ބޭރު ޤައުމެއްގައި ހުރިނަމަވެސް ޝަރީއަތް ހިންގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވޭ: ހައިލަމް

ބޭރު ޤައުމެއްގައި ހުރިނަމަވެސް ޝަރީއަތް ހިންގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބިގެންވޭ: ހައިލަމް

Author
މުޙައްމަދު ޝަޒައިމް
23 ޖޫން 2021 02:38
0

ރާއްޖެއިން ބޭރުގައި ހުރި މީހެއްގެ ޝަރީއަތް ކުރިއަށް ގެންދިއުމަށްވެސް ފަނޑިޔާރަކު ބޭނުންވެއްޖެ ކަމުގައިވާނަމަ އެފުރުސަތު އެބައޮތްކަމަށް ކްރިމިނަލް ކޯޓިގެ ކުރީގެ އިސްޤާޒީ އަހުމައު ހައިލަމް ވިދާޅުވެއްޖެއެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރ ޢަލީ ވަހީދުގެ މައްޗަށް އުފުލާފައިވާ ދައުވާގެ ޝަރީޢަތުގައި އޭނާ ބައިވެރިވެފައިވަނީ، ރާއްޖޭގެ ޤާނޫނު ނުހިނގާ ތަނެއްގައި ހުރެގެންކަމަށާއި، އެކަމުގައި ކްރިމިނަލް ކޯޓުން ޢަމަލުކުރަނީ ޤާނޫނާއި ޚިލާފަށްކަމަށްބުނެ، އެމައްސަލަ އިސްތިއުނާފްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމާފައި ނިންމުމާއި ގުޅިގެން ހައިލަމް ވަނީ ވަރަށް ތަފްސީލީ ގޮތެއްގައި މިކަން އޮންނަ ގޮތް ޤާނޫނީ ނަޒަރަކުން ސާފުކޮށް ދެއްވާފައެވެ.

ހައިލަމް ވިދާޅުވީ ޢާންމު ޞިއްޙަތުގެ ކުއްލި ނުރައްކަލުގެ ޙާލަތުގައި ނުވަތަ މައްސަލަތައް ލަސްވެ ޢަދުލު އިންޞާފަށް ބުރޫއަރާފާނެ ކަމަށް ފަނޑިޔާރަށް ޤަބޫލުކުރެވޭނަމަ، ދަޢުވާ ލިބޭފަރާތް ރާއްޖެއިން ބޭރުގައި ހުރިނަމަވެސް، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ހިންގުމުގެ އިޚްތިޔާރު ފަނޑިޔާރަށް ލިބޭކަން، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 1-163 ވަނަ މާއްދާއާއި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމާބެހޭ ގަވާއިދުގެ 2 އަދި 3 ވަނަ މާއްދާއިން ސާފުކޮށް އެނގޭކަމަށެވެ.

ޢަލީ ވަޙީދު ޝަރީޢަތުގައި ބައިވެރިވަނީ ޔޫކޭގައި ހުންނަ ރާއްޖޭގެ އެމްބަސީގައި ހުރެގެންކަން ނޫސްތަކުގައި ލިޔެފައިވާއިރު، އަދި ޝަރީޢަތުގެ އަޑުއެހުމުގައި ބައިވެރިވާން ޢަލީ ވަޙީދަށް އެނގޭނީ ވެސް ކޯޓު އަމުރު ރައްދުކުރެވިގެން ކަމާއި، މައްސަލައިގެ އަޑުއެހުމެއް ބޭއްވޭއިރު އޭނާ ހުރި ތަނެއް ކޯޓުން ކަށަވަރުކުރަން ޖެހޭނެތީ އެކަން ކޯޓުން ކުރާނެކަން ޕީޖީއަށް އެނގިލައްވަން ވާނެކަމަށް ހައިލަމް ވިދާޅުވިއެވެ. ޖިނާއީ މައްސަލައެއްގައި، ރާއްޖޭގެ އެމްބަސީއެއްގައި ހުރެގެން އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ހެކިންގެ ހެކިބަސް ނެގުން ހުއްދަވާނަމަ ދަޢުވާ ލިބޭފަރާތުން އެދިގެން އެގޮތަށް ޝަރީޢަތް ކުރިއަށް ގެންދިޔުން މާ އައުލާކަން ބޮޑު ނޫންތޯ ހައިލަމް ވަނީ ޖީޕީއާއި ސުވާލު ކުރައްވާފައެވެ.

އަދި ޝަރީޢަތުގެ ކުރީގެ ހުށަހެޅުންތައް ހުށަހެޅުމަށް 15 ދުވަހަށް ވުރެ ދިގު ނޫން މުއްދަތެއް ދިނުމުގެ އިޚްތިޔާރު ފަނޑިޔާރަށް އިޖުރާއަތުގެ ގަވާއިދުން ލިބިދެވޭއިރު، އެ މުއްދަތަށް ވުރެ އިތުރު ނުވާނޭހެން ދެވޭ ފުރުޞަތަކާމެދު ޕީޖީ އިޢުތިރާޟުކުރައްވަނީ ކީއްވެގެންތޯ؟ ޕީޖީގެ ކަންބޮޑުވުމަކީ ކޮބައިތޯ؟ ޢަލީ ވަޙިދަށް ދިފާޢުވުމަށް ޤާނޫނީ އިމުގެ ތެރެއިން ކޯޓުން އިތުރު ފުރުޞަތެއް ދިނުންތޯ؟ އޭނާ އެނބުރި ރާއްޖެ ނައިސްގެންތޯ؟ ނޫނީ ހައްޔަރު ނުކުރެވިގެންތޯ؟ ޢަލީ ވަޙީދު އެދިގެން ނޫންތޯ އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދެވެނީ؟ ބޭސްފަރުވާ އަށް ހުއްދަ ދެވުނު މުއްދަތު ހަމަވެފައި ވާއިރު ހައްޔަރުކުރަން ބޭނުންނަމަ އެންމަ ފަސޭހަ ގޮތަކީ ރެޑް ނޯޓިސް އަކަށް އެދުމެއް ނޫންތޯ؟

– ހައިލަމް ވިދާޅުވިއެވެ.

ދަޢުވާ ލިބޭފަރާތުން އެދިގެން، ކާރިސާގެ ޙާލަތެއްގައި، އޯޑިއޯ އަދި ވީޑިއޯ ކޮންފަރެންސިންގ މެދުވެރިކޮށް ޝަރީޢަތުގައި ބައިވެރިވުމަށް އޭނާއަށް ފުރުޞަތު ދެއްވުމަށް ފަނޑިޔާރު ނިންމަވާ އިޖުރާއީ ނިންމެވުން އިސްތިއުނާފުކުރެވޭނީ ކޯޓުން އެ މައްސަލާގައި މައުޟޫޢީ ގޮތުން ޙުކުމް އިއްވުމުންކަމަށް ހައިލަމް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.