ރަސްމާލެ މަޝްރޫއާ ބެހޭގޮތުން އަދާލަތު ޕާޓީގެ ރައީސް، ކުރީގެ ހޯމް މިނިސްޓަރު ޝައިހް އިމްރާން އަބްދުﷲ އާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށް ސަރުކާރުން ބުނެފިއެވެ.
ރައީސް އޮފީހުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ، ޝައިހް އިމްރާނަކީ ސަރުކާރުން އިތުބާރުކުރާ ބޭފުޅެއް ނޫން ކަމަށެވެ. ރަސްމާލެ މަޝްރޫއާ ދެކޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒާ ބައްދަލުކުރަން އެދޭނެ ކަމަށް އިދިކޮޅުން ބުނުމާ ގުޅިގެން ކުރެވުނު ސުވާލަކަށް ޖަވާބު ދެއްވަމުން މުންދު ވިދާޅުވީ، އިމްރާނަކީ މިހާރު ދައުލަތުގެ ރަސްމީ މަގާމެއްގައި ހުންނެވި ބޭފުޅެއް ނޫން ކަމަށެވެ. އަދި މަރްހޫމް ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ހަގީގަތާ ހިލާފު ވާހަކަތަކެއް ދައްކަވާފައިވާ ކަމަށް ވެސް މުންދު ތުހުމަތުކުރެއްވިއެވެ.
ނަމަވެސް، ސިޔާސީ ޕާޓީއަކުން މަޝްވަރާއަށް ހުށަހަޅައިފިނަމަ އެކަމާމެދު ވިސްނާނެ ކަމަށާއި، މަޖިލީހުގެ މެންބަރުންނަށް އުސޫލުގެ ތެރެއިން ސަރުކާރާ ބައްދަލުކުރެވޭނެ ކަމަށް ވެސް މުންދު ވިދާޅުވިއެވެ.
އެމްޑީޕީ އާއި ޕީއެންއެފްގެ މަންދޫބުންނާއެކު ޝައިހް އިމްރާން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، "ދިވެހީންގެ ބިން ދިވެހީންނަށް" ނަމުގައި ގައުމީ ހަރަކާތެއް ފަށާ ކަމަށް އިއުލާނުކޮށްފައިވެއެވެ. ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން ދިގު މުއްދަތަކަށް ދޫކުރުމަކީ ގައުމީ ސަލާމަތަށް އޮތް ނުރައްކަލެއް ކަމަށް އިދިކޮޅުން ބުނެއެވެ.
މީގެ ކުރިން ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ މިނިސްޓަރު އަލީ އިހްސާން ވިދާޅުވެފައިވަނީ، ރާއްޖޭގެ ސަލާމަތަށް ގެއްލުމެއް ލިބޭނެ އެއްވެސް ކަމެއް ސަރުކާރުން ނުކުރާނެ ކަމަށާއި، ރަސްމާލޭގެ ކޮންމެ އިންޗިއެއްގައި ވެސް ހިނގާނީ ދިވެހި ދައުލަތުގެ ސިޔާދަތީ ބާރު ކަމަށެވެ. ރަސްމާލޭގެ އެއްބައިގައި ވިޔަފާރި އުސޫލުން ޕްރޮޖެކްޓެއް ކުރިއަށް ގެންދިޔަކަމުގައި ވިޔަސް، ފުލުހުންގެ ގާނޫނީ ވާޖިބު އެތަނުގައި ވެސް އަދާކުރާނެ ކަމަށާއި، ބޭނުންވެއްޖެނަމަ ރަށުގައި ފުލުހުން ގާއިމުކުރެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ