ލާދީނީ އޭ ކިޔައިގެން ގޮވަމުންދާ ގޮވުން ނިމުމަކަށް ގެންނަން ކުރީގެ ރައީސް މުޙައްމަދު ނަޝީދު ސޮއިކުރަން ގޮވާލެއްވި ޕެޓިޝަނަކީ ސަރުކާރުގެ އެއްޗެއް ކަމަށާއި އެފަދަކަމެއް ސަރުކާރުން ކުރިއަށް ގެންދިއުން ހުތުރު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެ އެވެ.
ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ އޮންލައިން ޕެޓިޝަނެއް ހިމަނުއްވައި ލާދީނީ އޭ ކިޔައިގެން ގޮވަމުންދާ ގޮވުން ނިމުމަކަށް ގެންނަން އެ ޕެޓިޝަންގައި ސޮއިކުރުމަށް އެދިފައެވެ. މިފަދަ ޕެޓިޝަނެއްގައި ސޮއިކުރުމަށް ރައީސް ނަޝީދު ގޮވާލުމުން ގިނަބަޔަކު ގެންދަނީ އެކަމާއިމެދު ނުރުހުން ފާޅުކުރަމުންނެވެ. އަދި މިއީ އޮންލައިން ޕެޓިޝަނެއް ކަމަށް ވުމުން ގިނައަދަދެެއްގެ ބޭރުމީހުންވެސް މި ޕެޓިޝަންގައި ސޮއިކުރަމުން ގެންދާކަމަށް ގިނަބަޔަކު އަންނަނީ ބުނަމުންނެވެ.
މިކަމާގުޅޭގޮތުން ކުރެއްވި ޓްވީޓެއްގައި ސަޢީދު ވިދާޅުވީ ވެރިކަންކުރަނީ އެމްޑީޕީއާއި ގުޅިފައިވާ ކޯލިޝަނުންކަމައް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަކުރާރުކޮށް ވިދާޅުވެފައި ވާކަމަށެވެ. އެހެންވީމަ މިއީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވައިގެން އެޕާޓީން ކުރާ ކަމެއްކަމަށްބުނެ ބޯދަމައިގަނެވޭނެ ފުރުސަތު ރައީސް ޞާލިޙަށާއި ކޯލިޝަންގެވެރިންނަށް ނޯންނާނެ ކަމަށް ސަޢީދު ވިދާޅުވިއެވެ.
ލާދީނީ ގޮވާގޮތުން ހުއްޓުވުމަށް ޕެޓިޝަނެއް ތައްޔާރު ކުރަމުންދަނީ ނަފްރަތުގެ ޢަމަލު ބަޔާކޮށް ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ބިލު އަނބުރާ ގެންދިއުމަށް އެދި 101 އިލްމުވެރިންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ދަނޑިވަޅެއްގައެވެ.
ކޮމެންޓު ފޮނުވާ