ޕީޖީ އޮފީހުން ބުނަނީ މަހުލޫފްގެ މައްސަލަ އަނބުރާ ފޮނުވާނުލާކަމަށް

ޕީޖީ އޮފީހުން ބުނަނީ މަހުލޫފްގެ މައްސަލަ އަނބުރާ ފޮނުވާނުލާކަމަށް

Author
މުޙައްމަދު ޝަޒައިމް
19 ޖޫން 2021 09:51
0

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގައި ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް މިނިސްޓަރ އަހްމަދު މަހްލޫފަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓަރު ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވި މައްސަލަ އަނބުރާ ފޮނުވާނުލާކަމަށް އެއޮފީހުން ބުނެފިއެވެ.

ޕީޖީ އޮފީހުން ބުނެފައިވަނީ މަހްލޫފުގެ މައްޗަށް ދައުވާ ކޮށްދިނުމަށް އެދި މި މަހުގެ 9 ގައި އޭސީސީން ފޮނުވުމާ ގުޅިގެން މިހާރު ކުރިއަށް ގެންދަނީ "ޑިއުޓީ ޕްރޮސެކިއުޝަން" މަރުހަލާ ކަމަށެވެ. އެހެންވެ، ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމުގެ ކުރިން، ބައެއް ކަންކަން ސާފުކޮށްދިނުމަށް އޭސީސީގައި މީގެ ކުރިން ވެސް އެދިފައިވާނެ ކަމަށެވެ. އެކަމަކު، އަދިވެސް އެ ކަންކަން ސާފުކޮށްދީފައި ނުވާތީ، އެ މައުލޫމާތުތައް ފޮނުވައި ދިނުމަށް ދެވަނަ ފަހަރަށް އެދުނީ ކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގެތެރޭގައި ހިންގާފައިވާ ކޮރަޕްޝަނާއި، ޚިޔާނާތާއި، މަނީ ލޯންޑްރިންގެ މައްސަލަތައް ބެލުމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އާއި، ޕްރެޒިޑެންޝަލް ކޮމިޝަން އޮން ކޮރަޕްޝަން އެންޑް އެސެޓް ރިކަވަރީ އާއި އޭސީސީން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންގެ ތަހުގީގުގެ ތެރޭގައި، ކުށްކޮށްގެން ހޯދާފައިވާ ފައިސާ މަޚްލޫފަށް ލިބިފައިވާކަމަށް ފާހަގަކުރެވިފައިވާ މައްސަލައިގައި ދަޢުވާކުރުމަށް އޭސީސީން ޕީޖީއޮފީހަށް ފޮނުވާފައިވަނީ ޖޫންމަހުގެ 9 ވަނަ ދުވަހުއެވެ.

މި މައްސަލައިގަ މަޚްލޫފުގެ މައްޗަށް ދެ ދަޢުވާއެއްކުރުމަށް ވަނީ ފޮނުވާފައެވެ. ފުރަތަމަ ދަޢުވާއަކީ މަަޚްލޫފް ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް ހުރިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން، އެސް.އީ.ޒެޑްގެ ބިލަށް ވޯޓުދިނުމާއި ޕީ.ޕީ.އެމްގައި ދެމި ހުރުމުގެ މުޤާބިލުގައި 33,000 އެމެރިކާ ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާވި ފައިސާގެ މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނުގެ ދަށުން، ކުރާ ދައުވާއެކެވެ.

އަނެއް ދައުވާއަކީ މަޚްލޫފް ރަސްމީ އިދާރާއަކަށް ދޮގު މަޢުލޫމާތު ދީފައިވާކަން ތަޙްޤީޤަށް އެނގެން އޮތުމުން ދިވެހިރާއްޖޭގެ ޤާނޫނުލް އުޤޫބާތުގެ ދަށުން، އޭނާގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާ މައްސަލައެކެވެ.

މި މައްސަލައިގައި ކޮރަޕްޝަންގެ ތުހުމަތުތަކެއް ކުރެވުމުން މީގެ ކުރިންވެސް މިނިސްޓަރ މަޚްލޫފް ގޭގައި މަޑުކުރުމަށް ރައީސް ވަނީ އަންގަވާފައެވެ. އެފަހަރު މިނިސްޓަރ މަޚުލޫފް މަސައްކަތަށް ނިކުމެވަޑައިގެންނެވީ ކުރެވުނު ތުހުމަތުތަކާ ގުޅިގެން އޭސީސީއާއި ފުލުހުންގެ ތަޙްޤީޤަށްފަހު، އެއްވެސް މައްސަލައެއް ނެތްކަން ހާމަކުރެއްވުމުން، ރަސްމީ މަސައްކަތަށް އަނބުރާ ނުކުންނެވުމަށް ރައީސް އެންގެވުމުންނެވެ.

މަޚްލޫފްގެ އެކައުންޓަށް އެސްއޯއެފް ކުންފުނިން 33،000 ޑޮލަރު ޖަމާކުރި މައްސަލައިގައި މަޚްލޫފް ވިދާޅުވެފައިވަނީ، އޭނާ އެކުންފުންޏާއެކު ހިންގާފައިވަނީ އާއިލީ ވިޔަފާރިއަކަށް ބޭނުންވާ ޑޮލަރު ގަތުމުގެ މުޢާމަލާތެއްކަމަށެވެ. އަދި މިކަމާބެހޭ ލިޔެކިއުންތައްވެސް އޭނާ ވަނީ ސޯޝަލް މީޑިއާގައި ޢާންމުކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.