީންގެ ޕާޓީގެ މެންބަރަކުވެސް ހައްޔަރަށް

Author
އަހުމަދު
13 ޖުލައި 2026 10:33
0

ވެރިކަން ކުރާ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގައި ހުޅުމާލޭގައި ހިންގި ހަމަނުޖެހުމުގެ މައްސަލައިގައި ހައްޔަރުކުރި ތިން މީހުންގެ ތެރޭގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ މެންބަރަކު ހިމެނޭކަން އެނގިއްޖެއެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ޕީއެންސީގެ އެތެރޭގެ އިންތިޚާބުގެ ވޯޓު ގުނުމުގެ މަސައްކަތް ކުރިއަށްދަނިކޮށް، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ކާމިލް ދީދީ ސްކޫލަށް ބަޔަކު ވަދެ މާރާމާރީ ހިންގައި، ސްކޫލުގެ ތަކެއްޗަށް ވަނީ ބޮޑެތި ގެއްލުންތަކެއް ދީފައެވެ. މި މައްސަލައާ ގުޅިގެން ޖުމްލަ ތިން މީހަކު ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހިމެނެނީ 23 އަހަރުގެ މީހަކާއި 24 އަހަރުގެ ދެ މީހުންނެވެ. މީގެ ތެރެއިން އެކަކީ ޕީއެންއެފްގެ އާއްމު މެންބަރެއް ކަމަށާއި، އަނެއް ދެ މީހުންނަކީ ޕީއެންސީއަށް ނިސްބަތްވާ ދެ މީހުން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރު ކުރުމުން، ބަންދުގައި ބޭތިއްބުމަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ދެ ގްރޫޕެއްގެ ދެމެދުގައި ހިނގި މި ހަމަނުޖެހުމުގައި އެކަކު އަނެކަކަށް ގޮނޑިން ހަމަލާދީ ބޮޑެތި މާރާމާރީތަކެއް ވަނީ ހިންގައިފައެވެ. އެ ވަގުތު އެ ތަނުގައި ތިބި ފުލުހުން މަސްލަހަތު ބެލެހެއްޓުމަށް މަސައްކަތް ކުރި ނަމަވެސް، ގިނައިރު ވަންދެން ހަމަނުޖެހުންތައް ކޮންޓްރޯލެއް ނުކުރެވުނެވެ.

މި މައްސަލަ ފުލުހުން މިހާރު ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.