ޔަމަނުގެ ހޫތީ ޖަމާއަތަކީ ޓެރަރިސްޓު ޖަމާއަތެއްގެ ގޮތުގައި ކަނޑައަޅަން ގަލްފު ކޯޕަރޭޝަން ކައުންސިލް (ޖީ.ސީ.ސީ) އިން ގޮވާލައިފިއެވެ. ބަހްރައިންގައި އިއްޔެ ބޭއްވި ޖީ.ސީ.ސީގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި، ސައޫދީ އަރަބިއްޔާއަށް ހޫތީން ދެމުންދާ ހަމަލާތައް ވަނީ ކުށްވެރިކޮށްފައެވެ.
ސައޫދީގެ ވެރިރަށް ރިޔާޒް ކައިރިއާއި އީސްޓަން ޕްރޮވިންސުން ޑްރޯންތަކެއް ވައްޓާލި ކަމަށް ސައޫދީ ބާރުތަކުން ބުނި ހިސާބުގައި، ހަ ގައުމު ހިމެނޭ ޖީ.ސީ.ސީން ވަނީ އަމިއްލަ ދިފާއުގައި ފިޔަވަޅު އެޅުމަށް ސައޫދީއަށް ލިބިފައިވާ ހައްގަށް ފުރިހަމަ ތާއީދު ދީފައެވެ. އަދި ހޫތީންނަށް ހަތިޔާރު ފޯރުކޮށްދިނުމާ ދެކޮޅަށް އދ. އިން އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ހަރުދަނާކޮށް ތަންފީޒުކުރުމަށާއި، ހޫތީންނަށް މިސައިލާއި ޑްރޯން ލިބުން ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ޖީ.ސީ.ސީން އެދިފައިވެއެވެ. މެންބަރު ގައުމުތަކުގެ ސަލާމަތަކީ އެއް ގައުމަކުން އަނެއް ގައުމު ވަކިނުކުރެވޭ ކަމެއް ކަމަށް ވެސް ކައުންސިލުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މި ހިނދު، ނަޖްރާން ކައިރިން ސައޫދީގެ ހެލިކޮޕްޓަރެއް ވައްޓާލި ކަމަށް ހޫތީންގެ އަސްކަރީ ތަރުޖަމާނު ޔަހްޔާ ސަރީއު ދަޢުވާކުރިއެވެ. ނަމަވެސް ސައޫދީ އިއްތިހާދުގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލް-މާލިކީ ބުނީ ހެލިކޮޕްޓަރު ވެއްޓުނީ ފަންނީ މައްސަލައަކާ ހެދި ކަމަށާއި، އެ ހާދިސާގައި ދެ ފަޅުވެރިން މަރުވި ކަމަށެވެ.
ހަނގުރާމަ ގަދަވަމުން ދިއުމާއެކު ޔަމަނުގެ އާންމު ރައްޔިތުންގެ ހާލަތު ވަނީ އިތުރަށް ދަށަށް ގޮސްފައެވެ. އައި.އޯ.އެމް ގެ މަޢުލޫމާތުތަކުން ދައްކާގޮތުގައި 233,000 އަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން ޖެހިފައިވާއިރު، ތައިޒް ސިޓީގެ ހޮސްޕިޓަލްތަކަށް ތެލާއި ބޭހާއި ސާޖިކަލް ސާމާނުގެ ވަރަށް ބޮޑު ހުރަސް ކުރިމަތިވެފައިވާ ކަމަށް ޑަބްލިއު.އެޗް.އޯ އިން އިންޒާރުދީފައިވެއެވެ.
ކޮމެންޓު ފޮނުވާ