ޔޫކްރޭން ހަނގުރާމައަށް އުތުރު ކޮރެއާގެ އިތުރު 30,000 ސިފައިން ފޮނުވުމަށް ރަޝިޔާއިން ތައްޔާރުވަނީ

ޔޫކްރޭން ހަނގުރާމައަށް އުތުރު ކޮރެއާގެ އިތުރު 30,000 ސިފައިން ފޮނުވުމަށް ރަޝިޔާއިން ތައްޔާރުވަނީ

Author
އަހުމަދު
26 ޖުލައި 2026 07:54
0

ޔޫކްރޭނާ ދެކޮޅަށް ރަޝިޔާއިން ކުރަމުންދާ ހަނގުރާމައަށް އުތުރު ކޮރެއާގެ އިތުރު 30,000 ސިފައިން ފޮނުވުމަށް ރަޝިޔާއިން ތައްޔާރުވަމުންދާ ކަމަށް ޔޫކްރޭނުގެ ރައީސް ވޮލޮޑިމީރް ޒެލެންސްކީ ވިދާޅުވެއްޖެއެވެ.

ހޮނިހިރު ދުވަހުގެ ރޭ ޤައުމާ މުޚާޠަބުކުރައްވައި ޒެލެންސްކީ ދެއްވި ޚިޠާބުގައި ވިދާޅުވީ، މި ސިފައިން ބޭތިއްބުމަށްޓަކައި ރަޝިޔާގެ ވޮރޮނޭޒް ސަރަޙައްދުގައި މިދިޔަ ޖޫން މަހުން ފެށިގެން ތައްޔާރީތައް ވަމުންދާ ކަމުގެ މަޢުލޫމާތު ޔޫކްރޭނަށް ލިބިފައިވާ ކަމަށެވެ. "ރަޝިޔާއާއި އުތުރު ކޮރެއާގެ ގުޅުން އަޅުގަނޑުމެންނަށް ސާފުކޮށް އެބަ ފެނޭ. ރަޝިޔާ ބޭނުންވަނީ އުތުރު ކޮރެއާގެ އިތުރު 30,000 ސިފައިން މި ހަނގުރާމައަށް ނެރުމަށް،" ޒެލެންސްކީ ވިދާޅުވިއެވެ.

ދެ ޤައުމުގެ ދެމެދުގައި ވެފައިވާ ދިފާޢީ އެއްބަސްވުމެއްގެ ދަށުން، 2024 ވަނަ އަހަރު ޔޫކްރޭން ސިފައިން ރަޝިޔާގެ ކުރުސްކް ސަރަޙައްދަށް ދިން ޙަމަލާތަކުން ދިފާޢުވުމަށް އެހީތެރިވުމުގެ ގޮތުން، އުތުރު ކޮރެއާއިން މިހާރުވެސް ގާތްގަނޑަކަށް 14,000 ސިފައިން ވަނީ ރަޝިޔާއަށް ފޮނުވާފައެވެ. މިއީ އެ ޢަދަދު ދެ ގުނަޔަށްވުރެ މައްޗަށް އިތުރުވެގެންދާނެ ފިޔަވަޅެކެވެ.

ސިފައިންގެ އިތުރުން، ބެލިސްޓިކް މިސައިލް ފޮނުވާ އައު ލޯންޗަރުތަކެއްވެސް ރަޝިޔާއަށް ފޯރުކޮށްދިނުމަށް އުތުރު ކޮރެއާއިން ތައްޔާރުވަމުންދާ ކަމަށް ޒެލެންސްކީ ވިދާޅުވިއެވެ. އޭނާ ވިދާޅުވި ގޮތުގައި، މި ހަނގުރާމައިގައި ބައިވެރިވުމުގެ ސަބަބުން އުތުރު ކޮރެއާއަށް ހަނގުރާމައިގެ މައިދާނުގެ ޢަމަލީ ތަޖުރިބާ ލިބެމުންދާއިރު، ހަތިޔާރު ތަރައްޤީކުރުމުގެ އައު އުކުޅުތައްވެސް ރަޝިޔާއިން ދަނީ އުތުރު ކޮރެއާއާ ޙިއްޞާ ކުރަމުންނެވެ.

"މިއީ ހަމައެކަނި ޔޫކްރޭނަށް އޮތް ނުރައްކަލެއް ނޫން. މި ގުޅުމުގެ ސަބަބުން އުތުރު ކޮރެއާގެ މިސައިލްތަކުގެ ރޭންޖުގައި ހިމެނޭ އޭޝިއާގެ ހުރިހާ ޤައުމަކަށްވެސް ނުރައްކާތެރި ބިރުވެރިކަމެއް ކުރިމަތިވާނެ،" ޒެލެންސްކީ އިންޒާރު ކުރެއްވިއެވެ.

މި ނުރައްކާތަކާ ދެކޮޅަށް ޔޫކްރޭނުން ވަރުގަދަ ރައްދެއް ދޭނެ ކަމުގެ ޔަޤީންކަން ޒެލެންސްކީ ވަނީ ދެއްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.