ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)ގެ ޢިއްޒަތް، ފަތުރުވެރިކަމުގެ ދާއިރާގެ ދެ ބާނީން ކަމަށްވާ ޗަމްޕާ ޙުސައިން ޢަފީފަށާއި، ޗަމްޕާ މުޙައްމަދު މޫސާ (ޗަމްޕާ އުއްޗު)އަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އަރުވައިފިއެވެ. މި ދެ ބޭފުޅުންނަށް މި ޢިއްޒަތް އެރުވީ މިއަދު ހެނދުނު ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ޙުސައިން ޢަފީފަކީ، ދިވެހިރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފުކޮށްދެއްވި ބާނީންގެ ތެރެއިން އެއް ބާނީއެވެ. އެންމެ ފުރަތަމަ ރާއްޖެއަށް ފަތުރުވެރިން ގެންނެވުމަށްޓަކައި މަސައްކަތް ފެށްޓެވިއިރު، ރިޒޯޓު ދާއިރާގެ އެކި ވަޒީފާތައް ކަމުގައިވާ ރިޒޯޓުގެ ބަދިގޭގައި މަސައްކަތް ކުރެއްވުމާއި، ޓުއަރ ގުރޫޕްތަކުގައި މަސައްކަތް ކުރެއްވުން އަދި މެނޭޖްމަންޓުގެ ދާއިރާގައިވެސް ޢަފީފު މަސައްކަތް ކުރެއްވިއެވެ. ރާއްޖޭގެ ފަތުރުވެރިކަމުގެ ޞިނާޢަތަށް އެމަނިކުފާނު ގެންނެވި އިންޤިލާބީ ބަދަލެއްގެ ގޮތުގައި ފާހަގަކޮށްލެވެނީ، 2014 ވަނަ އަހަރު ފަހުކޮޅު މާލެއަތޮޅު ގަސްފިނޮޅުގައި ދުނިޔޭގެ އެންމެ ފުރަތަމަ ސޯލަރ ރިޒޯޓު ތަރައްޤީކުރައްވައި ޚިދުމަތް ދެއްވަން ފެށްޓެވުމެވެ. ޔޫރަޕާއި ބައިނަލްއަޤުވާމީ ތަފާތު މާކެޓުތަކުގައި ދިވެހިރާއްޖޭގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރެއްވުމުގައި ޢަފީފު ކުރައްވާފައިވާ ގިނަގުނަ މަސައްކަތްތައްވެސް ފާހަގަކޮށްލެވެއެވެ. ޙުސައިން ޢަފީފަކީ، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓޫރިޒަމް އިންޑަސްޓްރީ (މަޓީ) އުފެއްދެވި، އެ އެސޯސިއޭޝަންގެ ފައުންޑިންގ މެންބަރެކެވެ. މަޓީގެ ވައިސް ޗެއަރމަންކަމާއި، ޗެއަރމަންކަން ފުރުއްވައި، މިހާރުވެސް އެ އެސޯސިއޭޝަންގެ ޗެއަރމަންގެ މަގާމުގައި ޢަފީފު ހުންނަވަނީ ގިނަގުނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.
ޗަމްޕާ މުޙައްމަދު މޫސާއަކީ، ޒުވާން އުމުރުފުޅުގައިވެސް ވަރަށް މަސައްކަތްތެރި ބޭފުޅެއްގެ ގޮތުގައި ފެނިގެންދިޔަ، ވިޔަފާރީގެ ދާއިރާގައި ކުރިއަށް ވަޑައިގަތުމުގެ ޝައުޤުވެރިކަން ތުއްޕުޅުއިރުއްސުރެ ހިތްޕުޅުގައި އުފެދިފައިވާ ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލުން ތަޢުލީމު ހާސިލު ކުރެއްވުމަށްފަހު، އިންޑިއާގެ ޓެމިލްނާޑޫގެ ޢުމަރު އާބާދުގައި ހުންނަ ޖާމިޢާ ދާރުއްސަލާމުން ތަޢުލީމު ހާސިލު ކުރެއްވިއެވެ. އެއަށްފަހު، ކޮއިންބަތޫރަށް ވަޑައިގެން، އެތާނގެ ބައެއް ކާރުޚާނާތަކުގައި ޚިދުމަތް ކުރައްވައި، އެކިއެކި މަސައްކަތް ދަސްކުރައްވައި، އެކި ރޮނގުރޮނގުން ތަޖުރިބާ ހާސިލު ކުރެއްވިއެވެ. އެނބުރި ރާއްޖެއަށް ވަޑައިގެން، ދަސްކުރެއްވި މަސައްކަތްތަކުން އާމްދަނީ ހޯއްދެވުމުގެ މަސައްކަތް ފެށްޓެވިއެވެ. ދަނޑުވެރިކަމަކީ، މުޙައްމަދު މޫސާ ވަރަށް ކުރައްވާހިތްޕުޅުން ފެށްޓެވި މަސައްކަތެކެވެ. ފުޅާ ދާއިރާއެއްގައި އެ މަސައްކަތް ކުރިއަށް ގެންދަވައި، އެތައް ބަޔަކަށް އެ މަސައްކަތް ދަސްކޮށްދެއްވިއެވެ. ދަނޑުވެރިކަމުގެ އުފެއްދުންތައް ބާޒާރަށް ނެރުއްވައި، އެކަށީގެންވާ އަގެއްގައި ލިބޭނެ އިންތިޒާމު މުޙައްމަދު މޫސާ ހަމަޖައްސަވައި ދެއްވިއެވެ. މުޙައްމަދު މޫސާއަކީ، ސަރުކާރުގެ އެގްރިކަލްޗަރ އެޑްވައިޒަރީ ބޯޑުގެ މެންބަރުކަންވެސް ކުރައްވައިފައިވާ ބޭފުޅެކެވެ. ދަނޑުވެރިކަމުގައި ގަސްގަހާގެއްސާ ގުޅޭ މަސައްކަތް ކުރައްވައިގެން، 1996 ވަނަ އަހަރު އެ މަނިކުފާނަށް "ތިމާވެށީގެ ފެހިފަތް" ސަރުކާރުން ވަނީ އަރުވައިފައެވެ.
މުޙައްމަދު މޫސާ މިހާރުވެސް ގެންދަވަނީ، ކާބޯތަކެއްޗާއި ތަފާތު ބާވަތްތަކުގެ ބެވަރެޖްތައް ފަތުރުވެރިކަމުގެ ދާއިރާގެ ވިޔަފާރިތަކަށާއި، ޢާންމު ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި "ޗަމްޕާ ހޯލްސޭލް" ވިޔަފާރި ޤާއިމުކުރައްވައި ޚިދުމަތް ދެއްވަމުންނެވެ. މާލެއަތޮޅު ތުނބަށްފުށީގައި ހައްދާ ތަރުކާރީއާއި މޭވާގެ ބާވަތްތަކާއި، އުފައްދާ ގަސްކާނާ މާލޭގެ ބާޒާރަށް ވިއްކަވަމުން ގެންދަވައެވެ. އެރަށުގައި އިންޑަސްޓްރިއަލް މަސައްކަތްތަކާއި، ބޯޓުޔާޑެއްވެސް ހިންގަވަމުން ގެންދަވައެވެ. ރާއްޖޭގައި އެންމެ ފުރަތަމަ އުފެދުނު އަމިއްލަ ބްރޯޑްކާސްޓިންގ ސްޓޭޝަން ކަމަށްވާ "ދި އެފް.އެމް." އާއި، "ދި އެފް.އެމް. ޕްލަސް" ގެ އިތުރުން، "ދި ޓީ.ވީ."ގެ ބާނީއަކީވެސް މުޙައްމަދު މޫސާއެވެ.
މި ދެ ބޭފުޅުންގެ ޚިދުމަތްތައް ފަތުރުވެރިކަމުގެ ދާއިރާއަށް އެކަނި މަޙްދޫދެއް ނުވެއެވެ. ހޮސްޕިޓޭލިޓީގެ ދާއިރާއިންނާއި، އޭވިއޭޝަންގެ ދާއިރާއިންނާއި، ބޭންކިންގގެ ދާއިރާއިންނާއި، ޞިއްޙީ ދާއިރާ ފަދަ ތަފާތު ދާއިރާތަކަށް އޮންޓަރޕްރިނިއޯއެއްގެ ހައިސިއްޔަތުން ޢަފީފު ކޮށްދެއްވައިފައިވާ ޚިދުމަތްތަކަކީ ޚާއްޞަ ގޮތެއްގައި ފާހަގަކޮށްލަންޖެހޭ ޚިދުމަތްތަކެކެވެ. އައްޑޫ އިންޓަރނޭޝަނަލް އެއަރޕޯޓް ތަރައްޤީކުރުމުގައި ޢަފީފާއި މުޙައްމަދު މޫސާ ދެ ބޭފުޅުންގެ ހިއްސާ ވަރަށް ބޮޑެވެ. މީގެ އިތުރުން، ޅ. މަޑިވަރު ޑޮމެސްޓިކް އެއަރޕޯޓް ޤާއިމުކުރެއްވުމަކީވެސް މުޙައްމަދު މޫސާގެ ވިޔަފާރީގެ ދަށުން ހިންގެވި މުހިންމު އިންފްރާސްޓްރަކްޗަރ މަޝްރޫޢެކެވެ. ޢަފީފާއި މުޙައްމަދު މޫސާގެ ބައިވެރިވެވަޑައިގަތުމާއެކުގައި ޓްރީ ޓޮޕް ހޮސްޕިޓަލް ޤާއިމުކުރެވި ޚިދުމަތް ދޭން ފެށުމަކީ، ދިވެހިރާއްޖޭގެ ޞިއްޙީ ދާއިރާއިން އިންޤިލާބީ ބޮޑު ބަދަލެއް ފެނިގެންދިޔަ ކަމެކެވެ. 210 އެނދުގެ ޓާޝަރީ ލެވެލްގެ މި ހޮސްޕިޓަލު އިފުތިތާޙުކުރުމާއި ގުޅިގެން، މީގެ ކުރީގައި ރާއްޖެއިން ނުލިބޭފަދަ މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތްތައް ރައްޔިތުންނަށް ލިބެން ފެށިއެވެ. ޓްރީ ޓޮޕް ހޮސްޕިޓަލަކީ، ރާއްޖޭގެ އެންމެ ފުރަތަމަ ފަރޓިލިޓީ ކްލިނިކް ތަޢާރުފުކުރި ހޮސްޕިޓަލްވެސް މެއެވެ. ހަމައެއާއެކު، މި ދެ ބޭފުޅުންގެ ބައިވެރިވެވަޑައިގަތުމާއެކުގައި، ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް އުފެއްދެވުމުގެ ސަބަބުން، ދިވެހި ވިޔަފާރިތަކަށް މާލީގޮތުން ކުރިއެރުން ލިބުމުގެ މަގު ފަހިވެގެންދިޔައެވެ. ޢަފީފަކީ ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސްގެ ބޯޑުގެ ޗެއަރމަންވެސް މެއެވެ. މުޙައްމަދު މޫސާގެ ބައިވެރިވެވަޑައިގަތުމާއެކުގައި "މޯލްޑިވްސް ފައިނޭންސް އެންޑް ލީސިންގ ކޮމްޕެނީ" ޤާއިމުކުރެއްވުމަކީވެސް ރާއްޖޭގެ އިޤުތިޞާދީ އަދި މާލީ ދާއިރާގެ ކުރިއެރުމަށް ފާހަގަކޮށްލެވޭ ދައުރެކެވެ.
ޢަފީފާއި މުޙައްމަދު މޫސާގެ ލޮބުވެތި ބައްޕަ ޢަލިފުޅު ތުއްތުގެ ނަމަށް ނިސްބަތްކުރައްވައި، "ޢަލިފުޅު ތުއްތު ފައުންޑޭޝަން (އޭ.އެފް.ޓީ.އެފް)"ގެ ދަށުން ވަނީ ވަރަށް ގިނަ އަދަދެއްގެ ސީ.އެސް.އާރު. އަދި މުޖުތަމަޢަށް ފައިދާކުރަނިވި މަޝްރޫޢުތަކެއް ރާއްވަވައި ކުރިއަށް ގެންދަވައިފައެވެ. މި ފައުންޑޭޝަންގެ އެހީގައި މިއަދާ ހަމައަށް ތަޢުލީމު ހާސިލުކުރި ވަރަށް ގިނަ އަދަދެއްގެ ކުދިން، މިއަދު ރާއްޖޭގެ އެކި ދާއިރާތަކުގައި ޚިދުމަތް ކުރަމުން އެބަ ގެންދެއެވެ. ކޮންމެ އަހަރަކު ސްކޮލަރޝިޕްގެ ފުރުޞަތު ދެއްވުމުގެ އިތުރުން، ރާއްޖޭގައި މީހުން ދިރިއުޅޭ ބައެއް ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު، ޢަފީފުގެ އިސްނެންގެވުމުގެ މަތިން ޤާއިމުކުރައްވާފައިވާކަންވެސް ފާހަގަކޮށްލެވެއެވެ.
ފަތުރުވެރިކަމުގެ ދާއިރާގައި ޢަފީފު ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ތަފާތު އެތައް އެވޯޑެއް ރާއްޖެއާއި ރާއްޖެއިން ބޭރުންވެސް އެމަނިކުފާނަށްވަނީ ލިބިވަޑައިގެންފައެވެ. ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ހިތްވަރު ދިނުމުގެ އިނާމު ޢަފީފަށް ލިބިވަޑައިގަތީ 1989 ވަނަ އަހަރުއެވެ. އަދި ފަތުރުވެރިކަމުގެ ރޮނގުން ޢާންމު ޚިދުމަތުގެ ޝަރަފުވެރިކަމުގެ އިނާމު ލިބިވަޑައިގަތީ 2004 ވަނަ އަހަރުއެވެ. 16 ސެޕްޓެމްބަރ 2010 ގައި ޙުސައިން ޢަފީފަށް ވަނީ "ދައުލަތަށް ގިނަދުވަހު ޚިދުމަތް ކުރެއްވި ޢިއްޒަތްތެރިޔާ"ގެ ލަޤަބުވެސް ސަރުކާރުން އަރުވައިފައެވެ. މުޙައްމަދު މޫސާއަށް ލިބިވަޑައިގެންފައިވާ އެވޯޑުތަކުގެ ތެރޭގައި، 2022 ވަނަ އަހަރު ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށް 50 އަހަރު ފުރުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ދެއްވި "ޓޫރިޒަމް ގޯލްޑް އެވޯޑް" އާއި، 2024 ވަނަ އަހަރު ބޭއްވުނު ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑްސް (SATA)ގެ "ފޭސް އޮފް ސައުތު އޭޝިއާ ޓޫރިޒަމް އެވޯޑް" ހިމެނެއެވެ. މި ދެ ބޭފުޅުންނަށްވެސް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް (ނ.މ.ޝ.ޢ) އެރުވީ، 26 ޖުލައި 2013 ގައެވެ.
ކޮމެންޓު ފޮނުވާ