ރައީސް ޔާމީން އިތުރު ސިޔާސީ ޕާޓީއެއް ހަދަން ނޫޅުއްވާ: ޕްރޮގްރެސިވް ކޯލިޝަން

ރައީސް ޔާމީން އިތުރު ސިޔާސީ ޕާޓީއެއް ހަދަން ނޫޅުއްވާ: ޕްރޮގްރެސިވް ކޯލިޝަން

Author
މުޙައްމަދު ޝަޒައިމް
24 ޖޫން 2021 05:23
0

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅު ބޭނުންކޮށްގެން ސިޔާސީ މަންފާ ހޯދުމަށް ތަފާތު ފަރާތްތަކުން ކުރާ މަސައްކަތްތަކުގައި ބައިވެރި ނުވުމަށް ޕްރޮގްރެސިވް ކޯލިޝަނުން އިލްތިމާސް ކޮށްފިއެވެ.

ޕްރޮގްރެސިވް ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) ގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ސިޔާސީ މަސައްކަތް ކުރައްވާނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް) އާއި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އާއެކުގައިކަމަށެވެ. އެމަނިކުފާނުގެ ސިޔާސީ މަސައްކަތް އެހެން އެއްވެސް ޕާޓީއަކާއިއެކު ނުވަތަ އެހެން ބަޔަކާއެކު ނުކުރައްވާނެ ކަމަށާއި، އަދި އިތުރު ސިޔާސީ ޕާޓީއެއް ހައްދަވައިގެން ސިޔާސީ މަސައްކަތްޕުޅު ކުރެއްވުމުގެ ވިސްނުންފުޅު އެމަނިކުފާނު ނުގެންގުޅުއްވާކަމަށްވެސް ވަނީ ބުނެފައެވެ.

ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ނަންފުޅު ބޭނުންކޮށްގެން، އިތުރު ސިޔާސީ ޕާޓީއެއް ހެދުމަށް ނުވަތަ ސިޔާސީ މަންފާ ހޯދުމަށް އެއްވެސް ފަރާތަކުން ކުރާ މަސައްކަތުގައި ޕްރޮގްރެސިވް ކޯލިޝަނަށާއި، އެމަނިކުފާނަށް ތާއީދުކުރާ ފަރާތްތަކުން އެފަދަ ފަރާތްތަކާއި ބައިވެރި ނުވުމަށް ވަނީ ނަސޭހަތްތެރިވެ އިލްތިމާސްކޮށްފައެވެ.

ޕްރޮގްރެސިވް ކޯލިޝަނުން މިފަދަ ބަޔާނެއް ނެރެފައިވަނީ ކުރީގެ ޑިފެންސް މިނިސްޓރަ ކާނަލް މުހައްމަދު ނާޒިމްއާއި، ސިޔާސީ ބައެއް ބޭފުޅުން އިސްވެ ތިއްބަވައގެން ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރައްވަމުންދާ މަސައްކަތުގައި ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރަމުންދާތީކަމަށް އެޕާޓީގެ ބައެއް ބޭފުޅުން މައުލޫމާތު ދެއްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.