ރަސްމާލޭގައި "މޯލްޑިވްސް މެރީނާ އެންޑް ވޯޓަރފްރޮންޓް" މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާ ހަވާލުކުރުމާ ދެކޮޅަށް، ކުރީގެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން އަބްދުﷲ "ދިވެހިންގެ ބިން ދިވެހިންނަށް" ގެ ނަމުގައި ހަރަކާތެއް ފައްޓަވައިފި އެވެ.
މި ހަރަކާތް އިއުލާން ކުރެއްވީ އިއްޔެ މެންދުރުފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަ އެވެ. އެ ބައްދަލުވުމުގައި އިދިކޮޅު އެމްޑީޕީގެ މަޖިލިސް މެމްބަރުން ކަމަށްވާ ހުސައިން ޒިޔާދު (ފިއްޓޭ)، އަމީން ފައިސަލް އަދި މައުރޫފް ޒާކިރު، ޕީއެންއެފްގެ މުހައްމަދު މަލީހު ޖަމާލް އަދި އިސްމާއީލް ޒަރިޔަންދު އާއި ގާނޫނީ ވަކީލް އަލީ ހުސައިން ބައިވެރިވެވަޑައިގެން ތިއްބެވި އެވެ.
އިމްރާން ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ރަސްމާލެ ތަރައްގީކުރީ ރައްޔިތުންގެ ފައިސާ ހޭދަކޮށްގެން ކަމަށާއި، މިހާރު ސަރުކާރުން އެތަން ވިދެސް ފަރާތަކާ ހަވާލުކުރަން އުޅެނީ ޒަޔަނިސްޓުންނަށް ފައިދާ ކުރާ ގޮތަށް ކަމަށެވެ. މިދިޔަ މަހު މި ކަމާ ދެކޮޅަށް ކުރި ހިމޭން އިހުތިޖާޖުތަކުގެ އަޑުތައް އެއްކޮށް، ސަރުކާރުން މި ނިންމުން ބާތިލް ކުރަންދެން ހަރަކާތް ކުރިއަށް ގެންދާނެ ކަމަށް އިމްރާން ވިދާޅުވި އެވެ. އަދި މި ހަރަކާތުގައި ބައިވެރިވުމަށް ސިޔާސީ ޕާޓީތަކާއި، ވިޔަފާރިވެރިންނާއި، ޖަމްއިއްޔާ ޖަމާއަތްތަކާއި، އަމިއްލަ ފަރުދުންނަށް އޭނާ ގޮވާލެއްވި އެވެ.
އިމްރާނަކީ އެމްޑީޕީގެ ފުރަތަމަ ސަރުކާރުން ވެލާނާ އެއާޕޯޓު ޖީއެމްއާރްއާ ހަވާލުކުރުމާ ދެކޮޅަށް ކުރި ހަރަކާތުގެ އިސް ލީޑަރެކެވެ. ފަހުން އެމްޑީޕީ ސަރުކާރުގައި ހޯމް މިނިސްޓަރުކަން ކުރެއްވި އޭނާ، ވެރިކަން ބަދަލުވުމާއެކު ތައިލެންޑަށް ބަދަލުވެ އެ ގައުމުގައި ވިޔަފާރި ކުރައްވަމުން ގެންދަވަމުން ދިޔައެވެ.
މި ތުހުމަތުތައް ދޮގުކުރައްވައި ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ވިދާޅުވީ ރަސްމާލޭގެ ބިމުގެ މިލްކުވެރިކަން ދިވެހި ދައުލަތަށް ނޫން ބަޔަކަށް ލިބޭނެ ގޮތެއް ނެތް ކަމަށެވެ. ރަސްމާލޭގެ އެއްވެސް ޕްރޮޕަޓީއެއް ސަރުކާރުގެ ހުއްދައެއް ނެތި ވިއްކައި ގަނެ ނުވަތަ ބަދަލު ނުކުރެވޭނެ ކަމަށާއި، އެފަދަ ކޮންމެ މުއާމަލާތެއް ސަރުކާރަށް ހުށަހަޅައި، ހުއްދަ ދިނުމުގެ ނިންމުން ސަރުކާރުގެ އަތުގައި ހުންނާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ކޮމެންޓު ފޮނުވާ