ރައީސް ނަޝީދުގެ ފައިގެ އިތުރު ސާޖަރީއެއް ހަދަނީ

ރައީސް ނަޝީދުގެ ފައިގެ އިތުރު ސާޖަރީއެއް ހަދަނީ

Author
މުޙައްމަދު ޝަޒައިމް
17 ޖޫން 2021 02:05
0

މާލޭގައި މިދިޔަ މަހުގެ ވަނަ ދުވަހުގެ ރޭ ދިން ބޮމުގެ ހަމަލާއެއްގައި ބޮޑެތި ޒަހަމްތަކެއް ލިބިވަޑައިގެންނެވި ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ފައިގެ އިތުރު ސާޖަރީއެއް ހަދަން ފަށައިފިއެވެ.

އެމަނިކުފާނުގެ ފައިގެ އިތުރު ސާޖަރީއެއް ހަދަމުންދާކަން ހާމަ ކުރެއްވީ އެމަނިކުފާނުގެ ބޮޑުބޭބޭފުޅު ނާޒިމް ސައްތާރެވެ. ރައީސް ނަޝީދުގެ ފައިގެ ސާޖަރީއެއް މިއަދު ކުރަމުންދާއިރު، މީގެ 5 ވަރަކަށް ދުވަސް ކުރިންވެސް އެމަނިކުފާނުގެ ފައިގެ ސާޖަރީއެއް ވަނީ ހަދާފައެވެ. ނަމަވެސް އެ ސާޖަރީގެ އިތުރު ތަފްސީލެއް ނުދެއްވައެވެ.

ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް، ފަރުވާ ހޯއްދެވުމަށް ޖަރުމަނަށް ވަޑައިގެންނެވީ މެއި 13 ވަނަ ދުވަހުއެވެ.

ނަޝީދު ޖަރުމަނުވިލާތަށް ފުރާވަޑައިގެންނެވީ އޭޑީކޭގައި ހަފްތާއެއްހާ މުއްދަތަކަށް ފަރުވާ ހޯއްދެވުމަށް ފަހުއެވެ. އެމަނިކުފާނު އަވަހާރަކޮށްލަން ދިން ހަމަލާއިން ސަލާމަތްވެވަޑައިގެންނެވީ ވަރަށް ހަނިގޮތަކަށެވެ. ލިބިވަޑައިގެންނެވި ޒަހަމްތަކުގެ ސަބަބުން ގިނަ އަދަދެއްގެ ސާޖަރީތަކެއް ވެސް ހެއްދެވިއެވެ.

ރައީސް ނަޝީދަށްދިން ބޮމުގެ ޙަމަލާއާއި ގުޅިގެން މިހާތަނަށްވަނީ އެހަމަލާގައި އަމަލީގޮތުން ބައިވެރިވި މީހުންނާއި، ބޮންގޮއްވާލި ސައިކަލުގެ ވެރިފަރާތް ހިމެނޭހެން ޖުމްލަ 4 މީހަކު ހައްޔަރުކޮށްފައެވެ. މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒްކޮށްދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން އިންޓެލިޖެންސް އޮޑިޓް ރިޕޯޓެއް ތައްޔާރުކުރުމުގެ މަސައްކަތް ސަރުކާރުންވަނީ ފަށާފައެވެ. އަދި ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސް އޮޑިޓުގެ މަސައްކަތް ވަރަށްއަވަހަށް ނިންމައި މަސައްކަތުގެ ދިރާސާ ރިޕޯޓަކާއި، ކޮމެޓީގެ ރިކޮމެންޑޭޝަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްސާކުރައްވާނެކަމަށް ސަރުކާރުންވަނީ ހާމަކުރައްވައިފިއެވެ.

އަދި ރައީސް ނަޝީދަށް ދިން ޓެރަރިސްޓް ޙަމަލާގެ ކަންކަން ގާތުން ބެއްލެވުމަށްޓަކައި މިހާރުވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ މަންދޫބެއް އައްޔަންކުރައްވައިފިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.