މަސްތުވާތަކެތީގެ މައްސަލައެއްގައި ކްރިމިނަލް ކޯޓުން އުމުރަށް ޖަލަށްލި މީހެއްގެ ހުކުމް ހައި ކޯޓުން ބާތިލްކޮށްފި އެވެ.
ހ. ބްރެޑްލީ، ހުޒެއިމަތު ނައީމްގެ އަތުން މަސްތުވާތަކެތި ފެނުނީ މާލޭގައި މާރާމާރީއެއް ހިނގައިގެން އުޅޭ ތަނަކަށް ފުލުހުން ދިޔަ އިރު އޭނާ އެތަނުގައި މަސްތުގެ ހާލަތުގައި ހުއްޓާ، ފުލުހުން އޭނާ ބަލައި ފާސް ކުރުމުންނެވެ. އޭނާ ބަލައި ފާސްކުރިއިރު އޭނާގެ އަތުން ފިލްމު ހުސްކުރި ދަޅެއްގައި 17.3 ގްރާމުގެ ކެނެބިސް ފެނިފައިވެ އެވެ.
އެ މައްސަލައިގައި ދައުލަތުން އޭނާގެ މައްޗަށް އުފުލީ ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ އެވެ. މަސްތުވާތަކެއްޗަށް ދެވިހިފާފައިވާ މީހެއްގެ އަތުގައި 14 ގްރާމަށް ވުރެ ގިނަ އަދަދަކަށް ކެނެބިސް ނުވަތަ ކެނެބިސް މިކްސްއެއް ނުވަތަ ކެނެބިސް ރެޒިން ހުރެއްޖެ ނަމަ، އޭނާގެ މައްޗަށް ކެނެބިސް ޓްރެފިކް ކުރުމުގެ ދައުވާ ކުރެވޭނެ އެވެ.
އޭނާގެ އަތުން މަސްތުވާތަކެތި ފެނުނު ކަމަށާއި އޭނާ އަކީ މަސްތުވާތަކެތި ބޭނުން ކުރާ މީހެއް ކަމަށް ކްރިމިނަލް ކޯޓުގައި އޭނާ އެއްބަސްވެފައި ވެސްވެއެވެ. މި މައްސަލާގައި ކްރިމިނަލް ކޯޓުން ހުކުމް ކުރީ އޭނާ 100،000ރ. އިން ޖޫރިމަނާ ކުރުމާ އެކު އުމުރު ދުވަހަށް ޖަލަށް ލުމަށެވެ.
މި މައްސަލައިގައި ހައި ކޯޓުގައި ސުވާލު އުފެދުނީ ހުޒެއިމަތުގެ އަތުން ފެނުނު މަސްތުވާތަކެތީގެ ބަރުދަން ފުލުހުން ބެލި ގޮތާ މެދު އެވެ. ހުޒެއިމަތުގެ ފަރާތުން ހައި ކޯޓުގައި ބުނެފައި ވަނީ ފުލުހުން މަސްތުވާތަކެތީގެ ބަރުދަން ބަލާފައި ވަނީ ފިލްމު ހުސްކުރި ދަޅު ވެސް ހިމަނައިގެން ކަމަށާއި އެއީ ގާނޫނާ ހިލާފަށް ކުރި ކަމެއް ކަމަށެވެ. ނަމަވެސް، ދައުލަތުން ބުނެފައި ވަނީ މަސްތުވާތަކެތީގެ އަދަދު ބަލާފައި ވަނީ ފިލްމު ހުސްކުރި ދަޅު ނުލައި ކަމަށެވެ.
އޭގެ އިތުރުން، 17.3 ގްރާމު ހަމަ ވަނީ އިމްޕިއުރިޓީސްއާ ނުލައި ކަމަށް ދަށު ކޯޓުގައި ފުލުހުން ބުނެފައިވާއިރު އެ އަދަދު ހަމަވަނީ ކޮން ގޮތަކުން ކަމާ މެދު ސުވާލު އުފެއްދި އެވެ. އޭގައި ހުރި މަސްތުވާތަކެތީގެ ބަރުދަނަށް ވާނީ ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލް ހިމެނޭހެން ޖުމްލަ 12.4 ގްރާމު ކަމަށް ހުޒެއިމަތުގެ ފަރާތުން ބުނެފައިވެ އެވެ.
މި މައްސަލާގައި ފުލުުހުން ހެދި ތަހުލީލު ރިޕޯޓުގައި ވަނީ ފިލްމު ހުސްކުރި ދަޅުން ފެނުނީ 11.34 ގްރާމުގެ ޓެޓްރާހައިޑްރޯކެނެބިނޯލް އާއި 1.05 ގްރާމުގެ ކެނެބިނޯލްއާ އެކު ޖުމްލަ 17.3 ގްރާމު ކަމަށެެވެ. އިމްޕިއުރިޓީސް ނުވަތަ އެހެން މާއްދާތައް ފެނުނު ނަމަވެސް، އޭގެބަރުދަނެއް ބުނެފައި ނުވެ އެވެ.
މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓުގެ އެއްވެސް ތަނެއްގައި ބަރުދަން ބެލީ ދަޅު ހިމަނައިގެން ނުވަތަ ނޫން ކަމެއް ބަޔާންކޮށްފައި ނުވާ ކަމަށް ހުކުމުގައިވެ އެވެ. އަދި ޖުމްލަ ބަރުދަނަކީ 17.3 ގްރާމު ކަމަށް އެ ރިޕޯޓުގައި ބަޔާން ކުރިޔަސް، އޭގައި ހުރި ކަމަށް ބުނާ ޓެޓްރާހައިޑްރޯކެނެބިނޯލް އާއި ކެނެބިނޯލްގެ ބަރުދަން އެއްކޮށްލުމުން ހަމަވަނީ 12.4 ގްރާމުކަން ވެސް ހުކުމުގައި ފާހަގަކުރި އެވެ.
ހައިކޯޓުގެ ހުކުމުގައި ވަނީ ސަތާރަ ގްރާމު އަންނަނީ އިމްޕިއުރިޓީސް ނުހިމަނާ ކަމަށް ވެސް ފުލުހުން ދަށު ކޯޓުގައި ބުނެފައިވާ އިރު ޖުމްލަ މަސްތުވާތަކެތީގެ އަދަދު 17.3 އަށް އަރާ ގޮތް އެކަށީގެންވާ ޝައްކެއް ނެތް މިންވަރަށް ޔަގީން ނުވާ ކަމަށެވެ.
ހައިކޯޓުގެ ހުކުމުގައި އިތުރަށް ބުނެފައި ވަނީ މި މައްސަލާގައި ފެނުނު މަސްތުވާތަކެތީގެ ޖުމްލަ އަދަދަކީ 12.4 ގްރާމު ކަމަށް ބުރަވެވޭ ކަމަށެވެ. އެ މިންވަރުން ވެސް ޓްރެފިކް ކުރުން ސާބިތު ކުރެވިދާނެ ގޮތްތައް ގާނޫނުގައި ހުރި ކަމަށް ހުކުމުގައިވެ އެވެ. ނަމަވެސް، އެ ކަން ދައުލަތުން ދަށު ކޯޓުގައި ސާބިތުކޮށްދީފައި ނުވާ ކަމަށް ވެސް ހައިކޯޓުގެ ހުކުމުގައި ވަނީ ބުނެފައެވެ.
އެހެންވެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުން ހުކުމް ކުރެއްވީ ކްރިމިނަލް ކޯޓުގެ ހުކުމް ބާތިލު ކުރުމަށެވެ.
ކޮމެންޓު ފޮނުވާ