ކ. އަތޮޅުން ފެށިގެން އައްޑޫއާ ހަމައަށް ހުރި ރަށްތަކަށް މިރޭ އުދަ އަރާނެ ކަމަށް ލަފާކޮށް، މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް) އިން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ބުނި ގޮތުގައި މި ސަމާލު ދެމިއޮންނާނީ މިރޭ 10:00 އިން ފެށިގެން ދަންވަރު 2:30 އާ ހަމައަށެވެ. މި ވަގުތުތަކުގައި ކ. އަތޮޅުން ފެށިގެން ދެކުނުގެ އެންމެ ކޮޅު އައްޑޫއާ ހަމައަށް ހުރި ސަރަހައްދުތަކުގައި ހިމެނޭ ރަށްތަކުގައި އުދައިގެ އަސަރު ކުރާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
މި ސަމާލު ނެރިފައި މިވަނީ މިއަދު މެންދުރު މާލޭގެ އެކި ސަރަހައްދުތަކަށް އުދަ އަރައި، ބޮޑެތި ގެއްލުންތަކެއް ލިބިފައި ވަނިކޮށެވެ. މިއަދު އުދައިގެ ސަބަބުން ރާޅުގަނޑު ސަރަހައްދާއި، ކާނިވާ ސަރަހައްދާއި، އިންޑަސްޓްރިއަލް ވިލެޖަށް ލޮނުގަނޑު ވަދެ، އެ ސަރަހައްދުތަކުގައި ޕާކުކޮށްފައި ހުރި ވެހިކަލްތަކަށް އެކި ވަރުގެ ގެއްލުންތައް ވަނީ ލިބިފައެވެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގު އަލަށް ތަރައްގީކުރި ބައެއް ސަރަހައްދުތަކަށް ވެސް އުދައިގެ ސަބަބުން ލޮނުގަނޑު ވަދެފައި ވެއެވެ.
މާލެއަށް މިއަދު އުދަ އަރާފައި ވަނީ ދިޔަވަރު އެންމެ ބޮޑުވި ވަގުތު ކަމަށްވާ މެންދުރު 11:53 ހާއިރު، ދިޔަވަރު 0.74 މީޓަރުގައި ހުއްޓައެވެ. މާދަމާ އެންމެ ބޮޑު ދިޔަ އޮންނާނީ 12:28 ގައި ކަމަށާއި، އެ ވަގުތު ދިޔަވަރު 0.79 މީޓަރަށް އަރާނެ ކަމަށް ދިޔަވަރު ލަފާކުރާ މޮޑެލްތަކުން ދައްކާ ކަމަށް މެޓް އޮފީހުން ބުނެއެވެ. މިއީ މިއަދު ދިޔަވަރު ހުރި މިންވަރަށްވުރެ ވެސް މަތީ މިންވަރެއް ކަމުން، މާދަމާ ވެސް އުދައިގެ ނުރައްކާ އޮތް ކަމަށް ބެލެވެއެވެ.
އުދައިގެ ސަމާލު ނެރެފައިވާ ސަރަހައްދުތަކުގައި ދިރިއުޅޭ ފަރާތްތަކުން، ހާއްސަކޮށް ކަނޑުއަޑިން މުދާ ރައްކާތެރި ކުރެއްވުމަށާއި، ގޮނޑުދޮށާ ކައިރީގައި ޕާކުކޮށްފައި ހުރި ވެހިކަލްތައް ރައްކާތެރި ސަރަހައްދުތަކަށް ބަދަލުކުރެއްވުމަށް ކަމާ ބެހޭ ފަރާތްތަކުން އިލްތިމާސް ކުރައްވައެވެ.
ކޮމެންޓު ފޮނުވާ