ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ބަނގުލަދޭޝުން 20،000 ގަސް ހަދިޔާކުރަނީ

ފަސް މިލިއަން ގަސް އިންދުމުގެ މަޝްރޫޢަށް ބަނގުލަދޭޝުން 20،000 ގަސް ހަދިޔާކުރަނީ

Author
އަހުމަދު
26 ޖުލައި 2026 11:08
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިސްނަންގަވައިގެން ކުރިއަށްގެންދާ "5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢު"އަށް އެހީވުމުގެ ގޮތުން 20،000 ގަސް ހަދިޔާކުރަން ބަނގުލަދޭޝުން މިއަދު ނިންމައިފިއެވެ.

މި ނިންމުން އިޢުލާންކުރެއްވީ، މަޝްރޫޢުގެ ދަށުން މިއަދު ބޭއްވި ގަސް އިންދުމުގެ ޚާއްޞަ ހަރަކާތެއްގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖެ ވަޑައިގެންނެވި ބަނގުލަދޭޝުގެ ޚާރިޖީ ވަޒީރު ޑރ. ޚަލީލުއްރަޙްމާނެވެ. މި ހަރަކާތުގައި އެ މަނިކުފާނު ވަނީ ރަމްޒީގޮތުން ގަހެއް އިންދަވައިދެއްވާފައެވެ.

ޑރ. ޚަލީލުއްރަޙްމާނުގެ އަރިހުގައި، ރާއްޖޭގެ ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް އަދި ވަޒީރު ޢަލީ ޝަރީފް ވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި ދެ ޤައުމުގެ މަންދޫބުން ވަނީ ތިމާވެށީގެ ދާއިރާއިން ރާއްޖެއާއި ބަނގުލަދޭޝްއާ ދެމެދު އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ދެ ޤައުމުގެ ހައިސިއްޔަތުން، މިފަދަ މަޝްރޫޢުތަކުގެ ޒަރީޢާއިން ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެކަން ފާހަގަކުރައްވާފައެވެ.

ރާއްޖޭގެ ފެހިކަން އިތުރުކޮށް، ތިމާވެށި ރައްކާތެރިކުރުމުގެ މަޤުޞަދުގައި ރައީސް ޑރ. މުޢިއްޒު ފައްޓަވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ މި ސަރުކާރުގެ އެންމެ ބޮޑު އެއް ޤައުމީ މަސައްކަތެވެ. ބަނގުލަދޭޝުން ފޯރުކޮށްދޭ މި އެހީއަކީ މަޝްރޫޢުގެ ލަނޑުދަނޑިއާ ހަމައަށް ވާސިލުވުމަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމުގައި ސަރުކާރުން ދެކެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.