ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލާ ހިސާބަށް ގައުމުގެ ޙާލަތު ދިއުމީ ޖުމްލަ ގޮތެއްގައި މުޅި ގައުމު ފޭލް ވަމުންދާ ކަމުގެ ބިރުވެރި ނިޝާނެއްކަމަށް އަދާލަތު ޕާޓީގެ ކުރީގެ ނައިބް ރައީސް ޑރ. މައުރޫފް ހުސައިން ވިދާޅުވެއްޖެ އެވެ.
ހުޅުމާލޭގައި އުމުރުން އެންމެ 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖަކު ރަހީނުކުރުމަށްފަހު މަރާލައި އެއްލާލާފައި އޮތް ހާދިސާ އާގުޅިގެން ޑރ. މައުރޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މައިންބަފައިންނާއި، އަމަން އަމާންކަމާބެހޭ މުއައްސަސާ އާއި ޢަދުލު އިންސާފުގެ ނިޒާމްގެ އިތުރުން މިއީ މުޅި ގައުމު ޖުމްލަ ގޮތެއްގައި ފޭލް ވަމުންދާ ކަމުގެ ބިރުވެރި ނިޝާނެއް ކަމަށެވެ.
އަދި ކުޑަ ކުއްޖަކު ރަހީނުކޮށް މަރާލާ ހިސާބަށް ގައުމުގެ ކަންކަން ދިއުމުން އަޅުގަނޑުމެންގެ ޙާލަތު މިއަދު ހުރި ގޮތާއި މެދު އެންމެންވެސް ވިސްނަން ނުޖެހޭތޯ ޑރ. މައުރޫފް ވަނީ ސުވާލު އުފައްދާފައެވެ.
"މި އަނިޔާވެރި ޢަމަލު ކުރި މުޖުރިމުންނަށް ޙައްގު އަދަބު ލިބެން ޖެހޭނެއެވެ. ނިޔާވި ކުއްޖާއަށް ރަޙުމަތް ލައްވައި އާއިލާ އަށް ކެތްތެރިކަން ދެއްވާށިއެވެ."
– ޑރ. މައުރޫފް
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި މަރާލާފައި އޮތް 13 އަހަރުގެ މި ކުއްޖާ ރަހީނުކޮށްގެން އުޅޭކަމުގެ ރިޕޯޓު ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެ ކުއްޖާ ހޯދަމުންދަނިކޮށް އެކުއްޖާ ފެނުނީ ރޭ ދަންވަރު 02:38 ހާއިރެވެ. ކުއްޖާ ފެނުނީ މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މޫދާ ދިމާލުންނެނެވެ. މި ކުއްޖާ މޫދަށް އެއްލާލާފައި އޮތީ މަރާލުމަށްފަހު ފޮއްޓަކަށްލާފައެވެ. މި މައްސަލައިގައި ފުލުހުން މިހާތަނަށް ވަނީ 2 މީހަކު ހައްޔަރުކޮށްފައެވެ. އެއީ އުމުރުން 17 އަހަރުގެ ފިރިހެން ކުއްޖަކާއި، 27 އަހަރުގެ ފިރިހެނެކެވެ.
ކޮމެންޓު ފޮނުވާ