ފަލަސްޠީނުގެ ރައީސް އދގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއިން ހުރަސްއަޅައިފި

ފަލަސްޠީނުގެ ރައީސް އދގެ މަޖިލީހުގައި ބައިވެރިވެވަޑައިގަތުމަށް އެމެރިކާއިން ހުރަސްއަޅައިފި

Author
އަހުމަދު
17 ސެޕްޓެމްބަރ 2026 11:55
0

ކުރިއަށް އޮތް ހަފުތާގައި ބާއްވާ އެކުވެރި ދައުލަތްތަކުގެ ޢާންމު މަޖިލީހުގައި ތަޤުރީރު ކުރެއްވުމަށް ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސް ނިއު ޔޯކަށް ވަޑައިގަތުމަށް، އެމެރިކާގެ ޚާރިޖީ ވުޒާރާއިން ހުރަސްއަޅައިފިއެވެ. ފަލަސްޠީނުގެ އޮފިޝަލުންނަށް ވިސާ ދޫނުކުރުމުގެ އަމުރު ދަމަހައްޓާފައި ވުމުން، ވިދިވިދިގެން ދެވަނަ އަހަރު ޢައްބާސްގެ ދަތުރުފުޅަށް މިވަނީ ހުރަސްއެޅިފައެވެ.

އެމެރިކާއިން ބުނީ، މި ފިޔަވަޅު ދަމަހައްޓަން ނިންމީ ފަލަސްޠީނުން ވެފައިވާ ވަޢުދުތަކާ އެއްގޮތަށް އިޞްލާޙީ ބަދަލުތައް ގެނައުމުގައި ނާކާމިޔާބުވެ، ސީދާ މަޝްވަރާތަކުން ބޭރުން ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް މަސައްކަތްކުރުމާއި، މައްސަލަތައް ބައިނަލްއަޤުވާމީ ކޯޓުތަކަށް ގެންދިއުމުގެ ސަބަބުން ކަމުގައެވެ.

އިނގިރޭސިވިލާތާއި، ފަރަންސޭސިވިލާތާއި ކެނެޑާ ފަދަ ހުޅަނގުގެ ޤައުމުތަކުން ފަލަސްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަންފައި ވުމާ ގުޅިގެން، މި ފަހަރުގެ ތަޤުރީރުގައި ދެ ދައުލަތުގެ ޙައްލަށް ބާރުއެޅުމަށާއި، ޣައްޒާގައި ހިންގަމުންދާ ނަސްލުހޭދާއާއި، ހުޅަނގު އައްސޭރީގައި ޔަހޫދީންގެ ޣައިރުޤާނޫނީ ޢާބާދީތައް ފުޅާކުރުމަށް ބައިނަލްއަޤުވާމީ ސަމާލުކަން ހޯއްދެވުމަށް ޢައްބާސް މަސައްކަތް ކުރައްވާނެ ކަމަށް ބެލެވިފައި ވެއެވެ.

ޣައްޒާގެ ހަނގުރާމައިގެ ޖަރީމާތަކާ ގުޅިގެން ޔަހޫދީ ބޮޑުވަޒީރު ބެންޔަމިން ނަތަންޔާހޫ ހައްޔަރުކުރުމަށް ބައިނަލްއަޤުވާމީ ޖިނާއީ ކޯޓުން އަމުރެއް ނެރެފައިވީ ނަމަވެސް، ޔަހޫދީ އެއްވެސް އޮފިޝަލަކަށް އެމެރިކާއިން ދަތުރުކުރުމުގެ ހުރަހެއް ކުރިމަތިކޮށްފައި ނުވެއެވެ. ފަލަސްޠީނުގެ އޮފިޝަލުންނާއި އދގެ އިންސާނީ ޙައްޤުތަކާ ބެހޭ މާހިރުން ވިދާޅުވީ، މިއީ އެމެރިކާގެ ބައިނަލްއަޤުވާމީ ޒިންމާތަކާ ޚިލާފު، ޔަހޫދީ ވެރިން ހިމާޔަތްކުރުމަށް އެޅި ފިޔަވަޅެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.