މިރޭ ބޭއްވި "އިންޖިނިއަރސް އެވޯޑްސް 2026″ގައި، ޖުމްލަ ހަތަރު އެވޯޑް ހާސިލުކޮށް، މި ހަފްލާގެ އެންމެ ބޮޑު ކާމިޔާބީ މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން ހޯދައިފިއެވެ.
ކުންފުނީގެ ފަރާތުން ދެ އެވޯޑެއް ހާސިލުކުރީ ދެމެހެއްޓެނިވި ޚިދުމަތުގެ ދާއިރާއިންނެވެ. ހދ. ކުޅުދުއްފުށީގައި ސައްތައިންސައްތަ އިއާދަކުރަނިވި ހަކަތައިން ފެން އުފައްދާ، ތިމާވެއްޓާ ރައްޓެހި ނިޒާމުގެ ސަބަބުން 'ސަސްޓެއިނަބިލިޓީ ޗެމްޕިއަން އެވޯޑް' ލިބުނުއިރު، ރ. ދުވާފަރުގައި ކަރަންޓާއި، ފެނާއި، ނަރުދަމާއާއި، ކުނި މެނޭޖުކުރުމުގެ ޚިދުމަތް އެއް ނިޒާމަކުން ފޯރުކޮށްދޭ އިންޓެގްރޭޓަޑް ޔުޓިލިޓީ މޮޑެލްގެ ސަބަބުން 'ކޮމިއުނިޓީ އިމްޕެކްޓް އެވޯޑް' ވެސް ވަނީ ހާސިލުކޮށްފައެވެ.
މީގެ އިތުރުން، ކުންފުނީގެ ރިސްކް އެންޑް ކޮމްޕްލަޔަންސް ޑިވިޝަންގެ ޖެނެރަލް މެނޭޖަރު ޑރ. ފުރުޤާން އިބްރާހީމަށް ވަނީ މި އަހަރުގެ 'އިންޖިނިއަރ އޮފް ދަ އިޔަރ’ގެ ޝަރަފުވެރި މަގާމުގެ އިތުރުން 'އިންޖިނިއަރިންގ އިނޮވޭޝަން، ޓެކްނޮލޮޖީ، އެޑިއުކޭޝަން އެންޑް ރިސާރޗް އެވޯޑް' ވެސް އަރުވާފައެވެ.
މި ކާމިޔާބީއާ ގުޅިގެން އެމްޑަބްލިއުއެސްސީން ބުނީ، މިއީ ކުންފުނީގެ ފަންނީ މުވައްޒަފުންނާއި އިންޖިނިއަރުންގެ މިންނަތް މަސައްކަތުގެ ސާފު ނަތީޖާ ކަމަށާއި، ކުރިއަށް އޮތްތަނުގައި ވެސް ދިރާސާތަކަށް އިންވެސްޓްކޮށް، މުޅި ރާއްޖެއަށް އިތުބާރު ހިފޭ، ދެމެހެއްޓެނިވި ޔުޓިލިޓީ ޚިދުމަތެއް ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ