ޝައިޚުން ފުލުހަށް ހާޒިރުކޮށް ބިރުދެއްކިޔަސް، ފަހަތައް ޖެހުމެއްނެތް: ސަލަފް

ޝައިޚުން ފުލުހަށް ހާޒިރުކޮށް ބިރުދެއްކިޔަސް، ފަހަތައް ޖެހުމެއްނެތް: ސަލަފް

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2021 05:37
0

ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ފުލުސް އޮފީހަށް ހާޒިރުކޮށް ބިރު ދެއްކި ކަމުގައި ވީނަމަވެސް "ނަފްރަތު" ބިލާއި ދެކޮޅަށް ކުރަމުންދާ މަސައްކަތުގައި ކުޑަކޮށްވެސް ފަހަތަށް ޖެހުމެއް ނެތްކަމުގައި ޖަމްއިއްޔަތުއް ސަލަފުން ބުނެފިއެވެ.

ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އައްޝައިޚް މުޖްތަބާ ޙަމީދު ފުލުސް އޮފީހަށް ހާޒިރު ކުރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، ނެރުނު ބަޔާނުގައި ބުނެފައިވަނީ ޖަމްޢިއްޔަތުއްސަލަފްގެ ޢިލްމުވެރިންގެ މަޖްލީހުގެ މެމްބަރު އަދި ޖަމްޢިއްޔާގެ ދީނީދަޢުވާ ކޯޑިނޭޓަރ، އަދި ނަފްރަތުގެ ބިލާދެކޮޅު ކެމްޕޭނުގެވެސް ކޯޑިނޭޓަރ އައްޝައިޚް މުޖްތަބާ ޙަމީދު 1 ޖޫން 2021 ގައި ކުރައްވާފައިވާ ޓްވީޓް ނަސޭހަތެއް ދެއްވުމަކީ މީހާ ކުއްވެރިވާންޖެހޭ ކަމެއްނޫންކަމަށެވެ.

މަޖިލީހުގެ މެމްބަރުންނޭވެ! ތިޔަބޭފުޅުންގެ ކުރިމައްޗަށް ހުށަހެޅޭ ބިލަކީ އިސްލާމްދީނާއި އެދީނުގެ ހަމަތަކަށް ގޮންޖެހުން ކުރިމަތިކުރުވާ ފަދަ ބިލެއް ނަމަ އެފަދަ ބިލަކަށް ވޯޓުދީ ތާއިދު ކުރުމަކީ ތިޔަބޭފުޅުންގެ އިސްލާމްކަން ގެއްލިގެން ހިނގައިދާނެ ކަމެއްކަން ހަނދާން ކުރައްވާށެވެ.

– ޝައިޚު ކުރެއްވި ޓްވީޓު.

ސަލަފުން ބުނީ އެ ޓްވީޓަކީ ދީނީޢިލްމުވެރިއެއްގެ ޙައިޘިއްޔަތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ދެއްވާފައިވާ ޢާއްމު ނަޞޭޙަތަކަށް ވީހިނދު، ދީނީޢިލްމުވެރިން ދައްކަވާ ވާހަކަފުޅުތަކާމެދު ނުތަނަވަސްކަމެއް އުފެދިއްޖެނަމަ، އެމީހަކާ އެންމެ ފުރަތަމަ ސުވާލުކުރަންޖެހޭ ފަރާތަކީ އިސްލާމިކް މިނިސްޓްރީ ކަމަށްވެފައި، އެމިނިސްޓްރީގެ އެއްވެސް އިޝާރާތެއް ނެތި، ފުލުސްއޮފީހަށް ޙާޒިރުކޮށް، މިކަމާ ސުވާލުކޮށް ބަޔާން ނެގުމަކީ ކަނޑައެޅިގެން ބިރުދެއްކުމުގެ ޢަމަލެއްކަމުގައި މެނުވީ މިޖަމްޢިއްޔާއިން ދޭކަމަށެވެ.

ދިވެހިރައްޔިތުންނަށާ، އަދި ނަފްރަތުގެ ބިލް ބަލައި ނުގަތުމަށް މިކުރަމުންދާ ކެމްޕޭންގައި ބައިވެރިވެލައްވާ އެންމެހާ ފަރާތްތަކަށް ޖަމްޢިއްޔަތުއްސަލަފުން ޔަޤީންކަންވަނީ، ﷲ ނޫންފަރާތެއްގެ ބިރެއް ނުގަންނާނެކަމާއި، އިސްލާމްދީނަށް ގޮންޖެހުން ކުރިމަތިވެދާނެ ކޮންމެކަމަކާ، ކުރިމަތިލުމުގައި އެކަލާނގެ ވާގިފުޅާއެކު އަޅުގަނޑުމެން ސާބިތުވެތިބޭނެކަމެވެ.

އައްޝައިޚް މުޖްތަބާ ޙަމީދު ދެއްވާފައިވާ ނަޞޭޙަތަކީ ޢިލްމީގޮތުން ރަނގަޅު ނަޞޭޙަތެއްކަމުގައި ވީހިނދު، ޢާއްމުކޮށް ޢިލްމުވެރިޔަކު ދެއްވާ ހެޔޮ ނަޞޭޙަތަކީ މިގައުމުގައި ކުށްވެރިވެދާފަދަ ބަސްފުޅަކަށް ވާނަމަ، މިހާރު މިއޮތް ނަފުރަތުގެ ބިލު ފާސްވެއްޖެނަމަ، މުޅި އިސްލާމީދަޢުވަތަށް ގޮންޖެހުން ކުރިމަތިވެ، އިސްލާމްދީންވެސް ދިވެހިރާއްޖެއިން ފުހެވިގެން ހިނގައިދާނެކަމީ މިހާރު ދިވެހިރައްޔިތުންނަށް ޔަޤީންވާންޖެހޭނޭ ކަމެއްކަމަށް ސަލަފުން ވަނީ ބުނެފައެވެ.

އަދި އޭގެ އިތުރުން މިޢަމަލަކީ ޤާނޫނު އަސާސީގެ 27 ވަނަ މާއްދާގެ ދަށުން ލިބިދޭ ޚިޔާލުފާޅުކުރުމުގެ މިނިވަންކަންވެސް ނިގުޅައިގަތުންކަމުގެ ޢަމަލެއްކަމުގައި ޖަމްޢިއްޔަތުއް ސަލަފުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.