ޑަބްލިޔުއެޗްއޯގެ ސަރަހައްދީ ޑިރެކްޓަރުގެ މަގާމުން ސައިމާ ވާޒިދު އިސްތިއުފާ ދެއްވައިފި

ޑަބްލިޔުއެޗްއޯގެ ސަރަހައްދީ ޑިރެކްޓަރުގެ މަގާމުން ސައިމާ ވާޒިދު އިސްތިއުފާ ދެއްވައިފި

Author
އަހުމަދު
11 ސެޕްޓެމްބަރ 2026 10:42
0

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިޔުއެޗްއޯ)ގެ ސައުތު އީސްޓް އޭޝިއާ ސަރަހައްދުގެ ޑިރެކްޓަރު ސައިމާ ވާޒިދު، އޭނާގެ މައްޗަށް ކުރެވިފައިވާ މަކަރާއި ހީލަތުގެ ތުހުމަތުތަކާ ގުޅިގެން މަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ދަރިކަނބަލުން ސައިމާގެ މައްޗަށް ކުރެވިފައިވާ ތުހުމަތުތަކުގެ ތެރޭގައި ތައުލީމީ ފެންވަރާމެދު ދޮގު މައުލޫމާތު ދެއްވުމާއި، ޗައިނާ ދަތުރުފުޅަކާ ގުޅުންހުރި މާލީ މުއާމަލާތްތަކުގައި މަކަރު ހެއްދެވުމާއި، ބަންގްލަދޭޝުން ގަވާއިދާ ހިލާފަށް ބިމެއް ހޯއްދެވި ކަމުގެ ތުހުމަތު ހިމެނެއެވެ. މި މައްސަލަތައް ބަންގްލަދޭޝްގެ އެންޓި ކޮރަޕްޝަން ކޮމިޝަނާއި ޑަބްލިޔުއެޗްއޯއިން ދަނީ ތަހުގީގު ކުރަމުންނެވެ.

މި ތުހުމަތުތަކާ ގުޅިގެން ފާއިތުވި އަހަރުގެ ޖުލައި މަހުން ފެށިގެން ސައިމާ ހުންނެވީ މުސާރަ ނުލިބޭ ގޮތަށް މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރެވިފައެވެ. ޑަބްލިޔުއެޗްއޯގެ ޑިރެކްޓަރ ޖެނެރަލް ޓެޑްރޯސް އަދަނޮމް އަށް ފޮނުއްވި އިސްތިއުފާގެ ސިޓީގައި ސައިމާ ވިދާޅުވެފައިވަނީ، އޭނާގެ މައްޗަށް ކުރެވެނީ ދޮގު ތުހުމަތުތަކެއް ކަމަށާއި، ޖަމިއްޔާގެ ވެރިންނާމެދު އޮތް އިތުބާރު ގެއްލިފައިވާ ކަމަށެވެ.

ފަސް އަހަރުގެ މުއްދަތަކަށް 2024 ވަނަ އަހަރުގެ ކުރީކޮޅު ސަރަހައްދީ ޑިރެކްޓަރުގެ މަގާމާ ހަވާލުވެވަޑައިގެންނެވި ސައިމާގެ އިސްތިއުފާއަކީ ކޮރަޕްޝަނާ ދެކޮޅަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް ބަންގްލަދޭޝްގެ ވަގުތީ ސަރުކާރުން ވަނީ ސިފަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.