ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ހިންގަމުންދާ ޖަރީމާތައް ބަލަން ދިވެހި ރައްޔިތުން ތާއަބަދު ނުތިބޭނެކަމުގައި ކުރީގެ ވަޒީރު މުހައްމަދު މަލީހު ޖަމާލު ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ވެށީގައި ނޭއްގާނީ އެތައް ކަމެއް އާންމުވެ، ވެށީގެ ރައްކާތެރިކަން ގެލިގެން ގޮސްފައިވާ މިހާލަތުގައި ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވަމުން މަލީހު ވިދާޅުވީ މިއަދު މިޤައުމުން ފެނިގެންދާ އިޖުތިމާއީ ނުރައްކާތެރި އަދަވަޅަކީ މަޖިލީހުގެ ސުޕަމެޖޯރިޓީ ބޭނުންކޮށްގެން ކުރަމުންދާ ކަންތައްތަކުގެ ނަތީޖާކަމަށެވެ. ޤައުމުގެ އިޖުތިމާއީ ފޭރާން ބަލިކަށިވެ، އަމަންކަމާންކަން ގެއްލިގެންދާ މިހާލަތުގައިވެސް ފެނިގެންދަނީ އަމިއްލަ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ކަންކަން ފެޔަށް ޖައްސާތަންކަމުގައި މަލީހު ވިދާޅުވިއެވެ.
މަޖިލިސް ތެރެއިން މިހާރުވެސް ކުރެވެމުންދާ މަސައްކަތަކީ ވެރިންނަށް ގަނޑުވަރުތައް ހަދައި ދިނުމާއި، ރައްޔިތުންގެ މާލިއްޔާއިން އެބޭފުޅުންގެ ރައްކާތެރިކަން ކަށަވަރުކޮށް ދިނުމަށްކަމަށެވެ. ޤައުމުގެ އާންމު ރައްޔިތުންނަށް ކުރިމަތިވެފައިވާ މިހައްސާސް ވަގުތުގައި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރެވޭ އެއްވެސް މަސައްކަތެއް ސުޕަ މެޖޯރިޓީން ނުފެންނަކަމަށް މަލީހު ވިދާޅުވިއެވެ.
ލާދީނީ ބިލް ފާސްވީމަ މިވާހަތައްވެސް ނުލިޔެވޭނެ. މިޤައުމު ހަލާކުކޮށްލަން މަޖިލިސްގެ ސުޕަ މެޖޯރިޓީ ބޭނުންކޮށްގެން ހިންގާ ޖަރީމާތައް ބަލަން ރައްޔިތުން އަބަދު މަޑުން ނުތިބޭނެ. ޤައުމުގެ އިޖުތިމާއީ ފޭރާން ވީދި ކުދިކުދި ވާއިރު ވެރިން ގަނޑުވަރު ހޯދުމުގެ މަސްތުގައި.
– މަލީހު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރަށް ސަލާމަތާއި ރައްކަތެރިކަން ކަށަވަރުކޮށްދިނުމަށްޓަކައި ރަސްމީ ގެކޮޅެއް ހަމަޖެއްސުމަށް ސަރުކާރުން ހުށައެޅިގޮތަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައެވެ.
މަޖިލީހުގެ ރައީސްއާއި، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވަން ރަސްމީ ގެކޮޅެއް ކަނޑައެޅުވުމަށް ސަރުކާރުން ވަކިވަކިން ހުށައެޅުއްވި ދެބިލުގައި ބުނެފައިވަނީ، މަޖިލީހުގެ ރައީސްއާއި އުއްތަމަ ފަނޑިޔާރަށް ހަމަޖައްސަވާ ގެކޮޅަށް ބޭނުންވާ އެކަށީގެންވާ ޢަދަދެއްގެ މުވައްޒަފުންނާއި، އެގެކޮޅަށް ހިނގާނެ ޚަރަދު ދައުލަތުގެ ފަރާތުން ހަޖައްސައިދޭންވާނެކަމަށެވެ. އަދި އެދެބޭފުޅުން ދިރިއުޅުއްވަން ހަމަޖައްސަވާ ތަނަކީ ސަލާމަތީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅޭނެ ފަދަ ގޮތަކަށް ހުރި ތަނެއްކަމުގައި ވާންވާނެކަމަށްވެސް ވަނީ ބުނެފައެވެ.
މިދެ ގެކޮޅުގެވެސް ސެކިއުރިޓީ ބަލަހައްޓާނީ، މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިންކަމަށް ވަނީ ކަނޑައަޅުއްވާފައެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅޭ ރަސްމީ ގެކޮޅަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ރައްޔިތުންގެ މަޖިލީހުގެ އިދާރާއިންކަމަށާއި، އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ރަސްމީ ގެކޮޅަށް ބޭނުންވާނެ މުވައްޒަފުން ހަމަޖައްސާނީ ސްޕްރީމް ކޯޓުންކަމަށްވެސަ ބިލުގައި ވެއެވެ.
މިގޮތަށް ގެކޮޅު ހަމަޖައްސާއިރު މަޖިލީހުގެ ރައީސާއި އުއްތަމަ ފަނޑިޔާރުގެ އިތުރުން އަނބިކަނަބަލުން ނުވަތަ ފިރިކަލުންނާއި މައިން ބަފައިންނާއި، 10 އަހަރުނުވާ ކުދިންތިބި ނަމަ އެކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ކުދިންނާއި، 18 އަހަރުވެފައިވީނަމަވެސް ކައިވެނިނުކުރާނަ އެކުދިންނަށްވެސް ދަޢުލަތުން ހަމަޖައްސާ ގޭގައި ތިބެވޭނެއެވެ. މިފަދަ ބިލުތަކެއް ސަރުކާރުން ހުށައަޅައި މަޖިލީހުން ފާސްކޮށްފައިމިވަނީ މަޖިލިސް ރައީސް މުޙައްމަދު ނަޝީދަށް މިދިޔަ މެއި މަހުގެ 6 ވަނަ ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއާއި ގުޅިގެން ރައްކާތެރިކަން ކަށަވަރު ކުރުމަށް ނިންމަވައި އެކަން ހާމަކޮށްފައިނިކޮށެވެ.
ކޮމެންޓު ފޮނުވާ