ސަރުކާރުގެ ފަރާތުން ޤާނޫނުލް އުޤޫބާތަށް ހުށަހަޅާފައިވާ އިސްލާހުގެ މަސައްކަތް މަޖިލީހުން ކުރާއިރު، ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ދިވެހިރާއްޖެ ސޮއިކޮށް ތަސްދީޤުކޮށްފައިވާ މުޢާހަދާތަކާއި ޚިލާފު ނުވާނޭ ގޮތަކަށް ޤާނޫނު އިސްލާހު ކުރުމަށް ހުށަހަޅައިފިއެވެ.
ނަފްރަތުގެ ޢަމަލުތައް ހުއްޓުވައި، އެފަދަ ޢަމަލުތައް ޖިނާއީ ކުށަކަށް ހެދުމަށްޓަކައި ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތަށް އިޞްލާޙު ގެނައުމުގެ ބިލަށް ހިއުމަން ރައިޓްސް ކޮމިޝަނުގެ ފަރާތުން ރައްޔިތުންގެ މަޖްލީހުގެ ޖުޑިޝަރީ ކޮމިޓީއަށް ހުށަހަޅާފައިވާ އިސްލާހުތަކުގައި ދިވެހިރާއްޖޭގެ ޤާނޫނު އަސާސީއާއި ދިވެހިރާއްޖޭގައި ޢަމަލު ކުރަމުންދާ ޤާނޫނުތަކާއި ގަވާއިދުތަކުގެ އިތުރުން، ދިވެހިރާއްޖެ ސޮއިކޮށް ތަސްދީޤުކޮށްފައިވާ މުޢާހަދާތަކާއި އަދި އެ މުޢާހަދާތަކާ ގުޅިގެން ހަދާފައިވާ އ.ދ. މިންގަނޑުތަކާއި ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ މިންގަނޑުތަކަށް ރިޢާޔަތްކޮށްފައިވާނެކަމަށް ވަނީ ބުނެފައެވެ.
އެގޮތުން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 27 ވަނަ މާއްދާގައި ބަޔާންކުރާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާއި، 28 ވަނަ މާއްދާގައި ބާޔާންކުރާ ނޫސްވެރިކަމުގެ މިނިވަންކަމާއި، 29 ވަނަ މާއްދާގައި ބަޔާންކުރާ މަޢުލޫމާތު ލިބުމާއި ފެތުރުމުގެ މިނިވަންކަމާއި އަދި ގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ 19 ވަނަ މާއްދާގެ (1) އަދި (2) ވަނަ ނަމްބަރުގައި ބަޔާންކޮށްފައިވާ ޙިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ޙަވާލާދީފައިވާނެކަމަެވެ. އަދި ހަމަ މިއާއެކު، ޤާނޫނަކުން ނަފްރަތުގެ ކުށުގެ ގޮތުގައި ޢަމަލުތަކެއް ކަނޑައަޅާއިރު، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާއާއި އދ. ގެ މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ 19 ވަނަ މާއްދާގެ (3) އަދި 20 ވަނަ މާއްދާގައި ބުނާ ހަމަތަކުގެ މަތިން ޤާނޫނު އެކުލާވާލުމަށްޓަކައި ރިޢާޔަތްކުރަން ޖެހޭނެ ޢަސާސްތަކާއި ހަމަތަކަށް ބިނާކޮށް ލަފާދީފައި ވާނެކަމަށް އެޗްއާރުސީއެމްއިން ވަނީ ބުނެފައެވެ.
މީގެ އިތުރުން، މަދަނީ އަދި ސިޔާސީ ޙައްޤުތަކާ ގުޅޭ ބައިނަލްއަޤްވާމީ މުޢާހަދާގެ 20 ވަނަ މާއްދާގައި ވަކި ޤައުމެއްގެ ނުވަތަ ވަކި ނަސްލެއްގެ ނުވަތަ ވަކި ދީނެއްގެ ބަޔަކާ ދެކޮޅަށް ނަފްރަތާއި ފަސާދަ އުފެއްދުމާއި، ނަފްރަތާއި ފަސާދައަށް ބާރުއެޅުމުގެ ސަބަބުން އެ ބަޔަކަށް ކުރިމަތިވާ އަނިޔާވެރިކަމާއި ތަފާތުކުރުންތައް ޤާނޫނުން މަނާ ކުރެވިދާނެކަމަށް ބަޔާންކޮށްފައިވާއިރި މި މުއާހަދާގެ މައްޗަށް ހެދިފައިވާ ބައިނަލްއަޤްވާމީ މިންގަނޑުތަކުގެ ތެރެއިން 'ކެމްޑެން ޕްރިންސިޕަލްސް' ގެ 12 ވަނަ ޤާއިދާގައި އާއި އދ. ގެ ސްޓްރެޓެޖީ އެންޑް ޕްލޭން އޮފް އެކްޝަންސް އޮން ހޭޓް ސްޕީޗް' ގައި ބުނާ މިންގަނޑުތަކުގައި ނަފްރަތުގެ ޢަމަލެއް ނަފްރަތުގެ ކުށަކަށް ހެދުމުގައި ފުރިހަމަ ވާންޖެހޭ އުންސުރުތައް ފުރިހަމަވުމުގެ މުހިންމުކަމަށް ރިޢާޔަތްކޮށް ލަފާދީފައި ވާނެކަމަށް އެޗްއާރުސީއެމްއިން ބުނެއެވެ.
އަދި ނަފްރަތުގެ އަމަލުތަކުގެ އިންތައް ކަނޑައެޅުމުގައި ނަފްރަތުގެ އަމަލުތައް މަނާކުރުމާ ގުޅޭގޮތުން އދ. އިން އެކުލަވާލާފައިވާ 'ރަބާތް ޕްލޭން އޮފް އެކްޝަން) ގައި ހިމެނޭ '6 ޕާޓް ތްރެޝްހޯލްޑް ޓެސްޓް! އާ އެއްގޮތްވާ ގޮތުގެމަތިން ވަކި ޢަމަލަކީ ނަފްރަތުގެ ކުށެއްގެ ގޮތުގައި ކަނޑައެޅުމަށްޓަކައި އެ މިންގަނޑުތައް ބޭނުންކުރުމަށާއި ބައިނަލްއަޤްވާމީ 'ގުޑް ޕްރެކްޓިސް' ގައި ބަޔާންކޮށްފައިވާ އިރުޝާދުތަކާއި އެއްގޮތަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ގެ 27، 28 އަދި 29 ވަނަ މާއްދާގައި ކަށަވަރުކޮށްދޭ ޙައްޤުތަކާއި މިންގަނޑުތައް ނެގެހެއްޓޭނެ ގޮތުގެމަތިން މި ބިލުގެ މާއްދާތައް އިޞްލާޙުކުރުމަށްވެސް ކޮމިޝަނުން ވާނީ ހުށަހަޅާފައިވެއެވެ.
ކޮމެންޓު ފޮނުވާ