މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 6 މީހަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 6 މީހަކު ހައްޔަރުކޮށްފި

Author
މުޙައްމަދު ޖިމީ
23 ޖޫން 2021 02:21
0

މަސްތުވާތަކެތީގެ އޮޕަރޭޝަންތަކެއްގައި ހަ މީހަކު ހައްޔަރުކޮށް އެ މައްސަލަތައް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން ހިންގި އެއް އޮޕަރޭޝަނަކީ ރ. ދުވާފަރަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ. ދުވާފަރު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި 29 އަހަރުގެ އަންހެނަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ޖޫސްޕެޓީ ކޮތަޅެއް ފެނިފައިވާކަމަށާއި، މިމައްސަލައާ ގުޅުންހުރި ކަމަށް ބެލެވޭ 32 އަހަރުގެ ފިރިހެނަކު މި މަހު 22 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ގދ. ގައްދޫގައި މީހަކު މަސްތުވާތަކެތި ގެންގުޅޭ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް މި މަހު 21 ވަނަ ދުވަހު އޮޕަރޭޝަނެއް ހިންގާފައިވާކަމަސާއި، ގައްދޫ ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި 34 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާކަމަށް ފުލުހުން ބުންޏެވެ.

އަދި މ. މުލަކުގައި މީހަކު މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހު 21 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި 19 އަހަރުގެ މީހަކު ހައްޔަރުކޮށްފައިވެއެވެ. މުލަކު ޕޮލިސް ސްޓޭޝަނުން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރުމުގެ ތެރޭގައި އޭނާ މަސްތުވާތަކެތި ދިރުވާލާފައިވާ ކަމަށް ބެލެވިގެން ހޮސްޕިޓަލަށް ގެންގޮސް އެތަކެތި އޭނާގެ ހަށިގަނޑުން ނަގާފައިވެއެވެ. އެގޮތުން، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 14 ސެލޯފިންކޮޅު ނަގާފައިވާކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.

ކުޅުދުއްފުށީގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި 25 އަހަރުގެ މީހަކު މި މަހު 21 ވަނަ ދުވަހު ހައްޔަރުކޮށްފައިވެއެވެ. ކުޅުދުއްފުށި ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި  ސެލޯފިންކޮޅެއް ފެނިފައިވާކަމަށްވެސް ބުންޏެވެ.

އަދި މާލެއިން އދ. ދަނގެއްޗަށް މަސްތުވާތަކެތި އެތެރެކުރަންއުޅޭ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންވެސް މިމަހު 21 ވަނަ ދުވަހު މަސްތުވާތަކެތީގެ އޮޕަރޭޝަނެއް ހިންގާފައިވެއެވެ. ދިގުރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި، ދިގުރަށު ބަނދަރު ސަރަހައްދު ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައެއްނުވާކަމަށް ފުލުހުން ބުންޏެވެ.

އޭގެ އިތުރުން، ލ. މާވަށުގައި މީހަކު މަސްތުވާތަކެތި ގެންގުޅޭކަމަށް ތުހުމަތު ކުރެވިގެން މި މަހު 20 ވަނަ ދުވަހުގެ ރޭ އެ ރަށު އަތިރިމަތިން 45 އަހަރުގެ މީހަކު ހުއްޓުވައި ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ގަން މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.