ކޮރަޕްޝަންގެ ޢަމަލެއް ހިންގައިގެން މަޤާމުން ދުރުކުރާކަމަށް ނުޖެހޭނެ، އެފަދަ ޢަމަލެއް ނުހިންގަން: ސަޢީދު

ކޮރަޕްޝަންގެ ޢަމަލެއް ހިންގައިގެން މަޤާމުން ދުރުކުރާކަމަށް ނުޖެހޭނެ، އެފަދަ ޢަމަލެއް ނުހިންގަން: ސަޢީދު

Author
މުޙައްމަދު ޖިމީ
16 ޖޫން 2021 04:33
0

ކޮރަޕްޝަންގެ ޢަމަލެއް ހިންގައިގެން މަޤާމުން ދުރުކުރާކަށް ނުޖެހޭނެކަމަށާއި، އެއީ އެފަދަ ޢަމަލެއް ހިންގާފައި ނުވާތީކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.

ސަޢީދު މިހެން ވިދާޅުވެފައިމިވަނީ ފެނަކަ ކޯޕަރޭޝަންގެ ކޮރަޕްޝަންގެ މައްސަލަތަކެއް އޭސީސީން ބަލަމުންދާ ދަނޑިވަޅެއްގައެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނުން ދިޔައީ ފެނަކައާއި ގުޅުން ހުރި ކޮރަޕްޝަންގެ 22 މައްސަލަ ތަހުގީގުކުރަމުންނެވެ. އޭގެ ތެރެއިން ހަތަރު މައްސަލައެއް ނިންމީ ކޮރަޕްޝަންގެ އަމަލެއް ނުހިމެނޭ ކަމަށެވެ. އެހެންކަމުން މިހާރު ފެނަކައިގެ 18 މައްސަލައެއް އަންނަނީ ތަހުގީގުކުރަމުންނެވެ.

ފެނަކައާއި ގުޅޭގޮތުން އަލަށް ހުށަހެޅިފައިވާ މައްސަލަތަކަކީވެސް މީގެ ކުރިންވެސް ހުށަހެޅިފައިވާފަދަ ކޮރަޕްޝަންގެ މައްސަލަތަކެކެވެ. އެގޮތުން ތަކެތި ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލު ކޮށްފައިވާ މައްސަލަތަކެއް ވަނީ އޭސީސީއަށް ހުށަހެޅިފައެވެ. އޭގެ ތެރޭއި ހޮޅިތަކެއް ހޯދި މައްސަލަތަކެއްގައި ކޮރަޕްޝަން އެކުލެވޭ މައްސަލައެއްވެސް ހިމެނެއެވެ.

ފެނަކައާ ގުޅޭގޮތުން އޭސީސީ އަށް ކުރިން ހުށަހެޅި ގިނަ މައްސަލަތައް އަމާޒުވީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށެވެ. ނަމަވެސް އެކަންކަން ދޮގުކުރައްވާ އަޙްމަދު ސަޢީދު ވިދާޅުވީ، ކޮރަޕްޝަންގެ ޢަމަލެއް ހިންގައިގެން އޭނާހުރި މަޤާމުނ ދުރުކުރަން ނުޖެހޭނެކަމަށާއި، އެއީ އެފަދަ ޢަމަލެއް ހިންގާފައި ނުވާތީކަމަށެވެ. ސަޢީދު ވިދާޅުވީ، އަބުރު ކަތިލުމަށްޓަކައި އަސާސެއްނެތް ހަގީގަތާއި ޚިލާފު ދޮގު ވާހަކަތައް ނުދެއްކުމަށް އެދޭކަމަށެވެ.

ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ވެސް މީގެ ކުރިން ވަނީ ގެނެސްފައެވެ.

ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ފާހަގަކޮށް އޭސީސީގެ ރައީސް މަރިޔަމް ޝިއުނާ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ ފެނަކައާ ގުޅިގެން ހުށަހެޅި ބައެއް މައްސަލަތައް ތަހުގީގުކޮށްފައިވާ އިރު އަނެއް ބައި މައްސަލަތަކުގެ ތަހުގީގު ކުރިއަށްދާ ކަމަށެވެ. މި މައްސަލަތަކަށް ބަލާއިރު “ފެނަކަ ކޯޕަރޭޝަންގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ބައެއް ކަންކަން ހިނގަމުންދާ ކަން ކޮމިޝަނުގެ ތަހުގީގުތަކުން ފާހަގަކުރެވިފައިވާ” ކަމަށް، ސިޓީގައިވެއެވެ.

ފެނަކަ އިން މުދަލާއި ހިދުމަތް ހޯދުމާއި ރެކްރޫޓްމަންޓް ޕްރޮސެސްގެ ތެރޭގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހިނގާ ކަންތައްތަކުގެ މައްޗަށް އޭސީސީން ވަނީ ރިޕޯޓެއް ވެސް އެކުލަވާލައިފައެވެ. އެ ރިޕޯޓުގައި، ފެނަކައިގެ ތެރޭގައި ކޮރަޕްޝަންގެ ހާލަތާއި އެ މައްސަލަތައް ތަހުގީގު ކުރުމުގައި އޭސީސީއަށް ދިމާވާ ގޮންޖެހުންތައް ވެސް ވަނީ ހިމަނައިފައެވެ.

ފެނަކައިން އެއިދާރާއާއި ގުޅުންހުރި ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ހުށަހެޅުމުން އެކަން ދޮގުކޮށް ބަޔާނެއް ނެރެފައެވެ. އެބަޔާނުގައި ބުނެފައިވަނީ ފެނައިގެ ވެރިންނާއި ގުޅޭގޮތުން ހަގީގަތާއި ޚިލާފް ދޮގުވާހަކަ ދައްކައި އަބުރު ކަތިލަމުންދަނީ ހޯދަމުންދާ ކާމިޔާބުތަކަށް ޙަސަދުވެރިވާ ބަޔަކު ކަމުގައެވެ.

ފެނަކަ ކޯޕަރޭޝަނަކީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސްގެ ސިޔާސަތު އިއުލާންކޮށްފައިވާ މި ސަރުކާރުގެ ކުންފުނިތަކުގެ ތެރެއިން ކުފުންޏެކެވެ.

ފެނަކަ ކޯޕަރޭޝަަނަކީ ކުރީ ސަރުކާރުގައިވެސް ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކެއް ފެންމަތިވި ކުންފުންޏެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.