ސަރުކާރުން އެމެރިކާ ޑޮލަރު ހޯދުމަށް ގެނައި އެއްވެސް ސިޔާސަތެއް ކާމިޔާބު ނުވާ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރައްވާފައިވާ ޕޯސްޓެއްގައި ނަޝީދު ވިދާޅުވީ، ޑޮލަރުގެ އަގު އަދިވެސް ވަރަށް މައްޗަށް ދާއިރު، އެކައުންޓުތަކުގައި ރުފިޔާ ހުރި ނަމަވެސް އެ ފައިސާ ޑޮލަރަށް ބަދަލުކުރުމުގެ ފުރުސަތެއް ނުލިބޭ ކަމަށެވެ. މި ހާލަތުގައި ކުދިން ބޭރުގައި ކިޔަވައިދޭ އާއިލާތަކާއި ގިނަ ވިޔަފާރިވެރިންނަށް ވަރަށް ބޮޑު ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
ނަޝީދު ވިދާޅުވީ މި މަހު ރާއްޖެ ޑިފޯލްޓުން ސަލާމަތްވީ، އިންޑިއާގެ ކަރަންސީ ސްވޮޕް އަނބުރާ ދައްކަންޖެހޭ މުއްދަތު އިތުރުކޮށްދިނުމުން ކަމަށެވެ. 2024 ވަނަ އަހަރުގެ އޮކްޓޯބަރުމަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި، ސާކް ގައުމުތަކަށް ހާއްސަ އިންތިޒާމުގެ ދަށުން ހަމަޖެއްސި މި ފެސިލިޓީ ރޯލްއޯވަރ ކޮށްދިންކަން އިންޑިއާ ސަރުކާރުން ހާމަކުރީ މިދިޔަ ހުކުރުދުވަހުއެވެ.
ރައީސް މުއިއްޒު މިވަގުތު ޕާކިސްތާނަށް ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާކަން ވެސް ނަޝީދު ވަނީ އެ ޕޯސްޓުގައި ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ