މާލޭ ވޮކޭޝަނަލް ހައި ސްކޫލްގެ އައު އިމާރާތް އެޅުމުގެ މަސައްކަތް އަންނަ އޮގަސްޓް މަހުގެ ތެރޭގައި ބަޔަކާ ހަވާލުކުރާނެ ކަމަށް، މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވެއްޖެއެވެ.
ހުޅުމާލޭ ސީއެޗްއެސްސީގައި ރޭ ބޭއްވި "މަތީ އަރުތަވެރިންގެ އިނާމު 2025″ ދިނުމުގެ ރަސްމިއްޔާތުގެ ހަތަރު ވަނަ ދަންފަޅީގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ސްކޫލަށް ދާ ދަރިވަރުންނަށް އަމަލީ މަސައްކަތްތައް ދަސްކޮށްދީ، ފަންނީ ދާއިރާތަކުން ކުރިއަށް ދިއުމުގެ ފުރުސަތު ފަހިކޮށްދިނުމަކީ ސަރުކާރުން ހާއްސަ ސަމާލުކަމެއް ދޭ ކަމެއް ކަމަށެވެ.
"މިދިޔަ އަހަރު މާލެ ވޮކޭޝަނަލް ހައިސްކޫލް ވާނީ އުފައްދާފައި. އެތަނުގެ ތެރޭގައި ދަރިވަރުން އެދަނީ ކިޔަވަމުން. އަދި މިހާރު އަޅުގަނޑުމެން އެންމެ ބޮޑަށް މަސައްކަތް ކުރަމުންދާ އެއްކަމަކީ މި އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައި މާލޭ ވޮކޭޝަނަލް ހައި ސްކޫލަށް މުޅިން އައު އިމާރާތެއް އެޅުމަށް ބަޔަކާއި ހަވާލުކުރުމަށް ކުރަމުންދާ މަސައްކަތް،" ޝަފީއު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރު މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު ގްރޭޑް 10 ނިންމުމަށްފަހު މަތީ ސާނަވީ މަރުހަލާއަށް ދިޔައީ ދަރިވަރުންގެ ތެރެއިން ގާތްގަނޑަކަށް 34 އިންސައްތަ ދަރިވަރުންނެވެ. ނަމަވެސް ސަރުކާރުން ފާއިތުވި ދެ އަހަރު ދުވަހުގެ ތެރޭގައި ގެންގުޅުނު ސިޔާސަތުތަކުގެ ސަބަބުން، މިހާރު 48 އިންސައްތަ ދަރިވަރުން މަތީ ސާނަވީ މަރުހަލާގައި ކިޔަވަމުންދާ ކަމަށާއި، މިއީ ބޮޑު ކާމިޔާބީއެއް ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.
މީގެ އިތުރުން، އެޑިއުކޭޝަން މިނިސްޓްރީގެ ދަށުން ސްކިލް ޑިވެލޮޕްމަންޓް ބައެއް ގާއިމުކޮށް، އިންޑަސްޓްރީއާ ގުޅިގެން ވޯކް ބޭސް އެޕްރެންޓިޝިޕް ޕާތްވޭ ފުޅާކުރުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި ސްކޫލް މަރުހަލާގައި ކިޔެވުމަށް އެންމެ ދަރިވަރަކު އިތުރުކުރެވުނަސް، އެއީ ގައުމުގެ ހިއުމަން ކެޕިޓަލް ޑިވެލޮޕްމަންޓަށާއި ޒުވާނުން ބާރުވެރިކުރުވުމަށް ލިބޭ ބޮޑު ބާރެއް ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ