އެޗްއާރުސީއެމްގެ ރައްދު އެމްޑީޕީއަށް: ނަޝީދަށް ދިންހަމަލާގެ މައްސަލަ ދަނީ ބަލަމުން

އެޗްއާރުސީއެމްގެ ރައްދު އެމްޑީޕީއަށް: ނަޝީދަށް ދިންހަމަލާގެ މައްސަލަ ދަނީ ބަލަމުން

Author
މުޙައްމަދު ޖިމީ
18 ޖޫން 2021 11:09
0

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާ އެޗްއާރުސީއެމްއިން ކުށްވެރިނުކުރާކަމަށް ބުނެ އެމްޑީޕީން ދެއްކި ވާހަކަތައް ހިއުމަންރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް)އިން ދޮގުކޮށްފިއެވެ.

އެމްޑީޕީގެ ޤައުމީ މަޖިލީހުގެ ބައްދަލުވުމުގައި "6 މެއި ކޮމިޓީ" ގެ މަސައްކަތާއި ގުޅޭގޮތުން ވާހަކަ ދައްކަވަމުން ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފް ވަނީ މީހެއްގެ ފުރާނަ ގެއްލޭވަރުގެ ކަމެއް ހިނގިއިރު އެޗްއާރުސީއެމް އިން އެކަން ކުށްވެރިކޮށްލާ ބަޔާނެއްވެސް ނެރުނުކަން އެނގިވަޑައިނުގަންނަވާކަމަށް ވިދާޅުވެފައެވެ.

އެމްޑީޕީގެ އެވާހަކަތައް ދޮގުކުރައްވާ އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ވަނީ،  6 މެއި 2021 ގައި ދިވެހިރާއްޖޭގެ ޤާނޫނު ހަދާ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ނީލޯފަރުމަގުގައި ދެވުނު ނުރައްކާތެރި ޙަމަލާގައި އެމަނިކުފާނުގެ ހަށިކޮޅަށް ލިބުނު އަނިޔާތަކަށް އޭ.ޑީ.ކޭ ހޮސްޕިޓަލުގައި ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އެރޭގެ 21:00 އެހައިކަންހާއިރު އެ ކޮމިޝަނުގެ މެންބަރެއް ހިމެނޭގޮތަށް ޚާއްޞަ ޓީމެއް އެ ހޮސްޕިޓަލަށް ޒިޔާރާތް ކުރިކަމަށެވެ. އަދި މި ޙާދިސާއާ ގުޅިގެން ހޮސްޕިޓަލުގައި ކަން ހިނގަމުންދިޔަ ގޮތް އެރޭގެ 2330 އާ ހަމައަށް ކޮމިޝަނުން ދިޔައީ ބަލަމުންކަމަށާއި، މި އަނިޔާވެރި ޙަމަލާއާ ގުޅިގެން މިކަން ކުށްވެރިކޮށް، މިކަމާ ކަންބޮޑުވުން ފާޅުކޮށް، ރައީސް ނަޝީދަށް އަވަސް
ޝިފާއަކަށް އެދި، އަދި މިޙަމަލާ ދިނުމުގައި ޝާމިލުވާ ފަރާތްތަކަށް ޙައްޤު އަދަބު ދިނުމަށާއި އަދި މި ޙާދިސާ މޮނިޓަރ ކުރަމުންދާ ކަންހާމަކޮށް އެ ކޮމިޝަނުން ވަނީ ޙާދިސާ ހިނގިރޭ ގައި ޓްވީޓް ކޮށްފައިވާކަމަށެވެ.

މި ޙާދިސާއާ ގުޅޭ އިތުރު ޓްވީޓެއް 6 މެއި 2021 ގެ 23:23 ގައި ވެސް އެ ކޮމިޝަނުގެ ރަސްމީ ޓްވީޓަރ އެކައުންޓް އިން ވަނީ ކޮށްއިވާކަމަށްވެސް އެޗްއާރުސީއެމް އިން ބުނެފައިވެއެވެ. މީގެ އިތުރުން 07 މެއި 2021 ގެ 21:10 ގައި އެކޮމިޝަނުން މި ޙަމަލާއާ ގުޅޭ ނޫސްބަޔާނެއް ޓްވިޓަރ މެދުވެރިކޮށް ވަނީ ޢާއްމުކޮށްފައިކަމަށްވެސް އެޗްއާރުސީއެމް އިން ބުންޏެވެ.

މި ބަޔާނުގައި މި ޙަމަލާ ކުށްވެރި ކުރުމުގެ އިތުރުން މި ޙަމަލާއާ ގުޅިގެން ކަމާބެހޭ މުއައްސަސާތަކުން ޢަމަލު ކުރަމުންދާ ގޮތް މޮނިޓަރ ކުރަމުންދާކަން ވަނީ ބަޔާންކޮށްފައެވެ. މީގެ އިތުރުން، މިފަދަ އަނިޔާވެރި ޢަމަލުތަކަކީ އެތައް ބައެއްގެ ދިރިހުރުމުގެ ޙައްޤާ ގުޅިފައިވާ އަދި މިނިވަންކަމުގެ ޙައްޤަށް ވެސް އެކަމުން ނޭދެވޭ އަސަރު ކުރާނޭ ކަމެއް ކަމުގައި އެ ބަޔާނުގައި ވާނީ ފާހަގަކޮށްފައެވެ. އަދި މިފަދަ ޙަމަލާތަކަށް ވާގިވެރި ނުވުމަށާއި އަނިޔާވެރިކަމާއި ލޭ އޮހޮރުވުމަށް ދިވެހި މުޖުތަމަޢުގައި ޖާގަދެވިގެން ނުވާނެ ކަމަށްވެސް މި ބަޔާނުގައި ވާނީ ފާހަގަކޮށްފައެވެ. މި ޙާދިސާއާ ގުޅިގެން މި މައްސަލައާ ގުޅުންހުރި ކަންކަން މިކޮމިޝަނުން ދަނީ ބަލަމުންނެވެ. އެގޮތުން، ދައުލަތުގެ ކަމާ ގުޅުން ހުރި އިދާރާތަކުން ޢަމަލުކޮށްފައިވާ ގޮތާއި ކުރަމުންދާ ގޮތް ބަލައި، ތަޙްޤީޤަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް މާލޭ ސިޓީ ކައުންސިލާއި މޯލްޑިވްސް ޕޮލިސް ސަރވިސް އާއި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ އަދި މިނިސްޓްރީ އޮފް ޑިފެންސް އަށް ލިޔުމުން ވާނީ ހުށަހަޅާފައެވެ. އަދި މިހާތަނަށް މިނިސްޓްރީ އޮފް ޑިފެންސް ފިޔަވައި އެހެނިހެން މުއައްސަސާތަކުން މި ކޮމިޝަނުން އެދިފައިވާ މައުލޫމާތު ޙިއްޞާކޮށްފައިވާކަން ފާހަގަ ކުރަމެވެ.

– އެޗްއާރުސީއެމް

އެޗްއާރުސީއެމް އިން ބުނީ، ރައީސް މުޙައްމަދު ނަޝީދަށް އަމާޒުކޮށް ދީފައިވާ ނުރައްކާތެރި ޙަމަލާއާ ގުޅިގެން ޚާއްޞަ ސަމާލުކަމެއް ދީގެން އެ ކޮމިޝަނުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގައި، އަދި ވަކިން ޚާއްޞަކޮށް ހިއުމަން ރައިޓްސް ކޮމިޝަންގެ މަސައްކަތްތައް ހަރުދަނާކުރުމަށް ކޮމިޝަނުގެ 5 ވަނަ ދައުރުން ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގައި ކޮމިޝަނާ މެދު ޢާއްމު ރައްޔިތުންގެ އިތުބާރު ގެއްލޭ ގޮތަށް އެއްވެސް ފަރާތަކުން ޙަޤީޤަތާ ޚިލާފު މަޢުލޫމާތު ހާމަކުރުމަކީ އެކޮމިޝަނުން ނުހަނު ކަންބޮޑުވާ ކަމެއްކަމަށެވެ. ޚާއްޞަކޮށް ދިވެހިރައްޔިތުންގެ ޑިމޮކްރަޓިކް ޕާޓީއިން މި ޙާދިސާއާ ގުޅިގެން މުއައްސަސާތަކުން ޢަމަލު ކުރާ ގޮތް ބެލުމަށް އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާއިން އެކުލަވާލި "6 މެއި ކޮމިޓީ" އަށް ހޯދުނު މަޢުލޫމާތު ހާމަ ކުރެއްވުމުގައި މި ކޮމިޝަނުގެ ރަސްމީ ޓްވީޓަރގައި ޢާއްމުކޮށްފައިވާ މަޢުލޫމާތުތަކަށް ބެއްލެވުމެއްނެތި އަދި ކޮމިޝަނުގެ މަސައްކަތްތަކުގެ މަޢުލޫމާތު އެ ކޮމިޝަނުން ހޯއްދެވުމަށް އެއްވެސް މަސައްކަތެއް ކުރެއްވުމެއް ނެތިޙަޤީޤަތާ ޚިލާފު މަޢުލޫމާތު ޢާއްމުކުރައްވާފައިވާތީ އެކަމާ ކަންބޮޑުވެ ހިތާމަ ކުރަމެއްކަމަށްވެސް އެޗްއާރުސީއެމްއިން ބުނެފައިވެއެވެ.

ރައީސް ނަޝީދަށް ދިން ހަމަލާއާއި ގުޅިގެން މިހާތަނަށް 5 މީހަކު ވަނީ ހައްޔަރުކޮށްފައެވެ. ނަމަވެސް ހަމަލާގެ ފަހަތުގަިއ ތިބި މީހުންނާއި، ހަމަލާއަށް ފަންޑުކުރި މީހުންވެސް ހޯދިފައިނުވާކަމަށް ބުނެ އެމްޑީޕީގެ މަޖިލިސް ބައެއް މެންބަރުންނާއި އެމްޑީޕީގެ ބައެއް ފަރާތްތަކުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް ސަރުކާރަށް ފާޑުކިޔަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.