ރައްޔިތުންގެ ކަންބޮޑުވުންތައް ސީދާ އަޑުއެއްސެވުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ބާއްވާ "ރައްޔިތުންގެ އަޑު" ބައްދަލުވުމުގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ރައީސް އޮފީހުން ހުޅުވާލައިފި އެވެ.
މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ބައްދަލުވުންތަކުގެ ތެރެއިން ފުރަތަމަ ފުރުސަތު ހުޅުވާލާފައިވަނީ، ރާއްޖޭގެ އިންތިހާބީ 93 ދާއިރާގެ ތެރެއިން ހަތަރު ދާއިރާއަކަށެވެ. އެއީ ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާ އެވެ.
ރައީސް އޮފީހުން ބުނީ، މި ދާއިރާތަކުން ބައްދަލުވުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ނަން ނޯޓުކުރާނީ، ރައީސް އޮފީހުގެ ވެބްސައިޓްގައި މިކަމަށް ހާއްސަކޮށްފައިވާ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. ނަން ނޯޓުކުރުމުގެ ސުންގަޑިއަކީ، 15 ޖުލައި 2026 ވާ ބުދަ ދުވަހުގެ ރޭ 00:00 އެވެ. މި ބައްދަލުވުންތަކުގައި ބައިވެރިވުމުގެ އުސޫލުވެސް ވަނީ އާންމުކޮށްފައެވެ.
މިހާރަށްވުރެ ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި ރައްޔިތުންގެ ވާހަކަތައް އަޑުއެއްސެވުމުގެ މަގުސަދުގައި، ވަކިވަކި ދާއިރާތަކުން ސީދާ އެމަނިކުފާނާ ބައްދަލުކުރެއްވުމުގެ ފުރުސަތު ފަހިކޮށްދޭ ޕްރޮގްރާމެއް ދާދި އަވަހަށް ފައްޓަވާނެ ކަން ރައީސް މުއިއްޒު އިއުލާނުކުރެއްވީ ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހު އެވެ.
ކޮމެންޓު ފޮނުވާ